ޚަބަރު

ޕާކިސްތާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސްކަން ކުރީގެ ބޮޑުވަޒީރު އަޝްރަފަށް


ޕާކިސްތާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސްކަމުގެ މަޤާމަށް އެ ޤައުމުގެ ކުރީގެ ބޮޑުވަޒީރު ރާޖާ ޕަރްވޭޒު އަޝްރަފު ޢައްޔަންކޮށްފިއެވެ.

ޕާކިސްތާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސްކަމުގެ މަޤާމަށް އަޝްރަފު ޢައްޔަންކުރައްވާފައިވަނީ އެ ޤައުމުގެ ބޮޑުވަޒީރުގެ މަޤާމާ ޝާހުބާޒު ޝަރީފު ޙަވާލުވެވަޑައިގެން އެ ޤައުމުގެ ވެރިކަން އައު އިއްތިޙާދަކަށް ލިބިފައިވާ ދަނޑިވަޅެއްގައެވެ. ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމުރާން ޚާނަށް ވަފާތެރި 100އަށްވުރެ ގިނަ މެންބަރުން އިސްތިޢުފާދީފައިވުމުން މަޖިލީހުގެ ރައީސްކަމުގެ މަޤާމަށް ވާދަކުރައްވާފައިވަނީ ހަމައެކަނި އަޝްރަފެވެ. އޭނާ ނިޞްބަތްވާ ޕާކިސްތާން ޕީޕަލްސް ޕާޓީ، ޕީޕީޕީއަކީ އެ ޤައުމުގައި ވެރިކަންކުރާ އައު އިއްތިޙާދުގެ މުޙިއްމު ބައިވެރިއެކެވެ.

ޕާކިސްތާނުގެ ޤާނޫނުހަދާ މަޖިލީހުން އިމުރާން ޚާނަށް ވަފާތެރި 100އަށްވުރެ ގިނަ މެންބަރުން އިސްތިޢުފާދިން ނަމަވެސް އެ ނިންމުން އަދި އިދާރީގޮތުން ތަންފީޒެއް ނުކުރެވެއެވެ. ނަމަވެސް 100އަށްވުރެ ގިނަ މެންބަރުންގެ އިސްތިޢުފާ ބަލައިގަނެ އެ ދާއިރާތަކުގައި ބައި އިލެކްޝަން ބާއްވަން މަޖުބޫރުވުމަކީ ޝާހުބާޒުގެ ވެރިކަމުގެ ކުރީކޮޅުގައި ކުރިމަތިވެވަޑައިގަންނަވާނެ ގޮންޖެހުމެކެވެ. އަދި އެ ޤައުމުގައި އުފެދިފައިވާ ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން 2023ވަނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި ޢާއްމު އިންތިޚާބެއް ބާއްވަންދެން ޞުލްޙަވެރިކަމާއެކު އޭނާއަށް ބޮޑުވަޒީރުކަން ކުރެވިދާނެކަމާމެދުވަނީ ސުވާލުއުފެދިފައެވެ. ޕާކިސްތާނުގެ އިންތިޚާބާބެހޭ ވުޒާރާއިން ބުނެފައިވަނީ އެ ޤައުމުގައި އެންމެ އަވަހަށްވެސް އިންތިޚާބެއް ބޭއްވޭނީ އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައިކަމަށެވެ.

ޢުމުރުފުޅުން 71 އަހަރުގެ އަޝްރަފު ޕާކިސްތާނުގެ ބޮޑުވަޒީރުކަން ކުރައްވާފައިވަނީ 2012ވަނަ އަހަރުގެ ޖޫން މަހުން 2013ވަނަ އަހަރުގެ މާރިޗު މަހަށެވެ. އޭގެ ކުރިން އޭނާވަނީ ޔޫސުފު ރަޟާ ކީލާނީގެ ސަރުކާރުގައި ވަޒިރުކަންކުރައްވައިފައެވެ.