ކުޅިވަރު

ބްރައިޓަން އަތުން ބަލިވެ ޓޮޓެންހަމުން ފުރުސަތު ނަގާލައިފި


އިންގްލިޝް ޕްރިމިއަރ ލީގުގައި ޓޮޓްނަމް ހޮޓްސްޕަރ އާއި ބްރައިޓަން އެންޑް ހޯވް އެލްބިއަން ބައްދަލުކުރިމެޗް ބްރައިޓަން ކާމިޔާބުކޮށްފިއެވެ.

ސްޕަރސްގެ ދަނޑުގައި ކުޅުނު މިމެޗް ބްރައިޓަން ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަހަމަލާ އުފައްދާފައިވަނީ ބްރައިޓަންއިންނެވެ. މިމެޗްގައި ސްޕަރސްގެ ފަރާތުން މާރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެެއް ނުވެއެވެ. މިމެޗްގައި ބްރައިޓަންއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ ފަހު މިނެޓްގައި ޖަހާދީފައިވަނީ ލިއާންޑްރޯ ޓްރޮސާޑްއެވެ. މިމެޗްގެ އިތުރު ވަގުތުގައި ސްޕަރސްގެ ސްޓީވެން ބަރގްވިންއަށް މެޗްގެ ނަތީޖާ ހަމަހަމަ ކުރާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރު ވެގެން ދިޔައެވެ.

މިކާމިޔާބީއާއެކު ބްރައިޓަން މިހާރު ވަނީ ކުޅުނު 32 މެޗުން ލިބިފައިވާ 40 ޕޮއިންޓާއެކު ތާވަލްގެ 10 ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ސްޕަރސް އުޅެނީ 57 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައިގައެވެ