ޚަބަރު

މަރސީޑީޒް ބެންޒްގެ އައު އިލެކްޓްރިކް އެސްޔޫވީ މިއަހަރު ބާޒާރަށް


ޖަރުމަންވިލާތުގެ މަޝްހޫރު އޮޓޮމޯޓިވް ބްރޭންޑް މަރސީޑީޒް ބެންޒްގެ ދެވަނަ އިލެކްޓްރިކް އެސްޔޫވީ ލޯންޗްކޮށްފިއެވެ.

އެމެރިކާގައި ފަރުމާކުރުމަށް ހަމަޖެހިފައިވާ މި އެސްޔޫވީ ބާޒާރަށް ނެރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފަހުކޮޅުއެވެ.

މަރސީޑީޒް ބެންޒްގެ އިލެކްޓްރިކް އީކިއުއެސް މޮޑެލްއަކީ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ތައްޔާރުކުރާ ބޮޑު އަދި ލަގްޒަރީ އުޅަނދެކެވެ. މިއީ ޢާއްމުކޮށް މަގުތަކުގައި ކުރާ ދަތުރުތަކުގެ އިތުރުން ތަފާތު މާޙައުލުތަކުގައި ބޭނުންކުރެވޭގޮތަށް ފަރުމާކުރާ ސްޕޯޓް ޔުޓިލިޓީ ވެހިކަލް ނުވަތަ އެސްޔޫވީ އެކެވެ.

މަރސީޑީޒް ބެންޒްގެ ފުރަތަމަ އިލެކްޓްރިކް އެސްޔޫވީ ނެރެފައިވަނީ 2019 ވަނަ އަހަރުއެވެ. މި މޮޑެލްއަށް 2022 ވަނަ އަހަރުގެ ވޯލްޑް ކާރ އެވޯޑުގައި އަހަރުގެ ލަގްޒަރީ ކާރުގެ އެވޯޑް ލިބިފައިވެއެވެ. އަނެއްކާވެސް ފަހުގެ އިލެކްޓްރިކް ކާރެއް ނެރުމަށް މަރސީޑީޒް ބެންޒްއިން ނިންމާފައިވަނީ ބެޓެރިން ޗާޖުކުރާ ވެހިކަލްތަކަށާއި، ޓްރަކާއި އެސްޔޫވީފަދަ ބޮޑެތި އުޅަނދުތަކަށް ދުނިޔޭގެ ބާޒާރުގައި މިހާރު އޮތް ޑިމާންޑު ބޮޑުކަމުންނެވެ. އެމެރިކާގެ މާކެޓުގައިވެސް މިފަދަ އުޅަނދުތަކަށް ބޮޑު ޑިމާންޑެއް އޮތްއިރު، މި ޓްރެންޑް އަހަރުތަކަށް ދެމިގެންދާނެކަމަށް ދާއިރާގެ ތަޖުރިބާކާރުން ލަފާކުރެއެވެ.

މަރސީޑީޒް ބެންޒްގެ އައު އުޅަނދުގައި ކުރީގެ މޮޑެލްއަށްވުރެ ހުންގާނު 7.8 އިންޗި އުސްވާނެއެވެ. 5 މީހުންގެ ޖާގަ ހުންނަ މި އެސްޔޫވީގެ މެކްސިމަމް ހޯސްޕަވަރ އަކީ 536އެވެ. 7 މީހުންނަށް ތިބެވޭގޮތަށް ޖާގަ އިތުރުކުރަން ބޭނުންނަމަ ތިންވަނަ ސީޓު ބަރީގެ އޮޕްޝަންވެސް ހުރެއެވެ. ބެޓެރީގެ ފުލް ޗާޖުގައި 372 މޭލަށް ދުއްވޭނެއެވެ. ކުންފުނިން ބުނާގޮތުން މި އުޅަނދުގެ އެންމެ މޮޅު ފީޗާއަކީ 3 ސްކްރީން ސިސްޓަމް އެކުލެވޭ ހައިޕާ ސްކްރީނެވެ. މި އެސްޔޫވީގައި ހުންނަ ރޮނގު ނޭޅޭ ބިއްލޫރީގެ 56 އިންޗީގެ ޑިސްޕްލޭއިން އެ 3 ސްކްރީން އެއްކޮށްގެން ފެންނާނީ 1 ސްކްރީނެއްގެ ގޮތުގައިކަމަށް މަރސީޑީޒް ބެންޒްއިން ބުނެއެވެ.

މިހާތަނަށް މަރސީޑީޒް ބެންޒްގެ އެންމެ މޮޅު އުފެއްދުމަށް ވާނެކަމަށް ބުނާ މި އެސްޔޫވީގެ އަގު އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މި މޮޑެލްއާ ވާދަކުރާ ބީއެމްޑަބްލިއު އައިއެކްސްއާއި، ޓެސްލާ މޮޑެލް އެކްސްގެ އަގުތައް ފެށެނީ 84000 އާއި 120000 ޑޮލަރާއި ދެމެދުގައެވެ.

2022 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި މާރސީޑީޒް ބެންޒްއިން ވަނީ އިލެކްޓްރިކް 21900 އުޅަނދު ވިއްކާފައެވެ. އަލަށް ލޯންޗްކުރި މޮޑެލްގެ މައިގަނޑު މާކެޓަކީ އެމެރިކާއާއި ކެނެޑާކަމަށް ލަފާކުރެވޭއިރު، މިއަހަރު ނިމުމުގެ ކުރިން ޔޫރަޕު ސަރަޙައްދުގައި މި އެސްޔޫވީ ބާޒާރަށް ނެރުމަށް ވަނީ ތާވަލުކުރެވިފައެވެ.