ޚަބަރު

އިތުރު 2 ސްކޫލް އެޅުމަށް ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ދީފި


ހުޅުމާލޭ ފޭސް ދޭއްގައި އިތުރު 2 ސްކޫލް ތަރައްޤީކުރުމުގެ އެއްބަސްވުމެއްގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި އެޑިއުކޭޝަން މިިނިސްޓްރީއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމަކީ ސްކޫލް ތަރައްޤީކުރުމަށް ބިން ދޫކުރުމާއި ގުޅޭ އެއްބަސްވުމެކެވެ.

ދެވަނަ ފިޔަވަހިން ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަހުމަދު ރިޔާޒް އެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދެވެ.

ސްކޫލް އެޅުމަށް ބިން ދޫކޮށްފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ނޭބަހުޑް 5 އަދި ނޭބަހުޑް 4 އިންނެވެ. އެއީ ދެވަނަ ފިޔަވަހީގައި އަމިއްލަ މީހުން ގެ އަޅައިގެން ދިރިއުޅެން ފަށާފައިވާ ސަރަޙައްދާއި، ހިޔާ ފްލެޓްތައް ކައިރި ސަރަޙައްދުންނެވެ.

ނޭބަހުޑް 5ގައި އަޅާ ސްކޫލް އެޅުމަށް ދޫކޮށްފައިވަނީ 60720 އަކަފޫޓުގެ ބިމެކެވެ. އެޗްޑީސީން މަޢުލޫމާތުދޭ ގޮތުގައި 6 ފަންގިފިލާއަށް ހަދާ ސްކޫލްގައި އެއްފަހަރާ 1200 ދަރިވަރުންނަށް ކިޔަވައިދެވޭނެއެވެ. އަދި ނޭބަހުޑް 4ގައި ސްކޫލް އެޅުމަށް ދޫކޮށްފައިވަނީ 65534 އަކަފޫޓުގެ ބިމެކެވެ. މި ސްކޫލްވެސް ހެދުމަށް ހަޖެހިފައިވަނީ 6 ފަންގިފިލާއަށެވެ. އެއީ 1500 ދަރިވަރުންގެ ޖާގައިގެ ސްކޫލެކެވެ.

މި ޕްރޮޖެކްޓްގައި ހިމެނެނީ ޕްރައިމަރީީ އަދި ސެކަންޑްރީ ގްރޭޑްތަކަށް ކިޔަވައިދޭ ސްކޫލްތައް ތަރައްޤީކުރުމެވެ.

ހިޔާ ފްލެޓްތަކަށް މީހުން ބަދަލުވާން ފެށުމާއިއެކު، މިހާރު ދެވަނަ ފިޔަވަހީގައި ބޮޑު އާބާދީއެއް ދިރިއުޅެއެވެ. މި އާބާދީއަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެޗްޑީސީއާއި ސަރުކާރު ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.

ދެވަނަ ފިޔަވަހީގެ ފުރަތަމަ ސްކޫލަކީ "ޞަލާޙުއްދީން ސްކޫލް"އެވެ. ސްކޫލް ތަރައްޤީކުރުމުގެ މަސައްކަތް މިދިޔަ އަހަރު ވަނީ ފަށާފައެވެ. ސަރުކާރުން ޢަމާޒު ހިފާފައިވަނީ އަންނަ ދިރާސީ އަހަރާއެކު، މި ސްކޫލްގެ ކިޔެވުން ފެށުމަށެވެ. ހިޔާ ފްލެޓްތައް ސަރަޙައްދުގައި ހަދާ މި ސްކޫލްގައި، 1000އާއި 1200އާއި ދެމެދުގެ ދަރިވަރުންނަށް އެއްފަހަރާ ކިޔެވޭނެއެވެ.

6 ފަންގިފިލާއަށް ތަރައްޤީކުރާ މި ސްކޫލްގެ މަސައްކަތް ހަވާލުކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަނާއެވެ.

މިމަހުވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާ 2 ޕްރީ ސްކޫލްގެ ޢަމަލީ މަސައްކަތްވެސް ފަށާފަައެވެ. މި ޕްރީ ސްކޫލްތައްވެސް އަޅަނީ ހިޔާ ފްލެޓްތައް ހުރި ސަރަޙައްދުގައެވެ. މިއިން ކޮންމެ ސްކޫލްގެއްގައި 24 ކްލާސްރޫމް ހިމެނެއެވެ. 400އެއްހާ ދަރިވަރުންނަށް އެއްފަހަރާ ކިޔެވޭނެ، މި ސްކޫލްގެވެސް މަސައްކަތް އަންނަ ދިރާސީ އަހަރުގެ ކުރިން ނިންމުމަށް އެޑިއުކޭޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ.