ޚަބަރު

ރާއްޖޭގެ ޞިއްޚީ ދާއިރާއަށް ބަނގްލަދޭޝްގެ އެހީތެރިކަން ވަރަށް ބޮޑު


ޞިއްޙީ ދާއިރާއަށް ބޭނުންވާ ޚިދުމަތްތެރިން ތަމްރީނުކުރުމުގައި ބަންގްލަދޭޝްގެ ފަރާތުން ވަރަށްބޮޑު އެހީތެރިކަން ލިބެމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ބަންގްލަދޭޝްގެ ޗީފް އޮފް އަރމީ ސްޓާފް، ޖެނެރަލް އަބޫ ބިލާލް ސައިފުލްޙައްޤު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.މިއަދު އޮތް މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ‏ދިވެހިރާއްޖެއާއި ބަންގްލަދޭޝާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އެކިދާއިރާތަކުން އިތުރަށް ‏‏ބަދަހިކުރެއްވުމާ‏‎ ‎‏ބެހޭގޮތުން ބަންގްލަދޭޝްގެ ޗީފް އޮފް އަރމީ ސްޓާފްއާ މަޝްވަރާ ކުރައްވާފައެވެ. އަދި މިބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ގިނަ ދިވެހި ދަރިވަރުންތަކެއް، ބަންގްލަދޭޝްގައި މަތީ ތަޢުލީމު ހާޞިލުކުރަމުންދާކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، އެންމެ ގިނައިން ދިވެހި ކުދިން ބަންގްލަދޭޝްގައި މަތީ ތަޢުލީމު ހާޞިލު ކުރަމުންދާ ދާއިރާއަކީ މެޑިސިން އަދި ޞިއްޚީ ދާއިރާކަމަށެވެ.ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ބަންގްލަދޭޝްގެ ނޭވަލް އެކަޑަމީއިން ގިނަ ޢަދަދެއްގެ ދިވެހި ސިފައިން ތަމްރީން ހޯދައިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މިހާރު ބަންގްލަދޭޝްއަކީ ހަލުވިކަމާއެކު ތަރައްޤީވަމުން އަންނަ ޤައުމެއްކަމުން، ދިވެހިރާއްޖެއަށް އެހީތެރިކަން ބޭނުންވާ ގިނަދާއިރާތަކުން ބަންގްލަދޭޝްގެ އެހީތެރިކަން ލިބިގެންދާނެކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.ބަންގްލަދޭޝްގެ ޗީފް އޮފް އަރމީ ސްޓާފް ދެއްކެވި ވާހަކަފުޅުގައި، ބަންގްލަދޭޝްގެ ފަރާތުން ދިވެހިރާއްޖޭގެ ޞިއްޚީ ދާއިރާއަށް އެންމެބޮޑު އެހީތެރިކަމެއް ފޯރުކޮށްދެވެނީ ބަންގްލަދޭޝްގެ ޑޮކްޓަރުންނަށް ރާއްޖޭގެ ހޮސްޕިޓަލުތަކުގައި މަސައްކަތްކުރެވޭނެ ފުރުޞަތު ދެއްވައިގެން ކަމުގައި ވިދާޅުވިއެވެ. މިގޮތުން، ކުރިއަށް އޮތްތަނުގައިވެސް ދިވެހިރާއްޖޭގެ ހޮސްޕިޓަލްތަކަށް ބޭނުންވާ ތަފާތު ސްޕެޝަލިސްޓުން ފޯރުކޮށްދޭނެކަމުގައި ވިދާޅުވިއެވެ.