އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް ލީގު ތާވަލްގެ އެއްވަނައަށް ލިވަޕޫލް އަރައިފިއެވެ.
ލިވަޕޫލްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމުން ކާމިޔާބުކުރީ ފަސޭހަ ކަމާއެކު 4-0 ގެ ނަތީޖާއަކުންނެވެ.
ލިވަޕޫލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީވެސް ލިވަޕޫލްއެވެ. މިމެޗުގެ ލީޑު ލިވަޕޫލުން ނަގާފައިވަނީ މެޗުގެ 5 ވަނަ މިނެޓްގައި ލުއިސް ޑިއާޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު މެޗުގެ 22 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މުހަންމަދު ސަލާހްއެވެ.
މިމެޗްގެ ހަތްވަނަ މިނެޓްގައި ޔުނައިޓެޑްގެ ތަޖުރިބާކަރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯގެ އަލަށް އުފަންވި ފިރިހެން ދަރިފުޅު ވިހެއުމުގައި މަރުވެފައިވާތީ ލީގުގައި ބޮޑު ދެ ހަތުރުންގެ ގޮތުގައި އަބަދުވެސް ފާހަގަ ވެފައިވާ ލިވަޕޫލާއި ޔުނައިޓެޑްގެ ސަޕޯޓަރުން ގުޅިގެންވަނީ ރޮނާލްޑޯ އަށާއި އޭނާގެ އާއިލާއަށް އިހްތިރާމް އަދާކޮށްފައެވެ. މިކަން ކޮށްފައިވަނީ ލިވަޕޫލްގެ ސަޕޯޓަރުންގެ އިސްނެގުމުގެ މަތިންނެވެ.
މިމެޗްގައި ލިވަޕޫލްގެ ތިންވަނަ ލަނޑު މެޗްގެ 68 ވަނަ މިނެޓްގައި ޖަހާދިނީ ސާޑިއޯ މާނޭއެވެ. އަދި ފަހު ލަނޑު މެޗްގެ 85 ވަނަ މިނެޓްގައި ޖަހާދީފައިވަނީ ސަލާހްއެވެ.
މިކާމިޔާބީއާއެކު ލިވަޕޫލަށް މިހާރުވަނީ 32 މެޗުން 76 ޕޮއިންޓް ލިބި ތާވަލްގެ އެއްވަނައަށް އަރާފައެވެ. ނަމަވެސް މިރޭ މެންޗެސްޓަރ ސިޓީ އާއި ބްރައިޓަން އެންޑް ހޯވް އެލްބިއަން ބައްދަލުކުރާ މެޗް ސިޓީ ކާމިޔާބުކޮށްފި ނަމަ އަލުން ސިޓީއަށް ތާވަލްގެ އެއްވަނައަށް އަރާނެއެވެ. ސިޓީއަށް މިހާރު ލިބިފައިވަނީ 31 މެޗުން 74 ޕޮއިންޓެވެ.