ޚަބަރު

މިއަހަރު 60 ޖަނަރޭޓަރު ގެނައުމަށް ވަނީ ނިންމަވާފައި- ފެނަކަ


އިޤްތިސާދީ ގޮތުން ރާއްޖެއަށް އަންނަމުންދާ ތަރައްޤީއާއެކު ކަރަންޓްގެ ޑިމާންޑަށް ބެއްލެވުމަށްފަހު، މި އަހަރުގެ ތެރޭގައި 60 ޖަނަރޭޓަރު ގެނައުމަށް ނިންމަވާފައިވާކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.ނިމާލް މިހެން ވިދާޅުވީ، ފެނަކަ ކޯޕަރޭޝަންގެ އަގުވަޒަން ކުރުމުގެ ގޮތުން، ގެމަނަފުށީ ދާއިރާގެ ރައްޔިތުންގެ ފަރާތުން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނިމާލް ވިދާޅުވީ، މިދިޔަ އަހަރު އެކުންފުނިން ހޯދި ކާމިޔާބީގެ ދެގުނަ އަށް ވާސިލްވުމަށް މި އަހަރުގެ ތެރޭގައި މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން މިއަހަރުގެ ތެރޭގައި އަލަށް 60 ޖަނަރޭޓަރު ގެނައުމަށް ނިންމާފައިވާ ކަމަށާއި، އިއާދަކުރަނިވި ހަކަތައިގެ ދާއިރާގެ ތެރެއަށް ފެނަކަ ކޯޕަރޭޝަނުން ވަންނަމުންދާކަންވެސް ފާހަގަކުރެއްވިއެވެ. " ފެނަކަ ކޯޕަރޭޝަނުން މިދިޔަ އަހަރު ވާނީ 70 ޖަނަރޭޓަރު ގެނެސް، ކަރަންޓަށް އެންމެ ބޭނުން ރަށްތަކަށް އެ ތަކެތި ފޮނުވާފަ. މިއަހަރު އަޅުގަނޑުމެންގެ ޓާގެޓަކީ އިތުރު 60 ޖަނަރޭޓަރު ގެނައުން. މިއާއެކު ޑިސްޓްރިބިއުޝަން ކޭބަލްތައް ބަދަލު ކުރުމަށްވެސް ބޮޑު ޕްރޮޖެކްޓެއް އެބަ ހިންގަން. އަންނަ ހަފްތާގައި އެ ޕްރޮޖެކްޓް އެވޯޑް ކުރެވޭތޯ މަސައްކަތް މިކުރަނީ " ނިމާލް ވިދާޅުވިއެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލު އުޘްމާން ވިދާޅުވީ ފެނަކައިން އެ ދާއިރާގެ ރަށްތަކާއި ހަވާލުވިއިރު، ރަށްތަކުގެ ކަރަންޓާއި، ފެނާއި، ނަރުދަމާގެ ހާލަތު ރަނގަޅު ނޫންކަމަށެވެ. ނަމަވެސް މަދު ދުވަސްކޮޅެއްގެ ތެރޭގައި ދާއިރާގެ ރަށްތަކަށް ބޮޑެތި ކުރިއެރުންތަކެއް ފެނަކައިން ގެނެސްދީފައިވާކަން އުޘްމާން ފާހަގަކުރެއްވިއެވެ. މި ރަސްމިއްޔާތުގައި ގެމަނަފުށީ ދާއިރާގެ ރަށްތަކުގެ ކައުންސިލަރުންގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.