ކުޅިވަރު

ޕެލަސް ބަލިކޮށް ޗެލްސީ ފައިނަލަށް


ކްރިސްޓަލް ޕެލަސް ބަލިކޮށް އިނގިރޭސި އެފްއޭ ކަޕުގެ ފައިނަލުގެ ފަހު ޖާގަ ޗެލްސީން ހޯދައިފިއެވެ.

ވެމްބްލީ ސްޓޭޑިއަމުގައި ރޭ ކުޅުނު ސެމީފައިނަލުގެ ދެވަނަ މެޗު ޗެލްސީން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމްގެ ފަރާތުން ވަރަށް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ ޗެލްސީން އުފެއްދި ނަމަވެސް ޕެލަސްއިންވެސް ވަނީ ޗެލްސީ ހާސްކަމުގެ ތެރޭގައި ބަހައްޓާލާފައެވެ. މި މެޗްގެ ފުރަތަމަ ހާފްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. މި ހާފްގައި ލަނޑެއް ޖެހުމާއި އެންމެ ގާތަށް ދިޔައީ ޕެލަސްގެ ޗެއިކުއޫ ކޮއުޔާޓޭއެވެ.

މިމެޗްގައި ޗެލްސީއިން ޖެހި ފުރަތަމަ ލަނޑު މެޗްގެ 65 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިޔާ ރުބެން ލޮފްޓަސް ޗީކްއެވެ. އަދި ދެވަނަ ލަނޑު މެޗްގެ 76 ވަނަ މިނެޓްގައި ޖަހާދިނީ މޭސަން މައުންޓްއެވެ.

މިކާމިޔާބިއާއެކު ޗެލްސީ މިވަނީ ޖެހިޖެހިގެން ތިންވަނަ ސީޒަންގައި އެފްއޭ ކަޕްގެ ފައިނަލުން ޖާގަ ހޯދާފައެވެ. ވޭތުވެދިޔަ ދެ ސީޒަންގައިވެސް ޗެލްސީއަށް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާއެވެ. އެގޮތުން ޗެލްސީ ބަލިވެފައިވަނީ އާސެނަލް އާއި ލެސްޓަރ ސިޓީ އަތުންނެވެ

މީގެ އިތުރުން މިކާމިޔާބީއާއެކު މިސީޒަންގައި ޗެލްސީއަށް ލިވަޕުލާއެކު ދެވަނަ ފައިނަލެއްގައި ބައްދަލުކުރުމުގެ ފުރުސަތު މިވަނީ ލިބިގެން ގޮސްފައެވެ. އެގޮތުން މިއަހަރުގެ ކުރީކޮޅު ކުޅުނު އިނގިރޭސި ލީގު ކަޕްގެ ފައިނަލްގައި ލިވަޕޫލް ވަނީ ޕެނަލްޓީ ޖަހައިގެން ޗެލްސީ ބަލިކޮށްފައެވެ. އެހެންކަމުން މިއީ އެނާކާމިޔާބީއަށް ބަދަލު ހިފުމަށް އެޓީމަށް ލިބިގެންދާ ރަނގަޅު ފުރުސަތެކެވެ. އަދި މިއީ މިސީޒަންގައި ހަތަރު ތަށި ކާމިޔާބުކޮށް އިނގިރޭސި ފުޓްބޯޅައިގެ ތާރީޚުގެ ތެރެއިން ޖާގަހޯދުމަށް މަސައްކަތް ކުރަމުންދާ ލިވަޕޫލަށް އެ އުންމީދުގައި ދެމިއޮތުމަށްޓަކައި ކާމިޔާބުކުރަން ވަރަށް މުހިންމު ފައިނަލަކަށް ވެގެން ދާނެއެވެ.

ޗެލްސީގެ ފިރިހެން ޓީމް އެފްއޭ ކަޕްގެ ފައިނަލުން ރޭ ޖާގަހޯދިއިރު، ޗެލްސީ އަންހެން ޓީމުން ވަނީ އިނގިރޭސި ވިމެންސް އެފްއޭ ކަޕްގެ ފައިނަލުންވެސް ޖާގަހޯދާފައެވެ.