ވިޔަފާރި

ހަނގުރާމައިގެ ސަބަބުން ފަތުރުވެރިންގެ އަދަދުތައް ހުރީ އުއްމީދު ކުރިވަރަށްވުރެ ދަށުގައި: މައުސޫމް


ރަޝިއާ އަދި ޔޫކްރެއިނުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތަކަށް ކުރި އަސަރުގެ ސަބަބުން، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޖުމްލަ އަދަދު 20 އިންސައްތަ ދަށްވެފައިވާކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މަޢުސޫމް ވިދާޅުވެއްޖެއެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2021 ވަނަ އަހަރުގެ ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ޤައުމަކީ ރަޝިއާއެވެ. އަދި މިއަހަރުގެ މަރޗުމަހުގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަމުން ދިޔައީ ރަޝިއާއިންނެވެ. މީގެއިތުރުން މިދިޔަ އަހަރު ނިމުނުއިރު، ޔޫކްރެއިން މާކެޓަކީ 8 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި މާކެޓެވެ.

އެހެންނަމަވެސް ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ރަޝިއާއަކީ ރާއްޖެއަށް މިހާރު ތިންވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ޤައުމެވެ. ރަޝިއާ ދަނީ މަޑުން މަޑުން ލިސްޓުގެ ފަހަތަށް ޖެހެމުންނެވެ. ރަޝިއާ އަދި ޔޫކްރެއިނުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް ދަށްވެފައިވީ ނަމަވެސް، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޖުމްލަ އަދަދުތައް ކޯވިޑުގެ ކުރިން 2019ވަނަ އަހަރު ހުރި އަދަދުތަކާއި ގާތްގަނޑަކަށް އެއްވަރެވެ.

އެގޮތުން އޭޕްރީލްމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް މިމަސްތެރޭ ރާއްޖެއަށް 66724 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު، މިއީ 2019ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވާ 68549 ފަތުރުވެރިންނާއި އަޅާ ބަލާއިރު 2.7 އިންސައްތަ ދަށް އަދަދެކެވެ. މިއީ ވަރަށް ކުޑަ ފަރަޤެކެވެ.

ފަތުރުވެރިންގެ ނަމްބަރުތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ފަތުރުވެރިން ރާއްޖެއަށް މިހާރު އަންނަމުންދާ އަދަދުތަކަކީ އުއްމީދު ކުރި އަދަދުތަކަށްވުރެ ދަށް އަދަދުތަކެއް ކަމަށެވެ.

"އަހަރުގެ މިހާރު މި ދައްކާ ނަމްބަރު، 2019އަށްވުރެ އިތުރު، އެހެން ނަމަވެސް އޭގެ މާނައަކީ ބޭނުންވާ ލަނޑުދަތި ހާސިލްވީކީ ނޫން، އަޅުގަނޑުމެން ބޭނުންވީ މިއަހަރުގެ ފެބްރުއަރީ، މަރޗު،އޭޕްރީލް ދިވެހި ރާއްޖެ ފުލް ހައުސް ސޯލްޓް އައުޓު އަޅުވާފައި ބާއްވަން، އެކަމަކު އެގޮތެއް ނުވި" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ފާހަގަކުރެއްވިގޮތުގައި ރަޝިއާ އަދި ޔޫކްރެއިނުން ފަތުރުވެރިން ކުރިއެކޭ އެއްގޮތަށް އަންނަމުން ދިޔަނަމަ ރާއްޖެއަށް މިހާރު ފަތުރުވެރިން އަންނަ އަދަދު 20 އިންސައްތަ އިތުރުވާނެ ކަމަށެވެ.

ރާއްޖެއަށް އެހެން މަރކެޓުތަކުން އަންނަ ފަތުރުވެރިން އިތުރުކުރުމަށްވެސް ސަރުކާރުންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިނިސްޓަރ މައުސޫމް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ޕްރޮމޯޓުވެގެންދާނެ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަަނަށް ރާއްޖެއަށް 498235 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދާއި އަޅާ ބަލާއިރު 45.3 އިންސައްތަ އިތުރު އަދަދެކެވެ. ވަކި ވަކި ޤައުމުތަކަށް ބަލާއިރު، ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަމުންދަނީ އިނގިރޭސިވިލާތުންނެވެ. އަދި ދެވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ އިންޑިއާއިންނެވެ.