ޚަބަރު

އިމްޕޯޓް އެކްސްޕޯޓު އަދަދުތައް މަތިވެ، އާމްދަނީ މައްޗަށް


މިދިޔަ މަހު ރާއްޖެއިން ބޭރުކުރި މުދަލާ އެތެރެކުރި މުދަލުގެ އަދަދު އިތުރުވެ، އިމްޕޯޓް އަދި އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ 21 އިންސައްތަ އިތުރުވެއްޖެއެވެ.

ކަސްޓަމްސްއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ މަރޗުމަހު ދައުލަތަށް އިމްޕޯޓު އަދި އެކްސްޕޯޓުން 294 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައި. މިއަހަރުގެ މަރޗުމަހު މިޢަދަދުވަނީ 319 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

މިދިޔަ އަހަރުގެ މާރޗުމަހު ރާއްޖެއަށް 3.4 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު މިއަހަރުގެ މަރޗުމަހު މި ޢަދަދު ހުރީ 3.9 ބިލިއަންގައެވެ. މިއީ 15 އިންސައްތައިގެ ކުރިއެރުމެކެވެ.

މިދިޔަމަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އޮމާން، ޔޫ.އޭ.އީ، އިންޑިއާ، ޗައިނާ އަދި ސިންގަޕޫރުންނެވެ. މިދިޔަމަހު ރާއްޖެއަށް އެތެރެކޮށްފައިވާ ޖުމްލަ މުދަލުގެ 16 އިންސައްތައަކީ އޮމާނުން ރާއްޖެއަށް އެތެރެކޮށްފައިވާ މުދަލެވެ. ޔޫ.އޭ.އީއިންވެސް 16 އިންސައްތަ ހިއްސާކުރާއިރު، ރާއްޖެއަށް އެތެރެކޮށްފައިވާ މުދަލުގެ 14 އިންސައްތަ ހިއްސާ ކުރަނީ އިންޑިއާއިންނެވެ. ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް އިމްޕޯޓުކޮށްފައިވަނީ މެޝިނަރީއާއި އިލެކްޓްރިކް ސާމާނާއި، ކާބޯތަކެތީގެ ބާވަތްތަކާއި، ތެލުގެ ބާވަތްތަކެވެ.

އެކްސްޕޯޓަށް ބަލާއިރު މިދިޔަ އަހަރުގެ މަރޗުމަހު ރާއްޖެއިން 337 މިލއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވެއެވެ. މި އަހަރުގެ މަރޗުމަހު މި އަދަދު ހުރީ 432 މިލިއަން ރުފިޔާގެ މުދަލެވެ. މިއީ 28 އިންސައްތައިގެ ދަށްވުމެއް ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

މިދިޔަ މަހު ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓުކޮށްފައިވަނީ ތައިލޭންޑަށާއި، އިނގިރޭސިވިލާތް، މޮރިޝަސް، ޖަރުމަންވިލާތަށާއި، އިންޑިއާށެވެ. ރާޢްޖެއިން މުދާ ބޭރުކުރި ނިސްބަތަށް ބަލާއިރު އެންމެ ގިނަ މުދާ ބޭރުކޮށްފައިވަނީ ތައިލޭންޑްއަށެވެ. އެއީ ބޭރުކުރި މުދަލުގެ 49 އިންސައްތައެވެ. ދެން އެންނެ ގިނަ މުދާ ބޭރުކުރި އިނގިރޭސިވިލާތައް 11 އިންސައްތަ މުދާ ވަނީ ފޮނުވާފައެވެ. މުދާ ބޭރުކުރި ޤައުމުތަކުން ތިވަނައަށް އެންމެ ގިނަ މުދާ ފޮނުވި މޮރިޝަސްއަށް 9 އިންސައްތަ މުދާވަނީ އެކްސްޕޯޓްކޮށްފައެވެ. ރާއްޖެއިން އެންމެ ގިނަ އަދަދަކަށް ބޭރުކޮށްފައިވަނީ ގަނޑުކުރި ކަނޑުމަހުގެ ބާވަތްތަކެވެ.

މިދިޔަ އަހަރުގެ މާރޗުމަހާ އަޅާބަލާއިރު މިއަހަރުގެ މަރޗުމަހު ރާއްޖެ އެތެރެވި އުޅަނދުފަހަރުގެ އަދަދާއި ރާއްޖެއިން ފުރާފައިވާ އުޅަނދުގެ އަދަދު ވަނީ ދަށަށް ޖެހިފައެވެ. އެގޮތުން މިދިޔަ އަހަރުގެ މަރޗުމަހުގެ މުދާ ހިފައިގެން 129 އުޅަނދެއް ރާއްޖޭގައި ބަނދަރުކުރި ނަމަވެސް މި އަހަރު މޫދާ ހިފައިގެން ރާއްޖެ އެެތެރެފައިވަނީ 137 އުޅަނދެވެ.