ޚަބަރު

ޔޫކްރެއިނަށް 800 މިލިޔަން ޑޮލަރުގެ ބަރުހަތިޔާރު އެމެރިކާއިން ދެނީ


ރަޝިޔާގެ ވަރުގަދަ ޙަމަލާތަކުން ދިފާޢުވުމަށް ޔޫކްރެއިނަށް އިތުރު 800 މިލިޔަން އެމެރިކާ ޑޮލަރުގެ ބަރުހަތިޔާރު ދިނުމަށް އެމެރިކާގެ ސަރުކާރުން ނިންމައިފިއެވެ.

ޔޫކްރެއިނުގެ ރައީސް ވޮލޮދީމީރް ޒެލެންސްކީއާ ތެލެފޯނުން ވާހަކަދެއްކެވުމަށްފަހު އެމެރިކާގެ ރައީސް ޖޯ ބައިޑަން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އެންމެ ފަހުން ފޯރުކޮށްދޭން ނިންމި ހަތިޔާރުތަކާއެކު ފާއިތުވި ދެ މަހެއްހާ ދުވަހުގެ ތެރޭގައި ޔޫކްރެއިނަށް 2.5 ބިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި ހަތިޔާރު ފޯރުކޮށްދެވިފައިވާނެކަމަށެވެ. އޭގެ ތެރޭގައި އެއްގަމާއި ކަނޑުގައި ބޭނުންކުރާ އަސްކަރީ އުޅަނދުފަހަރާއި ޓޭންކަރާއި ހަނގުރާމަމަތީ މަތިންދާބޯޓުތަކާ ދެކޮޅަށް ބޭނުންކުރާ މިސައިލު ނިޒާމާއި ބަޑިއާއި އެތައް މިލިޔަން ޓަނެއްގެ ވަޒަނާއި ރޮކެޓު ހިމެނެއެވެ. އެމެރިކާއިން އެންމެ ފަހުން ފޯރުކޮށްދޭން ނިންމި ހަތިޔާރުތަކުގެ ތެރޭގައި އަސްކަރީ 11 ހެލިކޮޕުޓަރާއި 300 އަސްކަރީ ޑުރޯން ހިމެނެއެވެ. އޭގެ އިތުރުން އެމެރިކާއިންވަނީ ފުރަތަމަ ފަހަރަށް ހޮވިޓުޒަރ މަރުކައިގެ 18 ބޮޑުބަޑި ޔޫކްރެއިނަށް ދިނުމަށްވެސް ނިންމައިފިއެވެ.

އެމެރިކާގެ ރައީސްގެ ޚާއްޞަ ޤަރާރެއްގެ ދަށުން ޔޫކްރެއިނަށް ގިނަ ޢަދަދެއްގެ ބަރުހަތިޔާރު ފޯރުކޮށްދިނުމަށް ނިންމާފައިވަނީ އެ ޤައުމުގެ ދެކުނުއިރުމަތީގެ ސަރަޙައްދުތަކަށް ރަޝިޔާއިން ދެމުންދާ ވަރުގަދަ ޙަމަލާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ފާއިތުވި ދުވަސްތަކުގެ ތެރޭގައި ހޯދާފައިވަނިކޮށެވެ. މީގެ ކުރިން ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯއާއި ވިލާތުގެ އިއްތިޙާދާއި އިނގިރޭސިވިލާތުންވެސްވަނީ އެތައް ބިލިޔަން އެމެރިކާ ޑޮލަރެއްގެ ހަތިޔާރު ޔޫކްރެއިނަށް ފޮނުވައިފައެވެ. ރަޝިޔާއިން ބުނެފައިވަނީ ޔޫކްރެއިނަށް ފޮނުވަމުންދާ ހަތިޔާރު ގާފިލާތަކަށް ޙަމަލާދިނުމަށް އެ ޤައުމުން ފަސްނުޖެހޭނެކަމަށެވެ.