އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު ބަލިކޮށް ލީގު ތާވަލުގެ ފަސްވަނައަށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ޖެހިލައިފިއެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި ބުރާސްފަތި ދުވަހުގެ ހަވީރު ކުޅުނު މެޗު ސަސްއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފަށައިގެން ފުރަތަމަ ހަމަލާ އުފައްދާފައިވަނީ ދަ ގްރާންޑޭއިންނެވެ. މެޗުގެ 12 ވަނަ މިނެޓުގައި ދަ ގްރާންޑޭގެ އިސްމާއީލް ނަޒީހް އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ސަސްގެ ކީޕަރު މުޙައްމަދު ޝަފީއު (ޗެކް) ވަނީ ފަސޭހަކަމާއެކު ދިފާއުކޮށްފައެވެ. އޭގެ ދެ މިނެޓު ފަހުން ސަސްގެ އިބްރާހީމް އަތީގް ހަސަން (އިއްބެ) ފޮނުވާލި ހަމަލާ ހުރަސްދަނޑިމަތިން ދިޔައީ ބޭރަށެވެ.
މެޗުގެ 39 ވަނަ މިނެޓުގައި ސަސްއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މުޙައްމަދު އައްޒާމްގެ އެހީތެރިކަމާއެކު މި ލަނޑު ސަސްއަށް ކާމިޔާބުކޮށްދިނީ އިއްބެއެވެ. މި ލަނޑަށްފަހު ވެސް ސަސްއިން ވަނީ ދަ ގްރާންޑޭގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން ފުރަތަމަ ހާފު ނިމުމުގެ ކުރިން ސަސްގެ އަޙްމަދު އައިހަމް މޫސާ ބޮލުން ފޮނުވާލި ހަމަލާ ދަ ގްރާންޑޭގެ ކީޕަރު މުއާޒް އަތުގައި ޖެހިފައި، ހުރަސްދަނޑީގައި ޖެހިފައި ދިޔައީ ބޭރަށެވެ.
ދެވަނަ ހާފު ފަށައިގެންވެސް ފުރަތަމަ ހަމަލާ އުފައްދާފައިވަނީ ދަ ގްރާންޑޭއިންނެވެ. އެޓީމުގެ ކެޕްޓަން ގާސިމް ސައްމާމު (ސަންމެ) އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ކަނާ ދިމާލުން ބޭރަށެވެ.
މެޗުގެ 60 ވަނަ މިނެޓުގައި ސަސްއިން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. އައްޒާމްގެ އެހީތެރިކަމާއެކު މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޔަސްފާދު ހަބީބް (މުލަކޭ)އެވެ. އޭގެ 10 މިނެޓު ފަހުން ދަ ގްރާންޑޭއިން ވަނީ ލަނޑެއް ޖަހާ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި، ނަޖާހު އަބްދުލް ރަހީމްއެވެ. އެކަމަކު މެޗުގެ 88 ވަނަ މިނެޓުގައި ސަސްއިން ވަނީ އިތުރު ލަނޑެއް ޖަހާ އަލުން ލީޑު ފުޅާކޮށްފައެވެ. އަލީ ނަސޫހު ރަޝީދު (ޕިލާ)ގެ އެހީތެރިކަމާއެކު މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މުޙައްމަދު ސަހާއު (ބޭލް)އެވެ.
މިއީ މިފަހަރުގެ ލީގުގައި ސަސްއިން ހޯދި ތިންވަނަ މޮޅެވެ. މި މޮޅާއެކު އެޓީމުން ވަނީ ލީގު ތާވަލުގެ ފަސްވަނައަށް ޖެހިލާފައެވެ. ސަސްއަށް ނުވަ މެޗުން 11 ޕޮއިންޓް ވަނީ ލިބިފައެވެ. މި މެޗުން ބަލިވި ދަ ގްރާންޑޭއަށް ނުވަ މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.