ކުޅިވަރު

އިނގިރޭސި ޕްރިމިއާ ލީގަށް ފުލަމް ޕްރޮމޯޓްވެއްޖެ


އިނގިރޭސި ޕްރިމިއާ ލީގަށް ފުލަމް ޕްރޮމޯޓްވެއްޖެއެވެ.

ފުލަމް ޕްރިމިއާ ލީގުން ޖާގަހޯދީ ޗެމްޕިއަންޝިޕްގައި ރޭ ޕްރެސްޓަން ނޯތު އެންޑް އާއި ބައްދަލުކުރިމެޗް ކާމިޔާބުކޮށް ތާވަލްގެ ދެވަނަ މަގާމަށްވުރެ ދަށަށް ނުދާނެކަން ޔަގީން ވުމުންނެވެ.

ޕްރިމިއަރ ލީގަށް ޕްރޮމޯޓް ވުމުގެ އިތުރުން މިއަންނަ ހޮނިހިރު ދުވަހު ތާވަލްގެ ދެވަނައިގާ އުޅޭ ބޯންމޯތު އާއި ބައްދަލުކުރާ މެޗް ކާމިޔާބުކޮށް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމުގެ ފުރުސަތުވެސް ފުލަމްއަށް އެބައޮތެވެ. ރޭ ކުޅުނު މެޗްގައި ފުލަމްގެ ތަރިއަކަށް ވެގެންދިޔައީ އެޓީމްގެ ކެޕްޓަން އެލެކްސެންޑަ މިޓްރޮވިޗްއެވެ. އޭނާވަނީ މިމެޗްގައި ދެ ލަނޑު ކާމިޔާބު ކޮށްދީފައެވެ. މިމެޗްގައި ފުލަމްގެ ފުރަތަމަ ލަނޑު މެޗްގެ 9 ވަނަ މިނެޓްގައި ޖަހާދިނީ މިޓްރޮވިޗްއެވެ. އަދި މެޗްގެ 34 ވަނަ މިނެޓްގައި ފަބިއޯ ކަވާލިއޯގެ ލަނޑައެކު ފުލަމްއިން މިމެޗްގައި ދެ ލަނޑުގެ ލީޑެއް ނެގިއެވެ. އަދި ފަހު ލަނޑު މެޗްގެ 41 ވަނަ މިނެޓްގައި ޖަހާދިނީވެސް ފުރަތަމަ ލަނޑު ޖަހާދިން މިޓްރޮވިޗްއެވެ. މިއީ އޭނާ މިސީޒަންގައި ފުލަމްއަށް ކާމިޔާބުކޮށްދިން 40 ވަނަ ލަނޑެވެ.

މިސީޒަންގައި ފުލަމް އަންނަނީ ޗެމްޕިއަންޝިޕްގައި މޮޅުކުޅުމެއް ދައްކަމުންނެވެ. މިގޮތުން މިސީޒަންގައި މިޙާތަނަށް 98 ލަނޑު އެޓީމް ކާމިޔާބުކޮށްފައިވެއެވެ. އަދި 1992 ވަނަ އަހަރު ޕްރިމިއަރ ލީގު ތައާރަފް ކުރިފަހުން މިހާތަނަށް ޗެމްޕިއަންޝިޕްގައި ގާއިމް ކޮށްފައިވާ ގޯލް ރިކޯޑް މުގުރާލުމުގެ ފުރުސަތު ފުލަމްއަށް އަދި އެބައޮތެވެ. ޗެމްޕިއަންޝިޕްގެ ގޯލް ރިކޯޑް ގާއިމް ކޮށްފައިވަނީ 108 ލަނޑާއެކު މެންޗެސްޓަރ ސިޓީއެވެ.