ކުޅިވަރު

ވިމްބަލްޑަންގައި ރަޝިޔާ އާއި ބެލަރޫސްގެ ކުޅުންތެރިންނަށް ބައިވެރިނުވެވޭ ގޮތަށް ނިންމައިފި


ވިމްބަލްޑަން ޓޭނިސް މުބާރާތުގައި ރަޝިޔާ އާއި ބެލަރޫސްގެ ކުޅުންތެރިންނަށް ބައިވެރިނުވެވޭ ގޮތަށް އެ މުބާރާތް އިންތިޒާމުކުރާ ފަރާތުން ނިންމައިފިއެވެ.

މި މުބާރާތް އިންތިޒާމުކުރާ އޯލް އިންގްލަންޑް ލޯން ޓެނިސް ކްލަބުން ހާމަކުރިގޮތުގައި އެ ފަރާތުން އެގޮތަށް ނިންމީ ރަޝިޔާއިން ޔޫކްރެއިންއަށް އަރާފައިވާތީއެވެ.

މިކަމުގެ ސަބަބުން އަސަރުކުރާ އެންމެ މަތިން ރޭންކް ކުރެވިފައިވާ ކުޅުންތެރިންނަނީ ދުނިޔޭގައި ދެވަނައަށް ރޭންކް ކުރެވިފައިވާ ފިރިހެން ކުޅުންތެރިޔާ ރަޝިޔާގެ ޑަނީލް މެޑްވެޑޭވް އާއި ދުނިޔޭގައި ހަތަރުވަނައަށް ރޭންކް ކުރެވިފައިވާ ބެލަރޫސްގެ އަރީނާ ސަބަލެންކާއެވެ.

ވިމްބަލްޑަންގެ އިތުރުން އިނގިރޭސިވިލާތުގައި ބާއްވާ ގްރާސް ކޯޓް އެއްވެސް އިވެންޓެއްގައި އެ ދެ ޤައުމުގެ ކުޅުންތެރިންނަށް ބައިވެރިނުވެވޭގޮތަށްވެސް ވަނީ ނިންމާފައެވެ. އެއާއެކު އަންހެން އަދި ފިރިހެން ޓެނިހުގެ މައި ދެ އިދާރާ ކަމަށްވާ އޭޓީޕީ އާއި ޑަބްލިޔުޓީއޭއިން ވަނީ މިއީ ވަރަށް ބޭއިންސާފު ނިންމުމެއް ކަމަށް ހާމަކޮށްފައެވެ. އަދި ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާ ސަރބިއާގެ ނޯވަކް ޖޯކޮވިޗް ހާމަކުރިގޮތުގައި މި ތާކުންތާކު ނުޖެހޭ ނިންމުމަށް އޭނާ ތާއީދު ނުކުރާކަމަށެވެ.

އޭޓީޕީއިން ހާމަކުރިގޮތުގައި މިކަމުގެ ސަބަބުން ޓެނިހަށް ވަރަށް ނުބައި އަސަރެއް ކުރާނެކަމަށެވެ. އަދި ޑަބްލިޔުޓީއޭއިން ހާމަކުރިގޮތުގައި މިނިންމުމާމެދު ވަރަށް ހިތާމަކުރާ ކަމަށެވެ.

އޭޓީޕީއިން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާގޮތުގައި ކުޅުންތެރިޔެއް ނިސްބަތްވާ ޤައުމަށް ބިނާކޮށް ކުޅުންތެރިންނަށް މުބާރާތުގައި ބައިވެރި ނުވެވޭގޮތަށް ނިންމުމަކީ ވިމްބަލްޑަން އާއެކު ވެފައިވާ އެއްބަސްވުމާއި ހިލާފު ކަމެއް ކަމަށެވެ. އަދި ކުޅުންތެރިންނަށް މުބަރާތްތަކުން ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އެކުޅުންތެރިއެއްގެ އޭޓީޕީ ރޭންކިންއަށް ބެލުމަށްފަހުއެވެ. މިކަމާއި ގުޅޭގޮތުން އަޅާނެ ފިޔަވަޅަކާއި މެދު ގޮތެއް ނިންމާނީ އޭޓީޕީގެ ބޯޑާއި މެމްބަރ ކައުންސިލްގެ މެދުގައި ބާއްވާ މަޝްވަރާތަކަށްފަހުއެވެ.

ޑަބްލިޔުޓީއޭއިން ހާމަކުރިގޮތުގައި އެފަރާތުން ދެން ކަން ކުރާނެ ގޮތަކާމެދު މަޝްވަރާ ކުރަމުންދާކަމަށެވެ. ނަމަވެސް ގިނަ ބަޔަކު ގަބޫލް ކުރާގޮތުގައި މިކަމުގައި ވިމްބަލްޑަންއަށް މާބޮޑު މައްސަލަތަކެއް އޭޓީޕީ އާއި ޑަބްލިޔުޓީއޭއަކަށްވެސް ނުކުރެވޭނެއެވެ. އެއީ އޯލް އިންގްލަންޑް ލޯން ޓެނިސް ކްލަބަށް އިނގިރޭސި ސަރުކާރުގެ ތާއީދު ލިބިފައިވުމާއި އެންމެފަހުން ފުޓްބޯޅައިގާ ކަންވީގޮތްވެސް ފެންނަން އޮތުމުންނެވެ. ރަޝިޔާ އާއި ބެލަރޫސްގެ ކުޅުންތެރިން މިހާރުވެސް މުބާރާތްތަކުގައި ބައިވެރިވަނީ އަމިއްލަ ހައިސިއްޔަތުންނެވެ. އެކުޅުންތެރިންގެ ޤައުމަށް ނިސްބަތްނުވާ އުސޫލުންނެވެ.

ޖޯކޮވިޗް ހާމަކުރިގޮތުގައި ޓެނިސް ކުޅުންތެރިންނާއި އެތުލީޓުންނައި މިހަނގުރާމައާއި ގުޅުވަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށެވެ. އަދި ކުޅިވަރުގެ ތެރެއަށް ސިޔާސީ ނުފޫޒު ވަނުމަކީ އެއްގޮތަކަށްވެސް ރަނގަޅު ކަމެއް ނޫންކަމަށް އޭނާ ހާމަކުރިއެވެ. ވިމްބަލްޑަން މުބާރާތް 9 ފަހަރު ކާމިޔާބުކޮށްފައިވާ މާޓީނާ ނަވްރަޓިލޯވާ ހާމަކުފިގޮތުގައި ރަޝިޔާ އާއި ބެލަރޫސްގެ ކުޅުންތެރިންނަށް ނުކުޅެވޭގޮތް ހެދުމަކީ މިކަމައިގެން ކުރިއަށް ދިއުން އެންމެ ރަނގަޅު ގޮތް ނޫންކަމަށެވެ. އަދި މިއީ ރަނގަޅު ނިންމުމެއް ނޫން ކަމަށްވެސް އޭނާ ހާމަކުރިއެވެ. އޭނާ ހާމަކުރިގޮތުގައި ޓެނިހަކީ ވަރަށް ދިމުކްރާތީ ކުޅިވަރެއް ކަމަށާާއި ސިޔާސީ ކަންތަކާހެދި މިކުޅިވަރު ހަލާކުވެގެން ދިއުމަށް ނޭދޭކަމަށެވެ.