ކުޅިވަރު

ބާސާ ބަލިކޮށް ފްރެންކްފަޓް ސެމީއަށް


ޔުއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގައި ބާސެލޯނާ ބަލިކޮށް ސެމީ ފައިނަލުން އެއިންޓްރެކްޓް ފްރެންކްފަޓް ޖާގަ ހޯދައިފިއެވެ.

ކުއާޓާ ފައިނަލުގައި ފްރެންކްފަޓުން ބާސާގެ މައްޗަށް ކުރި ހޯދީ 4-3 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ. މި ދެ ޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގު ފްރެންކްފަޓުގެ ދަނޑުގައި 1-1 ގެ ނަތީޖާއަކުން އެއްވަރުވިއިރު، ބާސާގެ ދަނޑުގައި ރޭ ކުޅުނު ދެވަނަ ލެގު ގިނަ ބަޔަކު ހީކުރި ގޮތާ ޚިލާފަށް ފްރެންކްފަޓުން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ.

ބާސާގެ ކޯޗުގެ މަގާމާ ޒާވީ ހަވާލުވިފަހުން އެ ޓީމު ރަނގަޅު ފޯމަކަށް އެޅި ރަނގަޅު ނަތީޖާތަކެއް ހޯދަމުން އައި ނަމަވެސް، ރޭގެ މެޗުގައި ފްރެންކްފަޓުގެ ކައުންޓަ އެޓޭކުތައް ހުއްޓވުމުގައި މާބޮޑު ކާމިޔަބީއެއް ނުލިބުނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިިގެންދިޔަ މި މެޗުގައި ގިނައިރު ބާސާއިން ބޯލަ ގެންގުޅުނު ނަމަވެސް، ގިނަ ހަމަލަ އުފައްދާފައިވަނީ ފްރެންކްފަޓުންނެވެ. އެގޮތުން މެޗްގެ 4 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ފްރެންކްފަޓުން ވަނީ ލީޑު ނަގާފައެވެ.
މި ޕެނަލްޓީ އެ ޓީމަށް ކާމިޔާބުކޮށްދިނީ ފިލިޕް ކޮސްޓިޗެވެ.

މެޗުގެ 36 ވަނަ މިނެޓްގައި ރަފައެލް ބޮރޭ ފްރެންކްފަޓުގެ ލީޑު ފުޅާކޮށްދިންއިރު، މެޗުގެ 67 ވަނަ މިނެޓްގައި ފްރެންކްފަޓުގެ ތިންވަނަ ލަނޑު ޖަހައިދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ކޮސްޓިކެވެ.

ތިން ލަނޑުގެ ލީޑަކާއެކު 4-1 ގެ އެގްރިގޭޓް ނަތީޖާއެއްގައި އޮވެގެން މެޗު ނިމެން ދަނިކޮށް ބާސާއިން މި މެޗްގައި ޖެހި ފުރަތަމަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓްގައި ކާމިޔާބުކޮށްދިނީ ސާޖިއޯ ބުސްކެޓްސްއެވެ. އަދި އިތުރު ވަގުތުގެ 11 ވަނަ މިނެޓުގައި މެމްފިސް ޑެޕާއި ކާމިޔާބުކޮށްދިން ޕެނަލްޓީއާއެކު މެޗުގެ ފަހު ވަގުތުކޮޅު ފޯރިގަދަވެގެންދިޔައެވެ.

މި މެޗުގައި ވީއޭއާރަށް ދިމާވި މައްސަލައަކާއި ގުޅިގެން 9 މިނެޓުގެ އިތުރު ވަގުތު ރެފުރީއަށް ދައްކަން ޖެހުނުއިރު، އިތުރު ވަގުތުގެ 10 ވަނަ މިނެޓްގައި ފްރެންކްފަޓުގެ ޑިފެންޑަރ އިވާން އެންޑިކާއަށް ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތްކާޑެއްވެސް ދައްކާފައެވެ.

މި ކާމިޔާބީއާއެކު މި މުބާރާތުގެ ސެީފައިނަލުން ފްރެންކްފަޓް ޖާގަ ހޯދާފައިވާއިރު، ސެމީ ފައިނަލުގައި އެ ޓީމު ބައްދަލުކުރާނީ ރަށުން ބޭރުގައި ލިޔޯން ބަލިކޮށް ސެމީން ޖާގަހޯދި ވެސްޓް ހޭމް ޔުނައިޓެޑާއެވެ.