ޚަބަރު

އަމިއްލަ ޖަމްޢިއްޔާއެއް އުފައްދައިގެން ހދ.އިސް މެޖިސްޓްރޭޓް ސަސްޕެންޑްކޮށްފި


ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ޢަލީ އާދަމް ސަސްޕެންޑްކުރުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމަވައިފިއެވެ.

ޖޭއެސްސީން ވިދާޅުވީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް އިސްމެޖިސްޓްރޭޓް ޢަލީ އާދަމް ޖަމްޢިއްޔާއެއް އުފައްދައި އެ ޖަމްޢިއްޔާގައި ހަރަކާތްތެރިވެފައިވާކަން ސާބިތުވާކަމަށެވެ. އަދި، ތަފްރީޤް ކޮށްފައިވާ ކައިވެންޏެއް ރުޖޫޢަކޮށްދިނުމުގައި ފަނޑިޔާރެއްގެ ހައިސިއްޔަތުން ބަލަންޖެހޭ ވަރަށް ބަލާފައި ނުވާކަމާއި އަދި ބަހައްޓަންޖެހޭ ފަރުވާތެރިކަން ބަހައްޓާފައި ނުވާކަން ފަނޑިޔާރު ޢަލީ އާދަމްގެ މައްޗަށް ސާބިތުވާކަމަށް ޖޭއެސްސީން ވިދާޅުވެއެވެ.

މީގެ އިތުރުން ޢަލީ އާދަމް އުފެއްދި ޖަމްޢިއްޔާއިން އިސްނަގައިގެން ހދ.ކުޅުދުއްފުށީގައި ބޭއްވި ހަރަކާތެއްގައި އިސްމެޖިސްޓްރޭޓް ޢަލީ އާދަމް ޢަމަލީ ގޮތުން ބައިވެރިވެފައިވާތީ، އެ ހަރަކާތަކީ ސިޔާސީ ޙަރަކާތެއްގެ ގޮތުގައި އާންމުން ދެކުމުގެ ފުރުސަތު އޮތް ޙަރަކާތެއްކަމަށާ، ޢަލީ އާދަމްގެ ފޭސްބުކް އެކަންޓުން އެ ހަރަކާތް އިސްތިހާރު ކުރުމަށް މަސައްކަތްކޮށްފައިވާކަމަށްވެސް ޖޭއެސްސީން ވިދާޅުވެފައިވެއެވެ.

އެ ކޮމިޝަނުން ވިދާޅުވީ އިސްމެޖިސްޓްރޭޓް ޢަލީ އާދަމްގެ ފޭސްބުކު ޕޭޖުގައި ހިއްސާކުރައްވާފައިވާ ފޮޓޯތަކާއި ފާޅުކުރައްވާފައިވާ ޝުޢޫރުތަކަކީ އޭނާ ހިއްސާކުރައްވާފައިވާ ތަކެތިކަމަށް ބުނެ އިޢުތިރާފުވެފައިވާކަމަށެވެ. އެއީ ސިޔާސީގޮތުން ފާޅުކުރައްވާފައިވާ ޚިޔާލުތަކާއި ޝުޢޫރުތަކެއްކަމަށް އާންމުން ދެކުމުގެ ފުރުސަތު ފާޅުކަން ބޮޑުގޮތެއްގައި އޮތް ކަމަކަށްވާތީ ފަނޑިޔާރެއްގެ ހައިސިއްޔަތުން ނުވަތަ ފަނޑިޔާރެއްގެ މަޤާމުގައި ހުރި މީހަކު ކޮށްގެންނުވާނެފަދަ ޢަމަލެއް އިސްމެޖިސްޓްރޭޓް ޢަލީ އާދަމް ކުރެއްވިކަން ސާބިތުވާކަމަށް ޖޭއެސްސީން ވަނީ ނިންމަވާފައެވެ.

އެހެންކަމުން، އިސްމެޖިސްޓްރޭޓް ޢަލީ އާދަމްގެ މި ޢަމަލުތަކަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ކޮށްފައިވާ ޢަމުލުތަކަކަށްވާތީ، ޖޭއެސްސީގެ ޤާނޫނުގެ ދަށުން، މުސާރައާއި ޢިނާޔަތްތައް ނުލިބޭ ގޮތަށް ދެ ހަފްތާގެ މުއްދަތަށް ވަޒީފާގެ މަސައްކަތަށް ނުކުތުން މަނާކުރުމަށް އެ ކޮމިޝަންގެ ބައްދަލުވުމުގައިި ނިންމަވާފައިވާކަމަށް ޖޭއެސްސީން ވިދާޅުވެއެވެ.

އަލީ އާދަމް ސަސްޕެންޑްކޮށްފައި ހުންނަ މުއްދަތުގައި ހދ.ޖުޑީޝާލް ދާއިރާ ހިންގުން ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު އިސްމާޢީލާ ޙަވާލުކުރުމަށްވެސް ނިންމާފައިވާކަމަށް ޖޭއެސްސީން ވިދާޅުވެއެވެ.