ކުޅިވަރު

ސިޓީ ބަލިކޮށް ލިވަޕޫލް އެފްއޭ ކަޕުގެ ފައިނަލަށް


މެންޗެސްޓާ ސިޓީ ބަލިކޮށް އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލުން ލިވަޕޫލް ޖާގަހޯދައިފިއެވެ.

މިމުބާރާތުގެ ފައިނަލުން ލިވަޕޫލް ޖާގަހޯދީ ރޭ ކުޅުނު ސެމީފައިނަލްގެ ފުރަތަމަ މެޗްގައި މެންޗެސްޓާ ސިޓީ އާއި ބައްދަލުކޮށް މެޗް ކާމިޔާބު ކޮށްގެންނެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މިމެޗް ލިވަޕޫލް ކާމިޔާބު ކުރީ 3-2 ގެ ނަތީޖާއަކުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ހާފް ލިވަޕޫލުން ކޮންޓްރޯލް ކުރިތަން ފެނިގެން ދިޔައިރު ދެވަނަ ހާފްގައި ސިޓީއިން އެޓީމްގެ ކުޅުން ރަނގަޅު ކުރިތަން ފެނިގެންދިޔައެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 9 ވަނަ މިނެޓްގައި ކާމިޔާބުކޮށް ލީޑު ނެގީ ލިވަޕޫލުންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމާ ކޮނާޓޭއެވެ. މިއީ އޭނާ އެންމެފަހުން ކުޅުނު ތިން މެޗްގައި ކާމިޔާބުކުރި ތިންވަނަ ލަނޑެވެ. އަދި މެޗްގެ 17 ވަނަ މިނެޓްގައި ސިޓީގެ ކީޕަރ ޒެކކް ސްޓެފެންއަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ލިވަޕޫލްގެ ލީޑު ފުޅަކޮށްދިނީ ސާޑިއޯ މާނޭއެވެ. އަދި ފުރަތަމަ ހާފް ނިމިނިމި އޮއްވާ ލިވަޕޫލްގެ ތިންވަނަ ލަނޑުވެސް ޖަހާދިނީ މާނޭއެވެ. މިލަނޑާއެކު މިމެޗް ލިވަޕޫލުން ކާމިޔާބު ކޮށްފި ކަމަށް ގިނަ ބަޔަކަށް ގަބޫލް ކުރެވިގެންދިޔައެވެ. ނަމަވެސް މިމެޗްގެ ދެވަނަ ހާފަށް ސިޓީ ނިކުތީ އާ ހިތްވަރަކާއެކުއެވެ. މިގޮތުން ދެވަނަ ހާފްގެ ކުޅުން ފެށިތާ ދެވަނަ މިނެޓްގައި ސިޓީއިން ލަނޑެއް ޖަހާ ލިވަޕޫލްގެ ލީޑު 2 ލަނޑަށް ކުޑަކުރިއެވެ. އަދި މެޗްގެ އިތުރު ވަގުތުގައި ސިޓީގެ ބެނާޑޯ ސިލްވަރ ޖަހާދިން ލަނޑާއެކު މެޗްގެ ނިމުން ދިޔައީ ވަރަށް ފޯރިގަދަކޮށެވެ. އަދި ސިޓީއަށް މެޗްގެ ނަތީޖާ ހަމަހަމަ ކުރާނެ ރަނގަޅު ދެ ފުރުސަތެއް ވަރު ލިބިގެންދިޔައެވެ. ނަމަވެސް ލިވަޕޫލްގެ ޑިފެންސްއިން ވަނީ މިހަމަލާތަށް ބޭކާރު ކޮށްލާފައެވެ. މިމެޗްގެ ދެވަނަ ހާފްގައި ލިވަޕޫލްގެ ކީޕަރ އެލިސަން ބެކަރވަނީ ދެފަހަރެއްގެ މަތިން ގެބްރިއަލް ޖޭސުސް ފޮނުވާލި ދެ ހަމަލާއެއް ދިފާއުކޮށްފައެވެ.

މިކާމިޔާބީއާއެކު ލިވަޕޫލް މިހާރު މިވަނީ އެފް އޭ ކަޕްގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފައެވެ. އަދި އެޓީމާއި ފައިނަލްގައި ވާދަކުރާނީ މިރޭ ޗެލްސީ އާއި ކްރިސްޓަލް ޕެލަސްގެ މެދުގައި ކުޅޭ ސެމީފައިނަލްގެ ދެވަނަ މެޗުން މޮޅުވާ ޓީމަކާއެވެ. އަދި މިކާމިޔާބީގެ ސަބަބުން މިސީޒަންގައި ހަތަރު ތަށި ކާމިޔާބު ކުރުމުގެ ފުރުސަތު މިހާރު އޮތް ހަމައެކަނި ޓީމަކީ ލިވަޕޫލެވެ. ލިވަޕޫލް ވަނީ މިހާރު ކަރަބާއޮ ކަޕް ކާމިޔާބު ކޮށްފައެވެ. އަދި އެފް އޭ ކަޕްގެ ފައިނަލުން ޖާގަ ހޯދާފައިވާއިރު ޕްރިމިއަރ ލީގުގައި އުޅެނީ އެންމެ ޕޮއިންޓެއްގެ ތަފާތުން ތާވަލްގެ ދެވަނައިގައެވެ. އަދި ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުން އެޓީމްވަނީ މިނިމުނު ހަފްތާގައި ޖާގަހޯދާފައެވެ. ރޭގެ މެޗުން ބަލިވުމުން މިސީޒަންގައި ދެން ސިޓީއަށް އޮތް ހަމައެަނި ދެ ފުރުސަތަކީ ޕްރިމިއަރ ލީގާއި ޗެމްޕިއަންސް ލީގެވެ. ރޭގެ މެޗްގައި އެންމެފަހުން އެޓްލެޓިކޯ އާއި ކުޅެ އެއްވަރުވި މެޗުގައި އެޓީމްގެ މުހިންމު ބައެއް ކުޅުންތެރިންނަށް ލިބުނު އަނިޔާގެ އަސަރު ކޮށްފައިވާކަން ފާހަގަ ވެގެންދިޔައެވެ. އަދި ފުރަތަމަ ހާފްގައި އާންމުކޮށް ފެނިގެންދާ މޮޅު ކުޅުން ސިޓީގެ ފަރާތުން ފެނިގެން ގޮސްފައެއް ނުވެއެވެ.