ޔުއޭފާ ވިމެންސް ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގައި އެންމެފަހުގެ ޗެމްޕިއަން ބާސެލޯނާ ފެމެނީނޯ އާއި ވީއެފްއެލް ވުލްފްސްބަރގް ލޭޑީޒްގެ މެދުގައި ކުޅުނު ފުރަތަމަ ލެގް ބާސާއިން ފަސޭހަ ކަމާއެކު ކާމިޔާބުކޮށްފިއެވެ.
ބާސާގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ ފަސް ލަނޑު އެއްލަނޑުންނެވެ.
ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މެޗް ބަލާލުމަށްޓަކައި ރިކޯޑް އަދަދަކަށް މީހުން ކޭމްޕް ނޫ އަށް ވަދެފައިވެއެވެ. މިގޮތުން މިމެޗް ބަލާލުމަށް 91 ހާސް 648 މީހުން ކުޅިބަލަން ވަދެފައިވާކަމަށް މަުއުލޫމާތުލިބެއެވެ. މިދިޔަ ސީޒަންގައި ތިން ތަށި ކާމިޔާބުކުރީ ބާރސާއިން މިމެޗްގެ ފުރަތަމަ 10 މިނެޓްގެ ތެރޭގައި ވަނީ ދެ ލަނޑު ކާމިޔާބުކޮށް މެޗްގައި ހަމަޖެހިލާފައެވެ. މިދެލަނޑު މެޗްގެ ތިން ވަނަ މިނެޓާއި 10 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އައިޓާނާ ބޮންމަޓީ އާއި ކެރޮލީން ގްރަހަމް ހެންސެންއެވެ. އަދި ތިންވަނަ ލަނޑު މެޗްގެ 33 ވަނަ މިނެޓްގައި ޖެނީ ހަރމޯސޯ ޖަހާދިން އިރު ހަތަރު ވަނަ ލަނޑު މެޗްގެ 38 ވަނަ މިނެޓްގައި ޖަހާދިނީ އެލެކްސިސް ޕުޓެޔާސްއެވެ. މިމެޗްގައި ވުލްފްސްބަތގްއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 70 ވަނަ މިނެޓްގައި ޖަހާދިނީ ޖިލް ރޫޑްއެވެ. އަދި ބާސާއިން މިމެޗްގައި ކާމިޔާބުކުރި ފަސްވަނަ ލަނޑު މެޗްގެ 85 ވަނަ މިނެތްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ހަތަރު ވަނަ ލަނޑުވެސް ޖަހާދިން ޕުޓެޔާސްއެވެ.
މިކާމިޔާބީއާއެކު ވިމެންސް ޗެމްޕިއަންސް ލިގުގެ ފައިނަލުގެ ޖާގައެއް ގާތް ގަޑަކަށް ބާސެލޯނާ ފެމެނީނޯއިން ޔަގީން ކޮށްފައިވާއިރު ވުލްފްސްބަރގް ލޭޑީޒްއަށް ޖެހިފައިމިވަނީ އަމިއްލަ ދަނޑުގައި ކުޅޭ ދެވަނަ ލެގްގައި ފަހަތުން އަރާ ބާރސާ ބަލިކުރާށެވެ. ނަމަވެސް މިއީ މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލިގުގެ ސެމީފައިނަލްގެ ފުރަތަމަ ލެގްގައި ޕެރިސް ސެއިންޓް ޖަރމެއިން އާއި ކުޅެ އެއްލަނޑު އެއްލަނޑުން އެއްވަރު ވިފަހުން މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ބާރސާ ކާމިޔާބު ކޮށްފައިވުމުން މިއީ ވަރަށް ދުރު ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.
ސެމީ ފައިނަލްގެ ދެވަނަ މެޗްގެ ފުރަތަމަ ލެގްގައި މާދަމާ ރޭ ބައްދަލުކުރާނީ ލިޔޯން އާއި ޕީއެސްޖީއެވެ