އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކުލަބު ބަލިކޮށް ތާވަލުގެ ތިންވަނައަށް ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ޖެހިލައިފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗު ޔޫވީން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ވަރަށް ކުރީކޮޅު ޔޫވީން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މެޗުގެ ހަތަރުވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަލީ ހައިޝަމް (ޗުމްޕު)އެވެ. މިއީ ކިރްގިސްތާން މިޑްފިލްޑަރު އަނަޓޯލީ ވްލަޝީޗޭފް (ޓޯނީ)ގެ އެހީތެރިކަމާއެކު އޭނާ ކާމިޔާބުކުރި ލަނޑެކެވެ.
އޭގެ ފަހުން މެޗުގެ ހަތްވަނަ މިނެޓުގައި ޓީސީގެ މިސްރު ޑިފެންޑަރު އަލާ ނާސިރު ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.
މެޗުގެ 27 ވަނަ މިނެޓުގައި ޓީސީން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ލިބުނު ހިލޭ ޖެހުމަކުން މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ހަމްދޫން އަބްދުލް ލަތީފްއެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ޔޫޥީން އެޓީމުގެ އެޓޭކްތައް އިތުރުކުރިއިރު މެޗުގެ 57 ވަނަ މިނެޓުގައި ޔޫވީން ވަނީ ދެވަނަ ފަހަރަށް ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖަޕާން މިޑްފިލްޑަރު އެއިސޫކޭ މޯރީއެވެ.
އޭގެ ފަހުން މެޗުގެ 68 ވަނަ މިނެޓުގައި ޓީސީގެ މުޙައްމަދު މުސްލިހު (މުއްޓި) އަށް ލަނޑު ޖަހަން ރަނުގެ ފުރުސަތެއްލިބި ވަނީ ބޭކާރުވެފައެވެ.
މި މެޗުގެ 72 ވަނަ މިނެޓުގައި ޔޫވީގެ ޒުވާން ފޯވާޑް އަޙަމްދު ބައްސާމް މުޙައްމަދު ނައީމް (ބައްކު) ވަނީ އިތުރު ލަނޑެއް ޖަހާ ޔޫވީގެ ލީޑު ފުޅާކޮށްދީފައެވެ. މިއީ ލީގުގެ ފުރަތަމަ ބުރުގައި ކޮނޑަށް ލިބުނު އަނިޔާއިން ސަލާމަތްވެ ބައްކު ކުޅުނު ފުރަތަމަ މެޗެވެ.
މެޗުގެ 75 ވަނަ މިނެޓުގައި ޓީސީން ވަނީ އިތުރު ލަނޑެއް ޖަހާ ފަރަގު ކުޑަކޮށްފައެވެ މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހައިސަމް ރަޝީދެވެ.
މި ނަތީޖާއާއެކު ލީގު ތާވަލުގެ ތިންވަނައަށް ޔޫވީ ޖެހިލީ ކުޅުނު 10 މެޗުން ލިބުނު 14 ޕޮއިންޓާއެކުގައެވެ. ލީގު ތާވަލުގެ ހަތަރުވަނައިގައި އޮތް ވެލެންސިއާއަށް ނުވަ މެޗުން ލިބިފައިވަނީ 13 ޕޮއިންޓެވެ. އަދި މި މެޗުން ބަލިވި ޓީސީ އޮތީ ލީގު ތާވަލުގެ ހަވަނައިގައި 10 މެޗުން 11 ޕޮއިންޓާއެކުއެވެ.