ޚަބަރު

ފޮރެކްސް ރިޒާވް ހަމައަކަށް އެޅުވުމަށް ނޭޕާލުން އެދެނީ މަސައްކަތްތެރިންގެ އެހީއަށް


ނޭޕާލްގެ ފޮރިން އެކްސްޗޭންޖް ރިޒާވު މަދުވުމާއި ގުޅިގެން އެ ޤައުމަށް ދިމާވެފައިވާ އިޤްތިޞާދީ ތާށިކަމުން އަރައިގަތުމަށް، ޤައުމުން ބޭރުގައި ތިބި ރައްޔިތުންގެ އެހީތެރިކަމަށް ގޮވާލައިފިއެވެ.

ނޭޕާލަށް ބޭރު ފައިސާ ލިބޭ މައިގަނޑު މަގުތައް ކަމަށްވާ ފަތުރުވެރިކަމާއި ރެމިޓެންސްގެ ޒަރިއްޔާއިން ލިބޭ ފައިސާ ޕެންޑެމިކަށްފަހު އަދިވެސް ކުރީގެ މިންވަރަށް އިޔާދަކުރެވިފައި ނުވާތީ، އެ ޤައުމުގެ ފޮރިން އެކްސްޗޭންޖް ރިޒާވަށް ވަނީ އަސަރުކޮށްފައެވެ.

ފޮރިން ރިޒާވުގައި ހުރި ފައިސާ ވީހާވެސް ދިގު މުއްދަތަކަށް ދެމެހެއްޓުމަށްޓަކައި ނޭޕާލުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން މިދިޔަ ހަފްތާގައި ވަނީ ލަގްޒަރީ މުދާ އެތެރެކުރެވޭ މިންވަރު ލިމިޓްކޮށްފައެވެ. އޭގެފަހުން ފޮރިން ރިޒާވަށް ފައިސާ އިތުރުކުރުމަށްޓަކައި ފާއިތުވި ހޮނިހިރުދުވަހު ނޭޕާލުގެ މާލީ ވަޒީރު ޖަނާދަން ޝަރުމާ ވަނީ ޤައުމުން ބޭރުގައިތިބި މަސައްކަތްތެރިންގެ ފަރާތުން ނޭޕާލްގެ ޑޮމެސްޓިކް ބޭންކުތަކަށް ބޭރު ފައިސާ ޖަމާކޮށްދިނުމަށް އެދިފައެވެ.

ޤައުމުން ބޭރުގައި މަސައްކަތްކުރާ ރައްޔިތުން ފޮނުވާ ރެމިޓެންސް ފައިސާ، ނޭޕާލްގެ އިޤްތިޞާދުގެ 4 ބައިކުޅަ 1 ބައި ޙިއްސާކުރާއިރު، މިއީ އެ ޤައުމުގެ މާލީ މުޢާމަލާތްތަކަށް ކޮންމެހެން ބޭނުންވާ އާމްދަނީއެކެވެ. ފާއިތުވި 2021 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން 2022 ވަނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށް ރެމިޓެންސް ފައިސާގެ ނިޞްބަތް ވަނީ 5.8 އިންސައްތަ ދަށަށްގޮސްފައެވެ. އަދި މި މުއްދަތުގައި ފޮރިން ރިޒާވު ވަނީ 17 އިންސައްތަ ދަށަށްގޮސްފައެވެ. ޤައުމުން ބޭރުގައި ނޭޕާލްގެ 3.5 މިލިއަނެއްހާ މީހުން މަސައްކަތްކުރާއިރު، ނޭޕާލްގެ މާލީ ވަޒީރު ޝަރުމާ ވިދާޅުވީ އޭގެތެރެއިން 100000 މީހަކު، މީހަކަށް 10000 ޑޮލަރު ނޭޕާލްގެ ބޭންކުތަކަށް ޖަމާކޮށްފިނަމަ، ރިޒާވަށް ރަނގަޅު ބަދަލެއް އައިސް، އިޤްތިޞާދީގޮތުން ބޮޑު އެހީތެރިކަމަކަށް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިގޮތަށް ފައިސާ ޖަމާކުރާ ފަރާތްތަކަށް 6-7 އިންސައްތައިގެ އިންޓްރެސް ރޭޓަކުން ފައިދާ ވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނޭޕާލަށް އިޤްތިޞާދީ ކާރިޘާއެއް ދިމާވެފައި ނުވާކަމަށާއި، ސްރީލަންކާގެ ޙާލަތާއި އަޅާ ނުކިޔޭނެކަމަށް މާލީ ވަޒީރު ވިދާޅުވެއެވެ. ނަމަވެސް އެ ޤައުމުގައި ތަކެތީގެ އަގު ދަނީ ހިފެހެއްޓުމެއްނެތި އުފުލެމުންނެވެ. އަދި ފޮރިން ރިޒާވުގައި ހުރި 9.75 ބިލިއަން ޑޮލަރުން ޚަރަދުކުރެވޭނީ ކުރިއަށްއޮތް 6 މަސްދުވަހަށް އެކަނި ކަމަށް މަރުކަޒީ ބޭންކުން ހާމަކުރެއެވެ.

އިޤްތިޞާދީ ދަތިކަމުން އަރައިގަތުމަށްޓަކައި ނޭޕާލުން ވަނީ 5 އަހަރު ދުވަހަށް ބަހާލައިގެން އެމެރިކާއިން ދިނުމަށް ނިންމާފައިވާ 659 މިލިއަން ޑޮލަރުގެ ފައިސާގެ ހިލޭ އެހީ ހޯދުމަށް އެއްބަސްވެފައެވެ. އަދި ވޯލްޑް ބޭންކުންވެސް ވަނީ ލުއިގޮތަކަށް އަނބުރާ ދެއްކޭގޮތަށް 150 މިލިއަން ޑޮލަރުގެ ލޯނުއެހީ ނޭޕާލަށް ދިނުމަށް ނިންމާފައެވެ.