ދުނިޔެ

ތުރުކީއިން ސޫރިޔާގެ ރެފިއުޖީންނަށް ވޯކް ޕާރމިޓް ދޭން ނިންމައިފި


ސޫރިޔާއިން ތުރުކީވިލާތަށް ވަންނަ ރެފިއުޖީންނަށް ވޯކް ޕާރމިޓް ދިނުމަށް ތުރުކީވިލާތުން ނިންމި ނިންމުމަށް ރެފިއުޖީންނާ ބެހޭ އދގެ އިސްވެރިޔާ މަރުޙަބާ ވިދާޅުވެއްޖެއެވެ. ސޫރިޔާގެ ރެފިއުޖީންނަށް ތުރުކީއިން ވޯކް ޕާރމިޓް ދިނުމަށް ނިންމީ، ތުރުކީވިލާތުގައި އެފަދަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ހޯދުމުގެ މަގު ތަނަވަސްކުރުމުގެ ގޮތުން ކަމަށް ތުރުކީއިން ވަނީ ބުނެފައެވެ. އަދި މީގެ އިތުރުން ޤަވާއިދާ ޚިލާފަށް ވިލާތަށް ވަންނަ ސޫރިޔާގެ ރެފިއުޖީންގެ އަދަދު ވެސް މަދު ކުރުމުގެ ވިސްނުމުގައި ކަމަށް ތުރުކީއިން ބުނެއެވެ. މިކަމާ ބެހޭ ގޮތުން ރެފިއުޖީންނާ ބެހޭ އދގެ އިދާރާގެ އިސްވެރިޔާ ފިލީޕޯ ގްރާންޑޭ ވިދާޅުވީ، ތުރުކީގެ މިނިންމުމާއެކު ސޫރިޔާގެ ރެފިއުޖީންނަށް ވަޒީފާތައް ލިބިގެންދާނެ ކަމަށާ ވަޒީފާއެއް ލިބުމަކީ، މިފަދަ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު އެތަށް ގުނައަކަށް ރަނގަޅުވެގެންދާނެ ކަމެއް ކަމަށެވެ.ތުރުކީވިލާތަށް ވަންނަ ގިނަ ސޫރިޔާގެ ރެފިއުޖީން ދަނީ ވަޒީފާގެ ފުރުސަތު ހޯދުމަށް ވިލާތުގެ ގައުމުތަކަށް ވަނުމަށް މަސައްކަތް ކުރަމުންނެވެ. ނުރައްކާތެރި އޭޖިއަން ކަނޑު ހުރަސްކޮށް ވިލާތަށް ރެފިއުޖީން ކުރާ ދަތުރުގައި މިދިޔަ އަހަރު ހިނގި އެކި އެކި ޙާދިސާތަކުގައި ވެސް 3 ހާހަށް ވުރެ ގިނަ ރެފިއުޖީން ވަނީ މަރުވެފައެވެ.