ސިޔާސީ

ނަޝީދުގެ ނިންމެވުމަށް ސަރުކާރުން ކަންބޮޑުވުން ފާޅުކުރައްވައިފި


ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބޭސް ފަރުވާއަކަށް ރާއްޖެއިން ބޭރަށް ދަތުރު ކުރެއްވުމަށް ސަރުކާރުން ދެއްވި ފުރުޞަތާއި ދެކޮޅު ހެއްދެވުމުން އެކަމާއި ހިތާމަކުރައްވާކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.ދިވެހި ޚާރިޖީ ވުޒާރާއިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ރައީސް ނަޝީދު ރާއްޖެއިން ބޭރަށް ފުރުއްވުމުގެ ހުއްދަ ސަރުކާރުން ދެއްވާފައިވަނީ އެމަނިކުފާނުގެ އަމިއްލަ އެދުމުގެ މަތިންކަމަށެވެ. އަދި، މި ފުރުޞަތު ބަލައި ނުގެންނެވުމުން މިކަމާއި ހިތްހަމަނުޖެހުން ފާޅު ކުރައްވާކަމަށް ދިވެހި ޚާރިޖިއްޔާއިން ވިދާޅުވިއެވެ.މިކަމާއި ގުޅޭ ގޮތުން ޕީއެސްއެމްއާއި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ އުމަރު ނަޞީރުވަނީ، ރައީސް ނަޝީދު ރާއްޖެއިން ބޭރަށް ވަޑައިގަތުމާއި ބެހޭ ގޮތުން އެ މަނިކުފާނާއި ސަރުކާރާއި ދެމެދު އެއްބަސްވުމެއް ހައްދަވާފައިވާކަމަށް ދައްކާ ވާހަކަތައް ދޮގު ކުރައްވާފައެވެ.އުމަރު މިހެން ވިދާޅުވީ، ނަޝީދާއި ސަރުކާރާއި ދެމެދު އެއްބަސްވުމެއް ހައްދަވާފައިވާކަމަށް އެމަނިކުފާނުގެ ޤާނޫނީ ޓީމުން ބުނެފައިވާ ދަނޑިވަޅެއްގައެވެ. މި ކަން ދޮގު ކުރައްވާ ހޯމް މިނިސްޓަރ އުމަރު ވިދާޅުވީ، ރައީސް ނަޝީދުގެ ޤާނޫނީ ޓީމުން ބުނާފަދަ އެއްވެސް އެއްބަސްވުމެއް ސަރުކާރުން ހައްދަވާފައި ނުވާކަމަށާއި، ހުކުމެއް ތަންފީޒު ކުރަމުންދާ އެއްވެސް މީހަކާއިއެކު ސަރުކާރުން އެއްވެސް އެއްބަސްވުމެއް ނުހައްދަވާނެކަމަށެވެ.މިނިސްޓަރ ވިދާޅުވީ، ކުށްވެރިން ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމަކީ އައު ކަމެއް ނޫންކަމަށާއި، އެގޮތުން ޚާއްސަ އިނާޔަތެއްގެ ދަށުން ބޭސް ފަރުވާއަށްރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ރައީސް ނަޝީދަށް ދެއްވާފައިވާކަމަށެވެ. އަދި މިކަމުގައިޤާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތަކެއް ހުންނަކަމަށާއި، އެ ލިޔެކިއުންތަކުގައި އެކުށްވެރިއަކާއި އެމީހެއްގެ ބެލެނިވެރި ފަރާތުން ސޮއިކުރަން ޖެހޭނެކަމަށްވެސް އުމަރު ވިދާޅުވިއެވެ. އަދި، މީގެ ކުރިން ރައީސް ނަޝީދު ގޭ ބަންދަށް ބަދަލު ކުރެއްވި އިރުވެސް، މިފަދަ ލިޔެކިޔުންތަކެއްގައި ރައީސް ނަޝީދާއި އަނބިކަނބަލުން ލައިލާ ޢަލީ ސޮއި ކުރައްވާފައިވާކަމަށް އުމަރު ވިދާޅުވިއެވެ.ނަމަވެސް، ރައީސް ނަޝީދު ބޭރަށް ފުރާވަޑައިގަތުމަށް ދެއްވި ފުރުޞަތު ޤަބޫލުފުޅު ނުކުރެއްވީ، އެ މަނިކުފާނާއި ސަރުކާރާއި ދެމެދު ވެފައިވާ އެއްބަސްވުމަކާއި ސަރުކާރުން ޚިލާފްވުމުންކަމަށް ރައީސް ނަޝީދުގެ ޤާނޫނީ ޓީމުން ތުހުމަތު ކުރެއެވެ. އެ މަނިކުފާނުގެ ޤާނޫނީ ޓީމުން ބުނީ، ރައީސް ނަޝީދު  ބޭސްފަރުވާއަށް ފަހު އެނބުރި ރާއްޖެ ވަޑައިގަންނަވާ ގޮތަށް ޝަރުތުކޮށް އެމަނިކުފާނުގެ ޢާއިލާގެ މެންބަރަކު މާލެއިން ބޭރަށް ނުދެވޭގޮތަށް އިޤުރާރެއްގައި ސޮއިކުރަންޖެހޭކަމަށް ކަރެކްޝަނަލް ސަރވިސުން އެންގެވިކަމަށާއި، ރައީސް ނަޝީދު އެގޮތަށް ބޭނުންފުޅުވެވަޑައި ނުގަންނަވާކަމަށެވެ. އަދި، ރައީސް ނަޝީދަށް ބޭރަށް ވަޑައިގަތުމަށް ސަރުކާރުން ހުއްދަ ދެއްވީ ބޭރުގެ ޤައުމުތަކުގެ ބައެއް މިނިސްޓަރުން ދާދި ފަހުން ރާއްޖެ ވަޑައިގެން އެކަމަށް އެދި ވަޑައިގެންނެވުމުންކަމަށްވެސް އެ މަނިކުފާނުގެ ޤާނޫނީ ވަކީލް ހިސާން ހުސެއިން ވިދާޅުވިއެވެ.