ކުޅިވަރު

ދަ ގްރާންޑޭ ބަލިކޮށް ހުޅުމާލެ ވެޓެރަންސް ފައިނަލާ ގާތަށް


މައިލޯ އެފްއޭއެމް ވެޓެރަންސް ލީގު 2022 ގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގެ މައްޗަށް ހުޅުމާލެ ވެޓެރަންސްއިން ކުރިހޯދާ ފައިނަލާ ގާތަށް ޖެހިލައިފިއެވެ.

އެފްއޭއެމް އެއް ނަމްބަރު ޓާފް ދަނޑުގައި ހޮނިހިރު ދުވަހު ހަވީރު ކުޅުނު މެޗު ހުޅުމާލެ ވެޓެރަންސްއިން ކާމިޔާބުކުރީ 5-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުން މޮޅުވެ، ލީގުގެ ކުރީގައި އޮތް ހުޅުމާލެ ވެޓެރަންސްއަށް ވަނީ ހަތަރު މެޗުން 12 ޕޮއިންޓު ލިބިފައެވެ. ދަ ގްރާންޑޭ ފުރަތަމަ ފަހަރަށް ބަލިވިއިރު، އެ ޓީމަށް ހަތަރު މެޗުން ވަނީ ނުވަ ޕޮއިންޓް ލިބިފައެވެ. ތިން ވަނައިގައި އޮތީ ތިން މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ މޯލްޑިވްސް ސޮކަ މޭޓްސްއެވެ.

ހުޅުމާލެ ވެޓެރަންސްއަށް ބާކީ ދެން އޮތީ އަންގާރަ ދުވަހު ސޮކަ މޭޓްސްއާ ކުޅޭ މެޗާއި ސިފައިންނާ ކުޅެން ޖެހޭ މެޗެވެ. އަންގާރަ ދުވަހު ސޮކަ މޭޓްސް އަތުން މޮޅުވެއްޖެނަމަ ބާކީ މެޗެއް އޮއްވައި، ހުޅުމާލެ ވެޓެރަންސްއަށް ފައިނަލުގެ ޖާގަ ޔަގީންކުރެވޭނެއެވެ.

މި މެޗުގެ ފުރަތަމަ 10 މިނިޓް ތެރޭ ހުޅުމާލެ ވެޓެރަންސް އިން ދެ ލަނޑުގެ ލީޑެއް ނެގިއެވެ. މި ދެ ލަނޑު ވެސް ޖެހީ ހުޅުމާލެ ވެޓެރަންސް ޓީމުގެ ކެޕްޓަން އަދި ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އިސްމާއިލް މުހައްމަދު (އިއްސެ)އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ހުޅުމާލެ ވެޓެރަންސްގެ އަހުމަދު ޝާހިދު ވަނީ އެ ޓީމުން ކާމިޔާބުކުރި ތިންވަނަ ލަނޑު ޖަހައިފައެވެ.

ހުޅުމާލެ ވެޓެރަންސް ގޯލުގައި ހުރި ގޯލްކީޕަރު، މުހައްމަދު ޝިނާން (ނާނި) ކައިރިން ދަ ގްރާންޑޭ އަށް ލަނޑެއް ޖެހޭ ގޮތެއްނުވިއެވެ. ދެ ވަނަ ހާފްގެ ފަހު ކޮޅުގައި ހުޅުމާލެ ވެޓެރަންސް އިން ދެ ލަނޑު ޖެހިއެވެ. ހުޅުމާލެ ވެޓެރަންސްގެ ހަތަރު ވަނަ ލަނޑު ޖަހައި، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިއްސެ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. އަނެއް ގޯލު ޖެހީ ބަދަލަކަށް ކުޅެން އެރި އިބްރާހިމް މުހައްމަދުއެވެ.

ތިން އަަހަރުގެ މެދުކެނޑުމަކަށް ފަހު އެފްއޭއެމްގެ ވެޓެރަންސް މުބާރާތް މި ފަހަރު ކުރިއަށްދާއިރު، އިންތިޒާމްކުރަނީ ކްލަބް އިވެންޓްސް އިންނެވެ.

މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި އީގަލްސް ކުޅޭނީ ޕޮލިސް ކްލަބާ ދެކޮޅަށެވެ.