ޚަބަރު

ކުރީގެ ރައީސް ނަޝީދު އިނގިރޭސިވިލާތައް ފުރާވަޑައިގަންނަވައިފި


ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭސްފަރުވާއަށް
އިނގިރޭސިވިލާތަށް ފުރާވަޑައިގަންނަވައިފިއެވެ.



ނަޝީދު މިރޭ އިނގިރޭސިވިލާތަށް ފުރާ ވަޑާއިގަންނަވާފައިވަނީ
ސްރީލަންކަން އެއަރލައިންސްގެ ފްލައިޓަކުންނެވެ. ޕީއެސްއެމްއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގަންނަވާނީ ސްރީލަންކާގައި ޓްރާންސިޓް ކުރެއްވުމަށްފަހު، މާދަމާގެ ވަގުތެއްގައެވެ. 

ބޭސްފަރުވާއަށް ނަޝީދު ފުރާ
ވަޑައިގަންނަވާފައިވަނީ ރާއްޖެއިން ބޭރުގައި އެމަނިކުފާނު ހުންނަވާ ދުވަސްތަކުގައި
ޢާއިލާއިން ޒިންމާވާނެ ފަރާތެއްގެ ގޮތުގައި އެމަނިކުފާނުގެ ބޭބޭފުޅު އިބްރާހީމް
ނާޝިދު ސޮއިކުރެއްވުމުންނެވެ.



ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ
ކުރިން ފުރިހަމަ ކުރައްވަންޖެހޭ ޤާނޫނީ ލިޔެކިޔުންތަކުގައި ނަޝީދުގެ ފަރާތްޕުޅުން
ސޮއިކުރައްވާފައި މިވަނީ އެ ލިޔުންތަކުގައި ނަޝީދުގެ ފަރާތްޕުޅުން ސޮއި
ނުކުރައްވަނީސް ރާއްޖެއިން ބޭރަށް ވަޑައިނުގެންނެވޭނެކަމަށް ހޯމް މިނިސްޓަރ އުމަރު
ނަޞީރު ވިދާޅުވެފައިވަނިކޮށެވެ.



ރައީސް ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގަންނަވަނީ
މައިބަދައިގެ އޮފަރޭޝަނެއް ކުރެއްވުމަށެވެ. ސަރުކާރުން ވަނީ ނަޝީދު ބޭސްފަރުވާއަށް
އިނގިރޭސިވިލާތުގައި ތިރީސްދުވަހު ހުންނެވުމުގެ ހުއްދަދެއްވާފައެވެ.