ޚަބަރު

މަޖިލީހަށް ހުށަހެޅުމަށް އޭޖީ އޮފީހުން 3 ބިލެއް ރައީސް އޮފީހަށް


ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި 3 ބިލެއް ބަންޑާރަ ނާއިބުގެ އޮފީހުން ރައީސް އޮފީހަށް ފޮނުވައިފިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވި ބިލުތަކަކީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިތުރުން ކުނި މެނޭޖްކުރުމުގެ ބިލެކެވެ.

ސަރުކާރުން ހުށަހަޅާފައިވާ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ ހެކިބަސްދޭ ފަރާތްތައް ޙިމާޔަތްކުރުމާގުޅޭ ތަފްޞީލީ އުސޫލުތަކެއް ކަނޑައެޅުމަށާއި ކުށަށް އިޢުތިރާފުވާ ފަރާތްތަކާ އެކު އިއުތިރާފުގެ އެއްބަސްވުން ވެވޭނެ ޙާލަތްތަކާއި އެކަން ކުރުމުގައި ޢަމަލުކުރާނެ އިޖުރާއަތުތައް އިތުރަށް ތަފްޞީލުކޮށް ބަޔާންކޮށްފައިވާ ބިލެކެެވެ. އަދި އެ ނޫންވެސް ޖިނާއީ ޢަދުލުގެ ނިޒާމުގެ އެކިއެކި އިޖުރާއަތުތައް ހިންގުމުގަ އާއި ޤާނޫނޫ ތަންފީޒު ކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަކީ މި ބިލުގެ ބޭނުމެކެވެ.

ދައުލަތުގެ މާލިއްޔަތު ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ ދައުލަތުގެ ދަރަންޏަށް ފައިސާ ނެގުމާއި ގެރެންޓީ ދިނުމާގުޅޭ އުސޫލުތަކާއި ދައުލަތުގެ ފައިސާއިން ޚާއްސަ އެހީ ދިނުމާގުޅޭ އުސޫލުތަކާއި ދައުލަތުގެ ފައިސާ ހިސާބުކުރުމާއި އަހަރީ ބަޖެޓު އެކުލަވާލުމާ ގުޅޭ އުސޫލުތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ހުށަހެޅި ބިލެކެވެ.

އަދި ކުނި މެނޭޖްކުރުމުގެ ބިލަކީ ދިވެހިރާއްޖޭގައި ކުނި މެނޭޖުކުރުމުގެ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ރާވައި، ހިންގައި، އެ ކަންކަން ބެލެހެއްޓުމަށްޓަކައި، އަންނަނިވި ކަންކަން ހިމެނޭ ގޮތުން ކުނި މެނޭޖުކުރުމުގެ އުސޫލުތަކާއި މިންގަނޑުތަކާއި އިޖުރާއަތުގެ މައްޗަށް އެކުލެވޭ ގާނޫނީ އޮނިގަނޑެއް ކަނޑައެޅުމުގެ މަޤްސަދުގައި ހުށަހަޅާ ބިލެކެވެ.

މަޖިލީހުގެ މިހާރު ހިނގަމުންދާ ދައުރަށް 36 ބިލެއް މަޖިލީހަށް ހުށަހަޅުއްވާނެކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. އަދި މިއަހަރުގެ ފުރަތަމަ ދައުރަށް ހުށަހަޅަން ޤަޞްދުކުރާ ބިލުތަކުގެ ލިސްޓު ރައީސް އޮފީހުން ވަނީ މަޖިލީހަށް ފޮނުއްވާފައެވެ.

މިދައުރުގައި މަޖިލީހަށް ހުށަހަޅާނެކަމަށް ސަރުކާރުން ވިދާޅުވެފައިވާ ބިލުތަކުގެ ތެރޭގައި އަލަށް ހުށަހަޅާ 15 ބިލަކާއި 21 ޤާނޫނަކަށް އިސްލާހު ގެނައުމުގެ ބިލެއް ހިމެނެއެވެ. އަދި މީގެތެރެއިން ބައެއް ބިލުތައް މަޖިލީހަށް ހުށަހަޅާ، އޭގެ މަސައްކަތްތައް ކުރިއަށްދާކަންވެސް ފާހަގަކޮށްލެއެވެ.

މަޖިލީހުގެ މިދައުރުގައިވެސް ގިނަ ބިލުތަކެއްގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާއިރު، ނިމިދިޔަ ދައުރުގައި މަޖިލީހަށް ހުށަހެޅުނު ބިލުތަކުގެ ތެރެއިން ނުނިމިހުރި ބައެއް ބިލްތަކުގެ މަސައްކަތް މިހާރުވެސް މަޖިލީހުގެ ކޮމެޓީތަކުން ދަނީ ކުރަމުންނެވެ.