ޚަބަރު

ނަޝީދު ބޭރަށް ފޮނުވަން އެއްބަސްވުމެއް ނޯންނާނެ- އުމަރު


ކުރީގެ ރައީސް މުހައްމަދު ނަޝީދު
ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވަން ސަރުކާރުން ނިންމެވީ އެއްބަސްވުމެއްގެ
ދަށުން ނޫންކަމަށް ހޯމް މިނިސްޓަރު ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.



ނަޝީދު ރާއްޖެއިން ބޭރަށް
ފޮނުވުމަށް އެއްބަސްވުމެއް ވެފައިވާކަމަށް ދޭހަވާ ގޮތަށް އެމަނިކުފާނުގެ ޤާނޫނީ
ޓީމުގެ ފަރާތުން ދެއްކެވި ވާހަކަތަކަށް ރައްދުދެއްވަމުން ހޯމް މިނިސްޓަރު އުމަރު ނަސީރު
ވިދާޅުވީ، ނަޝީދު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމާއި ގުޅޭގޮތުން ސަރުކާރުން
އެއްވެސް އެއްބަސްވުމެއްވެފައި ނުވާނޭކަމަށެވެ.



އަދި ޖަލުގައި ހުންނަ އެއްވެސް
ކުށްވެރިއަކާއި ސަރުކާރާއި ދޭތެރޭ އެއްވެސް އިރެއްގައި އެއްބަސްވުމެއް
ނުހިނގާނޭކަމަށްވެސް ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓަރު އުމަރު
ނަސީރު ވިދާޅުވިއެވެ.



ހޯމް މިނިސްޓަރ ވިދާޅުވީ ކުށްވެރިން
ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމަކީ އާކަމެއް ނޫންކަމަށާއި، އެގޮތުން
ޚާއްސަ އިނާޔަތެއްގެ ދަށުން ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ
ނަޝީދަށް ދެއްވާފައިވާކަމަށެވެ.



ރާއްޖެއިން ބޭރަށް ދިއުމުގެ
ހުއްދަ ދެއްވި ނަމަވެސް، ގާނޫނީ ގޮތުން ފުރިހަމަ ކުރައްވަންޖެހޭ ލިޔެކިޔުންތަކެއް
ހުންނަކަމަށާއި، އެ ލިޔެކިއުންތަކުގައި އެކުށްވެރިއަކާއި އެމީހެއްގެ ބެލެނިވެރި
ފަރާތުން ސޮއިކުރަންޖެހޭނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މީގެ ކުރިން ނަޝީދު ގޭ
ބަންދަށް ބަދަލުކުރެއްވި އިރުވެސް މި ލިޔެކިއުންތަކުގައި ނަޝީދުގެ އަނބިކަނބަލުން
ސޮއިކުރައްވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.