ތިލަމާލެ ބްރިޖްގެ މަސައްކަތަށް ވިލިމާލޭގެ ދެކުނު ފަރާތު ފަޅުގައި އަޅާފައިވާ އުޅަނދުފަހަރު ނަގާ އެ ސަރަހައްދު ހުސްކުރުމަށް އަންގައިފިއެވެ. ވިލިމާލޭގެ ދެކުނު ފަރާތަކީ ބްރިޖް ގޮސް ވިލިމާލެއާއި ގުޅޭ ސަރަޙައްދެވެ.
ސިޓީ ކައުންސިލުން އާއްމުކުރި އިއުލާނެއްގައި ބުނީ ތިލަމާލެ ބުރިޖުގެ މަސައްކަތަށް ވިލިމާލޭގެ ފަޅުތެރެއާއި އެއްގަމުން ޚާއްސަކޮށްފައިވާ ސަރަޙައްދު ވަކިކުރުމަށް ފެންސް ޖެހުމުގެ މަސައްކަތް މިހާރުކުރަމުން އަންނަކަމަށެވެ. އެހެންކަމުން ވިލިމާލޭގެ ދެކުނު ފަރާތު އެއްގަމާއި ފަޅުތެރޭ އަޅާފައި ހުރި އުޅަނދުފަހަރު ނަގާ އެ ސަރަޙައްދު ހުސްކުރުމަށްވަނީ އަންގާފައެވެ.
ބްރިޖްގެ މަސައްކަތްތަކުގެ ތެރެއިން މަސައްކަތައް ބޭނުންވާ ސައިޓްތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުން އަންނަތީ ވިލިމާލޭގެ ދެކުނު ފަރާތު ފަޅުގައި އަޅާފައިވާ އުޅަނދުފަހަރު އެހެލާފައިވާ އުޅަނދުތައް އަންނަ އަންގާރަދުވަހުގެ އިރުއޮއްސި ހައެއްގެ ކުރިން އެތަނުން ނަގާ ތަން ހުސްކުރަން ވަނީ އަންގާފައެވެ.
ބުރިޖުގެ މަސައްކަތަށް އުނދަގޫވާގޮތަށް މި މުއްދަތުގައި ނުނަގާ ހުރި އުޅަނދުތައް ކައުންސިލުން ނަގާ، އުޅަނދުފަހަރު އަޅާފައި ބެހެއްޓުމަށް ކަނޑައަޅާފައިވާ ސަރަޙައްދަށް ބަދަލުކުރާނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އަދި އުޅަނދުތައް ނެގުމުގެ ތެރޭގައި އުޅަނދާއި ތަކެއްޗަށް ލިބޭ ގެއްލުމުގެ ޒިންމާ ނުނަގާމެކަމަށްވެސް ކައުންސިލުން ވިދާޅުވެއެވެ.
ތިލަމާލެ ބްރިޖްގެ މަސައްކަތަށް ތައްޔާރުވުމުގެ ގޮތުން މިވަގުތު ކުރިއަށްދަނީ ސަރވޭގެ މަސައްކަތް ތަކާއި، ސައިޓްތައް ތައްޔާރުކުރުމުގެ މަސައްކަތެވެ.
ބްރިޖް މަސައްކަތަށް ބޭނުންވާ މާލޭ ސައިޓް ހަދަނީ، މާލޭ އިންޑަސްޓްރިއަލް ޒޯންގައެވެ. އެގޮތުން ޒޯންގައި މިހާރުވަނީ އިން ވަކިކުރުމަށް ފެންސް ޖަހާ، ބައެއް ޕްރީ ފެބް އިމާރާތްތަކުގެ މަސައްކަތްވެސް ކޮށްފައެވެ. އަދި ގުޅީފަޅު ސައިޓްގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
ބްރިޖްގެ ތަނބުތަކުގެ މަސައްކަތަށް ބޭނުންވާ ބާޖުވެސް މިމަހުގެ ތެރޭގައި ރާއްޖެ އައިސް މަސައްކަތްވަނީ ފަށާފައެވެ. ޕްލޭނިން މިނިސްޓްރީން ވިދާޅުވީ ބްރިޖްގެ ޢަމަލީ މަސައްކަތްތައް މިއަހަރު ޖުލައި މަހުގެ ތެރޭގައި ފަށާނެކަމަށެވެ.
މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލާ ބްރިޖަކީ 6.7 ކިލޯމީޓަރުގެ ބްރިޖެކެވެ. މީގެތެރޭގައި ލިންކިން ރޯޑްތައްވެސް ހިމެނެއެވެ. އިންޑިއާގެ އެހީއާއި ދިވެހި ސަރުކާރުން ޚަރަދަކޮށް އަޅާ މި ބްރިޖްގެ އަގު 500 މިލިއަން ޑޮލަރަށް އަރައެވެ.
ސަރުކާރުން ޢަމާޒުކޮށްފައިވަނީ އަންނަ އަހަރުގެ ނިޔަލަށް މާލެއިން ގުޅިފަޅާއި ހަމައަށް ބުރިޖުގެ މަސައްކަތް ނިންމުމަށެވެ. އަދި 2024ވަނަ އަހަރުގެ މޭ މަހަށް، ބްރިޖްގެ ހުރިހާ މަސައްކަތްތައް ނިންމުމަށެވެ.