ކުޅިވަރު

ސިވިލިއަންސް، އިކުއިވަލެންޓް ލައިން އަދި އެލިއާއަށް މޮޅެއް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ކޮލްޕެނީ ޓޭޕް ބޯލް މުބާރާތުގެ މެޗުތައް ސިވިލިއަންސް، އިކުއިވަލެންޓް ލައިން އަދި އަލިޔާ މޯލްޑިވްސްއިން ކާމިޔާބުކޮށްފިއެވެ.

ހުކުރު ދުވަހު ހެނދުނު ކުޅުނު ފުރަތަމަ މެޗު އެސްޓީއޯ އާއި ބައްދަލުކޮށް ޓީމް ސިވިލިއަންސް ކާމިޔާބުކުރީ 8 ލަނޑުންނެވެ. ސުވިލިއަންސް ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި 121 ލަނޑު ހެދިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނު މުޙައްމަދު ސިޔާމް އަދި ސަވިންދަރ މިއިން ކޮންމެ ކުޅުންތެރިއަކު 31 ލަނޑުހެދިއެވެ.

ޖަވާބުގައި އެސްޓީއޯ ކުޅެންއަރާ 8 އޯވަރު ހަމަވިއިރު ހެދުނީ 113 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 44 ލަނޑު ހެދި ހަލާލް ހުސެއިންއެވެ.

ދެވަނަ މެޗުގައި ލެމަންގްރާސްގެ މައްޗަށް އިކުއިވަލެންޓް ލައިން ކުރިހޯދީ 8 ވިކެޓުންނެވެ.

ލެމަންގްރާސްއިން ކުޅެންއަރާ 8 އޯވަރު ހަމަވިއިރު ހެދިފައިވަނީ 69 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 15 ލަނޑު ހެދި ބިންދުކާއެވެ. އަދި ޕްރިޔަންތަ ސިލްވާ ވަނީ 4 ވިކެޓު ނަގައިފައެވެ. ޖަވާބުގައި އިކުއިވަލެންޓް ލައިން ކުޅެންއަރާ 4 ވަނަ އޯވަރުގައި 70 ލަނޑު ހަދާ މެޗު ކާމިޔާބުކުރިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 36 ލަނޑު ހެދި ރަންގާއެވެ.

ތިންވަނަ މެޗުގައި އެމްޓީސީސީގެ މައްޗަށް އެލިއާ އިން ކުރިހޯދީ 8 ވިކެޓުންނެވެ.

އެމްޓީސީސީން ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި 76 ލަނޑު ވަނީ ހަދައިފައެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 44 ލަނޑު ހެދި ޕްރަކާސްއެވެ. ޖަވާބުގައި އެލިއާ އިން ކުޅެންއަރާ 5 ވަނަ އޯވަރުގައި 81 ލަނޑު ހަދާ މެޗު ކާމިޔާބުކުރިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 36 ލަނޑު ހެދި ރިލްވާން އާއި 19 ލަނޑު ހެދި ހަމީދުއެވެ.

ހުކުރު ދުވަހު ހަވީރު ވަނީ އޮފީސް ޓޭޕްބޯލް މުބާރާތުގެ ދެ މެޗުވެސް ކުޅެފައެވެ. ފުރަތަމަ މެޗުގައި ހަޔާ އެޑިއުކޭޝަން އާއި ބައްދަލުކޮށް މީރާއިން މެޗު ކާމިޔާބުކުރީ 30 ލަނޑުންނެވެ.

ހަޔާ އެޑިއުކޭޝަނުން ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި 85 ލަނޑު ވަނީ ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 30 ލަނޑު ހެދި އާދަމްއެވެ. ޖަވާބުގައި މީރާއިން ކުޅެންއަރާ 5 އޯވަރުގެ ތެރޭގައި 91 ލަނޑު ހަދާ މެޗު ވަނީ ކާމިޔާބުކޮށްފައެވެ. މީރާއިން އެންމެ ރަނގަޅަށް ކުޅުނީ 34 ލަނޑު ހެދި މުޙައްމަދު ޖިނާހުއެވެ.

ހުކުރު ދުވަހު ހަވީރު ކުޅުނު ދެވަނަ މެޗުގައި ޕޮލިސް ކްލަބްގެ މައްޗަށް ކުޅިވަރާ ބެހޭ ވުޒާރާއިން ކުރިހޯދީ 3 ވިކެޓުންނެވެ.

ޕޮލިސް ކްލަބުން ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި 84 ލަނޑު ވަނީ ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 30 ލަނޑު ހެދި ސިރުހާންއެވެ. ޖަވާބުގައި ކުޅިވަރާ ބެހޭ ވުޒާރާއިން ކުޅެންއަރާ 7 އޯވަރުގެ ތެރޭގައި 85 ލަނޑު ހަދާ މެޗު ވަނީ ކާމިޔާބުކޮށްފައެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 18 ލަނޑު ހެދި ސައިފުލްއެވެ.