އިންސާނާގެ ހަށިގަނޑާއި ފުރާނައަކީ އަމިއްލަ މިލްކެއް ނޫންކަމަށާއި އެއީ މާތްﷲ ދެއްވި އަމާނާތެއް އަދި ބޮޑު ނިޢުމަތެއްކަމަށް ޑރ. އަނާރާ ނަޢީމު ވިދާޅުވެއްޖެއެވެ.
ޑރ.އަނާރާ މިހެން ވިދާޅުވީ "ހަށިގަނޑާއި ފުރާނައަކީ އަމިއްލަ މިލްކެއް ނޫން" މި މައުޟޫޢަށް ރޭގެ އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުންނެވެ. މިމައުޟޫއަށް ތަޤުރީރު ކުރައްވަމުން އަނާރާ ވިދާޅުވީ އިންސާނާ އުފެދިފައިވަނީ މައިގަނޑު 3 ބަޔަކަށް ކަމަށާއި އެއީ ޖިސްމާއި، ރޫޙާއި، ނަފްސުކަމަށެވެ. އިންސާނާގެ ނަފްސާ ބެހޭ ގޮތުން ހިއްސާކުރައްވަމުން ވިދާޅުވީ ކޮންމެ ނަފްސަކަށްވެސް ހެޔޮގޮތާއި ނުބައިގޮތް އެނގޭކަމަށާއި ހެޔޮތަށާއި ނުބައި ގޮތަށް އުޅެނީ އެ އިންސާނާ އަމިއްލައަށް އެނގިހުރެކަމަށެވެ. އިންސާނުންނަށް އޮތީ ނަފްސު ޠާހިރުކުރުންކަމަށާއި އެއީ އެގޮތަށް ކަންކުރުމުން އެ އިންސާނާ ބާއްޖަވެރިންގެ ތެރޭގައި ހިމެނޭތީކަމަށެވެ.
ނަފްސަށް އަޅާލާ އޯގާތެރިވުން އެއީ ކޮންމެ މީހެއްގެ މައްޗަށް ވާޖިބެއްކަން ބަޔާންކުރައްވަމުން ޑރ. އަނާރާ ވިދާޅުވީ ނަފްސަށް އަޅާލުމަށާއި ނަފްސަށް އަޅާލުމުގެ މުހިންމުކަމާ ބެހޭ ގޮތުން، ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާއިރު ސުންނަތުންވެސް މިކަން ސާފުކޮށް އެނގެން އެބައޮތްކަމަށެވެ. އަދި ޢިލްމުވެރިންވެސް އެތައް ފޮތެއް މިކަމާ ގުޅޭގޮތުން ލިޔުއްވާފައިވާކަމަށެވެ.
އަމިއްލަ ނަފްސަށް އަޅާލާފަދައިން އެހެންމީހުންގެ ނަފްސާމެދުވެސް އަޅާލުމާބެހޭ ގޮތުން ޑރ. އަނާރާ ވަނީ މިރޭގެ ފޯރަމްގައި ވާހަކަފުޅު ދައްކަވާފައެވެ. ކޮންމެ މީހަކުވެސް ހިތްހަމަޖެހިގެންވާ ފުރާނައެއްގެ ނަފްސަކަށް ވާންޖެހޭކަމަށާއި ނަފްސު އިޞްލާހުކުރުމުގައިވެސް މިފަދަ ނަފްސެއް ލިބިގަތުމަށް މަސައްކަތް ކުރުން ވަރަށް މުހިންމުކަމަށް ވިދާޅުވިއެވެ. މިފަދަ ނަފްސުގެ އަހުލުވެރިން ކުރާ ކޮންމެ ކަމެއް ކުރުމުގައިވެސް އެކަމަކީ މާތްﷲ ރުހިވޮޑިގެންވާ ކަމެއްތޯ ބަލާނެކަމަށް ވިދާޅުވިއެވެ.
އެހެންކަމުން އެފަދަ މީހުން ދީނުގައި ލައްވަވާފައިވާ ކަންތައްތައް ކުރުމަށް އިސްކަންދީ އެގޮތަށް ޢަމަލުތައް ބަހައްޓާނެކަމަށްވެސް ވިދާޅުވިއެވެ. މުސްލިމުންނަށް ފަސްވަގުތު ނަމާދުކުރުމާއި، އަހަރަކު އެއްފަހަރު އަންނަ ރަމަޟާންމަހު ރޯދަ ހިފުމާއި، ޢުމުރުން އެއްފަހަރު ކުޅަދާނަކަން ހުރިނަމަ ޙައްޖުވުންފަދަ އަޅުކަންތައް ހިމެނޭއިރު މި އަޅުކަންތަކުގައި ހުންނަނީ، މާތްﷲ ދެއްވަވާފައިވާ ނިޢުމަތްތަކާ އަޅާބަލާނަމަ ވަރަށް މަދު ތަކުލީފުތަކެއްކަމަށް ވިދާޅުވިއެވެ.
ޑރ.އަނާރާ ވިދާޅުވީ އިންސާނާ އޭނާގެ އަމިއްލަ ނަފްސަށް ގެއްލުންވާނެ އެއްވެސްކަމެއް ކުރުމަކީ ކޮށްގެންވާނެކަމެއް ނޫންކަމަށެވެ. ދުނިޔޭގައި ހަދާފައިވާ ދިރާސާތަކަށް ބައްލަވާލައްވަމުން ވިދާޅުވީ މީހުން މަރުވާ ރޭޓަށް ބަލާއިރު ދުނިޔޭގައި 4 ވަނައަށް އެންމެ ގިނަ ޒުވާނުން މަރުވަނީ އަމިއްލައަށްކަމަށެވެ. އެއީ ވަރަށް ބޮޑުފާފައެއްކަމަށާއި މާތްﷲ ދެއްވާފައިވާ ވަރަށް ބޮޑު ނިޢުމަތަކަށް ފުރަގަސްދެވެނީކަމަށް ވިދާޅުވިއެވެ. އަދި އަމިއްލައަށް މަރުވުމަކީ ޙަރާމްކަމެއްކަމަށްވެސް ވިދާޅުވިއެވެ.
މި މައުޟޫޢަށް ވާހަކަފުޅުދައްކަވަމުން ޑރ. އަނާރާ ވިދާޅުވީ އިންސާނާގެ ނަފްސު ލައްވާފައިވަނީ ތަފާތު އިޙްސާސްތަކާއިއެކުގައިކަމަށާއި މި އިޙްސާސްތައް ކޮންޓްރޯލްކުރުމަކީ ވަރަށް މުހިންމުކަމެއްކަމަށެވެ. އެގޮތުން ނަފްސާނީ ޢިލްމުވެރިންނާއި މިފަދަ ފަރާތްތަކުގެ އެހީތެރިކަން އެފަދަ ޙާލަތްތަކުގައި ހޯދޭނެކަމަށާއި އިސްލާމްދީނުގައި ތިމާގެ ނަފްސު ކޮންޓްރޯލްކުރުމަށް އަންގަވާފައިވާކަމަށް ވިދާޅުވަމުން، ހިތާމައާއި ރުޅިއާއި މިކަންކަމުގައި އިސްލާމްދީނުގައި އަމަލުކުރުމަށް ކަނޑައަޅުއްވާފައިވާ ކަންތަކަށް ބައްލަވާލެއްވިއެވެ.