ޚަބަރު

ގުޅުންޤާއިމުކުރަން ސަޢުދީއާއި އީރާނުން އަނެއްކާވެސް މަޝްވަރާކުރަނީ


ސަޢުދީ ޢަރަބިއްޔާއާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ފިލުވާއި ދެ ޤައުމުގެ ދެމެދުގައި އަލުން ގުޅުންތައް ޤާއިމުކުރުމަށް އަނެއްކާވެސް މަޝްވަރާކުރަން ފަށައިފިއެވެ.

ސަޢުދީ ޢަރަބިއްޔާއާއި އީރާނާ ދެމެދު ދާޢިމީ ޞުލްޙަވެރިކަމެއް ޤާއިމުކުރުމަށް މެދުވެރިއެއްގެ ދަޢުރު ޢަދާކުރަނީ ޢިރާޤުންނެވެ. އެ ގޮތުން މަޝްވަރާތަކުގެ ފަސްވަނަ ބުރެއް ބާވާފައިވަނީ ޢިރާޤުގެ ވެރިރަށް ބަޣުދާދުގައެވެ. އެ މަޝްވަރާތަކުގައި ދެ ޤައުމުގެ ދެމެދުގައި ގުޅުން ޤާއިމުކުރުމަށް އެދެވޭ ކުރިއެރުންތަކެއް ލިބިފައިވެއެވެ. ސަޢުދީ ޢަރަބިއްޔާއާއެކު ކުރަމުންދިޔަ މަޝްވަރާތައް އީރާނުން މެދުކަނޑާލާފައިވަނީ މިދިޔަ މާރިޗު މަހުގެ ތެރޭގައެވެ. އީރާނުން މަޝްވަރާތައް މެދުކަނޑާލި ވަކި ސަބަބެއް ނުބުނި ނަމަވެސް އެ ދުވަސްވަރު ސަޢުދީ ޢަރަބިއްޔާއިންވަނީ 81 މީހެއްގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކޮށްފައެވެ. އޭގެ ތެރޭގައި 41 ޝިއީންވެސް ހިމެނެއެވެ.

ސުންނީ މުސްލިމުންގެ އެންމެ ނުފޫޒުގަދަ ޤައުމުކަމަށްވާ ސަޢުދީ ޢަރަބިއްޔާއާއި ޝިއީންގެ އެންމެ ނުފޫޒުގަދަ ޤައުމުކަމަށް އީރާނާ ދެމެދު ސީދާ އަސްކަރީ ކުރިމަތިލުމެއް ނުހިނގި ނަމަވެސް މެދުއިރުމަތީގައި ސުންނީންނާއި ޝިއީންނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގައި އެ ދެ ޤައުމުގެ ދަޢުރު ބޮޑެވެ. އެ ގޮތުން އެ ދެ ޤައުމުގެ އެއްބާރުލުމާއެކު ޢިރާޤާއި ސޫރިޔާއާއި ލުބުނާނާއި ޔަމަނުގައި ޙަރަކާތްތެރިވާ އެކި ޖަމާޢަތްތަކުގެ މެދުގައި އެތައް އަހަރެއްވަންދެން ކުރިމަތިލުން ދަނީ ހިނގަމުންދެއެވެ. ނަމަވެސް ސަޢުދީ ޢަރަބިއްޔާއާއި އީރާނާ ދެމެދު ދާޢިމީ ޞުލްޙަވެރިކަމެއް ޤާއިމުކުރެވިއްޖެނަމަ މެދުއިރުމަތީގައި ހިނގަމުންދާ ބޮޑެތި ހަމަނުޖެހުންތަކަށް ހުއްޓުމެއް އަންނާނެކަމަށް ބެލެވެއެވެ.

ސަޢުދީ ޢަރަބިއްޔާއިން އީރާނާ ގުޅުން ކަނޑާލާފައިވަނީ 2016ވަނަ އަހަރުގެ ތެރޭގައި ޝިއީންގެ ޝޭޚެއްގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރުމުން ހިތްހަމަނުޖިގެން މުޒާހަރާކުރަމުންދިޔަ ގިނަ ޢަދަދެއްގެ ބަޔަކު އީރާނުގެ ވެރިރަށް ތެހުރާނުގައި ހުންނަ ސަޢުދީ ޢަރަބިއްޔާގެ އެންބަސީއަށް ވަދެގަނެ ހަމަނުޖެހުން ހިންގުމުންނެވެ.