ޚަބަރު

ޕީޕީއެމުން ދައްކަނީ ސާބިކުރެވޭ ވަރުގެ ހަގީގަތެއް އޮތް ވާހަކަތަކެއްނޫން: ފުވާދު


ޕީޕީއެމުން މެމްބަރުންތަކެއް ނާޖާއިޒު ގޮތުގައި އެހެން ޕާޓީތަކަށް ބަދަލު ކުރިކަމަށް ބުނެ ދައްކަމުންދާ ވާހަތަކަކީ ސާބިތުކުރެވެން ނެތް އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއްކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގް ވިދާޅުވެއްޖެއެވެ.

ފުވާދު މިހެން ވިދާޅުވީ ޕީޕީއެމްގެ 5،000 މެމްބަރުން އޮޅުވާލައިގެން އެހެން ޕާޓީތަކަށް ބަދަލުކުރި ކަމަށްބުނެ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި މައްސަލައާ ގުޅިގެންނެވެ.

އިދިކޮޅު ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުޙައްމަދު ޠަލާލް ކުރެއްވި ޓުވީޓެއްގައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް ޕީޕީއެމްގެ 5،000 އަށްވުރެ ގިނަ މެމްބަރުން އެހެން ޕާޓީތަކަށް އޮޅުވާލައިގެން ގެނެސްގޮސްފައި ވާކަމަށެވެ. އޭނާ ވިދާޅުވީ މިމައްސަލަ ބަލައި މެމްބަރުން އަލުން ޕީޕީއެމްއަށް ވެއްދޭނެ ގޮތެއް ހަމަޖެއްސުމަށް އިލެކްޝަންސް ކޮމިޝަނުގައި އެދިފައިވާކަމަށެވެ.

ޕީޕީއެމްގެ މިވާހަތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގް ވިދާޅުވީ، ޕީޕީއެމްގެ 5،000 މެމްބަރުން އެހެން ޕާޓީތަކުން އޮޅުވާލައިގެން ގެންދިޔަކަމަށް ދައްކާ ވާހަތަކަކީ ސާބިތުކޮށްދެވޭ ވަރުގެ ވާހަތަކެއް ނޫންކަމަށެވެ. ޕާޓީތަކުން މެމްބަރުން ބަދަލުވުމާއި، ނޭނގި މެމްބަރުން ބަދަލުވުމަކީ ވަރަށް ގިނައިން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަމުންދާ މައްސަލައެއްކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިކަމަކީ އެކޮމިޝަނަށް ކުރެވޭނެ މާބޮޑުކަމެއް އޮތް މައްސަލައެއް ނޫންކަމަށް ފުވާދު ވިދާޅުވިއެވެ.

ފުވާދު ވިދާޅުމީ މިމައްސަލައަށް ހައްލު ގެނައުމަށް އިލެކްޝަންސް ކޮމިޝަނުން، ނިމިގެން މިދިޔަ ހަފްތާގައިވެސް ސިޔާސީ ޕާޓީތަކާ ބައްދަލުކޮށްފައިވާކަމަށެވެ. ޕާޓީތަކުން ހުށަހަޅާ ފޯމުތަކަކީ ޞައްޙަ ފޯމުތަކަށް ހެދޭނީ ޕާޓީތަކުންނާއި، އާންމު މެމްބަރުންވެސް އެކަމަށް ތެދުވެރިވެގެންކަމަށް ފުވާދު ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކުގެ މެންބަރަކަށް ވުމަށްޓަކައި ސައްޙަ ނޫން ފޯމު ހުށައެޅުމުގެ މައްސަލަ ހައްލުކުރުމަށް، ސިޔާސީ ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ ފޯމުތައް ވަކި މުއްދަތަކަށް އާންމު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. ފުވާދު ވިދާޅުވީ މިބަދަލާއެކު އޮޅުވާލައިގެން ހުށަހަޅާ ފޯމުތަކާއި، އެއް ޕާޓީން އަނެއް ޕާޓީއަށް މެމްބަރުން ބަދަލުކުރާ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެކަމަށެވެ.

ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމުގައި ސައްޙަ ނޫން ފޯމު ހުށައެޅުމުގެ މައްސަލައަކީ ބޮޑު މައްސަލައަކަށް ވީނަމަވެސް މިކަން ހުއްޓުވޭނެ ހަރުދަނާ ނިޒާމެއް މިހާތަނަށް ރާއްޖޭގައި ޤާއިމްކުރެވިފައެއް ނުވެއެވެ. މިކަމަށް ހައްލެއް ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އެކޮމިޝަނަށް ހުށަހަޅާ ފޯމުތައް އާންމު ކުރުމަށް ނިންމާފައެވެ. ސިޔާސީ ޕާޓީތަކުންނާއި، އާންމު ފަރާތްތަކުން ހުށަހަޅާ ފޯމުތައް އިލެކްޝަންސް ކޮމިޝަނުން ބެލުމަށްފަހު 7 ދުވަހުގެ މުއްދަތަކަށް އިލެކްޝަންސްގެ ދަފްތަރުގައި ހުށަހަޅާ ފޯމުތަކުގައި ހިމެނޭ މީހުންގެ މައުލޫމާތު އާންމު ކުރުމަށް ވަނީ ނިންމާފައެވެ.

މިއުސޫލު އެކުލަވާލުމަށްޓަކައި، އިލެކްޝަންސް ކޮމިޝަނުން ވަނީ މިއަދު ސިޔާސީ ޕާޓީތަކާވެސް މަޝްވަރާ ކޮށްފައެވެ. އަދި އަންނަ ހަފްތާގައި ބާއްވާ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ ބައްދަލުވުމަށް މި އުސޫލު ހުށަހަޅައި ފާސް ކުރުމަށްފަހު، މިއުސޫލަށް އަމަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ.