ކުޅިވަރު

އާސެނަލް ބަލިކޮށް ޗެލްސީ އިނގިރޭސި ވިމެންސް އެފްއޭ ކަޕުގެ ފައިނަލަށް


އިނގިރޭސި ވިމެންސް އެފްއޭ ކަޕުގެ ފައިނަލުން ޗެލްސީ ޖާގަ ހޯދައިފިއެވެ.

މި މުބާރާތުގެ ފައިނަލުން ޗެލްސީ ވިމެން ޖާގަހޯދީ ރޭ ކުޅުނު ސެމީފައިނަލްގެ ދެވަނަ މެޗްގައި އާސެނަލް ވިމެންއާ ބައްދަލުކޮށް 2-0 ގެ ނަތީޖާއަކުން މެޗް ކާމިޔާބުކޮށްގެންނެވެ.

ވިމެންސް ސުޕަރ ލީގުގެ އެންމެ ކުރީގައި އުޅޭ އާސެނަލް އާއި ޗެލްސީގެ މިކުރިމަތިލުމުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޗެލްސީންނެވެ. އެކަމަކު މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

މިމެޗްގެ ފުރަތަމަ ލަނޑު ޗެލްސީއިން ކާމިޔާބުކުރީ މެޗްގެ 50 ވަނަ މިނެޓްގައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ގޫރޯ ރެއިޓެންއެވެ. އަދި ދެވަނަ ލަނޑު މެޗްގެ 61 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޖީސޯ ޔުންއެވެ. މިމެޗްގައި އާސެނަލް އަށްވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިބި ވަނީ ބޭކާރުވެފައެވެ.

މިކާމިޔާބީއާއެކު ޗެލްސީ ވިމެންއަށް މިވަނީ އެފްއޭ ކަޕްގެ ތަށި ދިފާއުކުރުމުގެ ފުރުސަތު ތަނަވަސްވެގެން ގޮސްފައެވެ. ފައިނަލްގައި ޗެލްސީ ވިމެން ބައްދަލުކުރާނީ ފުރަތަމަ ސެމީ ފައިނަލްގައި ވެސްޓް ހޭމް ޔުނައިޓެޑް ވިމެން ބަލިކުރި މެންޗެސްޓަރ ސިޓީ ވިމެން އާއެވެ.

ޗެލްސީ ވިމެން އާއި ސިޓީ ވިމެން މިއީ މި ސީޒަންގައި ކަޕް ފައިނަލެއްގައި ވާދަކުރާ ދެވަނަ ފަހަރެވެ. އެގޮތުން މިއަހަރުގެ މާޗް މަހު ކުޅުނު ލީގު ކަޕް ފައިނަލްގައި ސިޓީ ވަނީ ޗެލްސީ ބަލިކޮށްފައެވެ.