ސިޔާސީ

އިޤްރާރުގައި ސޮއިނުކުރައްވާ ނަޝީދަށް ފުރާވަޑައެއް ނުގެންނެވޭނެ


ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ފުރާވަޑައިގަތުމަށް ޢާއިލާއިން ޒިންމާވާނެ ބެލެނިވެރިޔަކު ސޮއިކުރައްވަންޖެހޭ ޖެހުމަށް އެއްވެސް ބަދަލެއް ގެންނަވާފައިނުވާނެކަމަށް ހޯމް މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވެއްޖެއެވެ.އުމަރު މިހެން ވިދާޅުވެފައިމިވަނީ ރައީސް ނަޝީދު ރާއްޖެއިން ބޭރުގައި ހުންނަވާ ދުވަސްތަކުގައި އެ މަނިކުފާނުގެ ޢާއިލާއިން ޒިންމާވާން ޖެހޭގޮތަށް އޮތް އޮތުން ބަދަލުކުރައްވާ އެ މަނިކުފާނު ފުރާވަޑައިގަތުމަށް ސަރުކާރުން ހުއްދަ ދެއްވިކަމަށް އަޑުފެތުރެމުންދަނިކޮށެވެ.ޕީއެސްއެމްއާއި ވާހަކަފުޅު ދައްކަވަމުން އުމަރު ނަޞީރު ވިދާޅުވީ ރައީސް ނަޝީދަށްޓަކައި އެއްވެސް ޤާނޫނެއް އަދި ޤަވާއިދެއް ސަރުކާރުން ބަދަލު ނުކުރައްވާނެކަމަށާއި، އެންމެންނާއި މެދުވެސް ޢަމަލުކުރައްވާނީ ޤާނޫނާއި ޤަވައިދާ އެއްގޮތަށްކަމަށެވެ. އަދި ޢާއިލާއިން ސޮއިކުރަންޖެހޭ ލިޔުންތަކުގައި ސޮއިކުރެއްވުމުން ނޫނީ ރައީސް ނަޝީދަށް  ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައި ނުގެންނެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ހޯމް މިނިސްޓަރ އުމަރު ނަޞީރުވަނީ، ރައީސް ނަޝީދު ރާއްޖެއިން ބޭރަށް ވަޑައިގަތުމާއި ބެހޭ ގޮތުން އެ މަނިކުފާނާއި ސަރުކާރާއި ދެމެދު އެއްބަސްވުމެއް ހައްދަވާފައިވާކަމަށް ނަޝީދްގެ ގާނޫނީ ޓީމުން ދެއްކެވި ވާހަކަތައްވެސް ދޮގު ކުރައްވާފައެވެ.ނަޝީދްގެ ގާނޫނީ ޓީމުން ރޭ ވިދާޅުވެފައިވަނީ ނަޝީދު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް  ފުރާވަޑައިގަތުމަށް ސަރުކާރުން ހުއްދަދެއްވީ ބައެއް ޤަމުތަކުގެ ވަޒީރުން ރާއްޖެ ވަޑައިގެން ދިވެހި ސަރުކާރާއި މަޝްވަރާ ކުރެއްވުމުންކަމަށެވެ. އެ ވާހަކަތައް ދޮގުކުރައްވާ ހޯމް މިނިސްޓަރ ވިދާޅުވީ، ރައީސް ނަޝީދުގެ ޤާނޫނީ ޓީމުން ބުނާފަދަ އެއްވެސް އެއްބަސްވުމެއް ސަރުކާރުން ހައްދަވާފައި ނުވާކަމަށާއި، ހުކުމެއް ތަންފީޒު ކުރަމުންދާ އެއްވެސް މީހަކާއިއެކު ސަރުކާރުން އެއްވެސް އެއްބަސްވުމެއް ނުހައްދަވާނެކަމަށެވެ.ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބޭސް ފަރުވާއަކަށް ރާއްޖެއިން ބޭރަށް ދަތުރު ކުރެއްވުމަށް ސަރުކާރުން ދެއްވި ފުރުޞަތާއި ދެކޮޅު ހެއްދެވުމުން އެކަމާއި ހިތާމަކުރައްވާކަމަށް ސަރުކާރުން މިއަދު ހާމަކުރައްވާފައިވެއެވެ. ދިވެހި ޚާރިޖީ ވުޒާރާއިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ރައީސް ނަޝީދު ރާއްޖެއިން ބޭރަށް ފުރުއްވުމުގެ ހުއްދަ ސަރުކާރުން ދެއްވާފައިވަނީ އެމަނިކުފާނުގެ އަމިއްލަ އެދިވަޑައިގަތުމުގެ މަތިންކަމަށެވެ. އަދި، މި ފުރުޞަތު ބަލައި ނުގެންނެވުމުން މިކަމާއި ހިތްހަމަނުޖެހުން ފާޅު ކުރައްވާކަމަށް ދިވެހި ޚާރިޖިއްޔާއިން ވިދާޅުވެފައިވެއެވެ.