ދިވެހިންގެ ތެރޭގައި އެކަކު އަނެކަކާ މުއާމަލާތް ކުރާއިރު، ދިވެހި ބަހުން މުއާމަލާތްކުރުމަށް އިސްކަންދިނުމަށް ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމް ގޮވާލައްވައިފިއެވެ.
ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަބްދުއްރަޙީމް މިކަމަށް ގޮވާލެއްވީ ދިވެހިބަހުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޙިތާބުގައެވެ.
ދިވެހިބަހުގެ ދުވަހާއި ގުޅުވައިގެން ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަބްދުއްރަޙީމް ދެއްވި ޙިތާބުގައި ވިދާޅުވީ ރަސްމީ ހައިސިއްޔަތުންނާއި ނުރަސްމީ ހައިސިއްޔަތުން ދިވެހިބަހުން އެކަކު އަނެކަކާއި މުއާމަލާތްކުރުމަށް އިސްކަަންދޭންޖެހޭކަމަށެވެ. އަދި މިކަން އަމަލީ ގޮތުން ސާބިތުކުރުމަށްޓަކައި، ޖަލްސާތަކާއި ލިޔާ ލިޔުންތަކުގެ އިތުރުން ދަރިންނާއި ދަރިވަރުންނާއި އާއިލީ މެންބަރުންނާއި ގާތް ރައްޓެހިން ވާހަކަދައްކާއިރު ދިވެހި ބަހުން ވާހަކަދެއްކުމަށް އަޝްރަފް އިލްތިމާސްކުރެއްވިއެވެ.
"އެއްޗަކަށް ޤަދަރުކުރުމަކީ ޤަދަރުކުރާ ކަމަށް ތިމާގެ ދުލުން ބުނާ ބަހަކުން ފުއްދައިލުމެއް ނޫން. އިޙްލާސްތެރިވުމަކީ ތިމަން އިޙްލާސްތެރިވަމޭ ހަމައެކަނި ބުނެ އެކަން ހާމަކުރަމުން ދިއުމެއްވެސް ނޫން. އަޅުގަނޑު ދެކޭގޮތުގައި ދިވެހި ބަހަށް އިޙްލާސްތެރިވުމަކީ އަމަލުން އެކަން ސާބިތުކޮށްދިނުން " އަޝްރަފް ވިދާޅުވިއެވެ.
މި އަހަރުގެ ދިވެހި ބަހުގެ ދުވަހަށް، ދިވެހި ބަހުގެ އެކެޑަމީން ކަނޑައަޅާފައިވާ ޝިޢާރަކީ "ދިވެހިން ދިވެހިންނަށް ވީ ދިވެހިބަހުން ވާހަކަދައްކާތީ" މިއެވެ. މި ޝިޢާރުގެ ދަށުން އަޝްރަފް ވިދާޅުވީ ދިވެހިން ދިވެހިންގެ ގޮތުގައި ތިބުމަށް ބޭނުންވާނަމަ ދިވެހިން ދިވެހި ބަހުން މުއާމަލާތް ކުރަންޖެހޭކަމަށެވެ. އެގޮތުން ދިވެހިބަސް ދޫކޮށްލުމަށްފަހު އެހެން ބަހަކުން މުއާމަލާތްކުރަން ފަށާ ހިސާބުން އެމީހަކީ އެ ބަހެއްގެ އަހުލުވެރިއަކަށް ވެގެންދާކަމަށް އަޝްރަފް ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެވެސް އޭޕްރީލްމަހުގެ 14 ވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ ދިވެހިބަހުގެ ދުވަހުގެ ގޮތުގައެވެ. މިދުވަސް ފާހަގަކުރަމުން އަންނަނީ ބަހާމެދު މިހާރުގެ ޖީލާއި އަންނަން އޮތް ޖީލުތައް ހޭލުންތެރިކުރުވާ ދިވެހި ބަހާމެދު ލޯބި އިތުރުކުރުމަށެވެ.
މިއަހަރުގެ ދިވެހި ބަހުގެ ދުވަހާއި ގުޅުވައިގެން ސަރުކާރުގެ ބައެއް މުއައްސަސާތަކުގައި މިދުވަސް އަންނަނީ ފާހަގަކުރަމުންނެވެ. އެގޮތުން ދިވެހި ބަހުގެ ދުވަހުގެ މުނާސަބަތުގައި ޙާއްސަ އެސެމްބްލީތައް ވަނީ ބާއްވާފައެވެ.