ޚަބަރު

ވިލިމާލެ ދާއިރާގެ ޑަބްލިއުޑީސީ ގޮނޑިއަށް ކުރިމަތިލީ ޕީޕީއެމް އާއި އެމްއެންޕީން


ހުސްވެފައިވާ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި ވަގުތު ހަމަވިއިރު ކުރިމަތިލީ އިދިކޮޅު ޕީޕީއެމްއާއި، އެމްއެންޕީން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ވިލިމާލޭ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ހުސްވެފައިވާ ގޮޑިއަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ހަމަވެފައިވަނީ މިއަދު މެންދުރު 12 ޖެހިއިރުއެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، މުއްދަތު ހަމަވިއިރު ކުރިމަތި ލާފައިވަނީ ދެ ކެނޑިޑޭޓަކުކަމަށެވެ. އެއީ އިދިކޮޅު ޕީޕީއެމްއާއި، އެމްއެންޕީގެ ކެނޑިޑޭޓެއްކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.

ޕީޕީއެމްގެ ފަރާތުން މިއިންތިޚާބުގައި ވާދަކުރަނީ ފާތިމަތު ނާޒިމާއެވެ. އެމްއެންޕީން ވާދަކުރަނީ އާމިނަތު ޝީޒާއެވެ.

މިއިންތިޚާބުގައި ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ކެނޑިޑޭޓް ނެރުމަށް އިއްޔެ ހުޅުވާލިނަމަވެސް، މުއްދަތު ހަމަވިއިރު ކެނޑިޑޭޓަކު ކުރިމަތިލާފައި ނުވެއެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބު އޮންނާނީ އަންނަ މަހުގެ 16 ވަނަ ދުވަހުއެވެ. ކުރިން ހަމަޖެއްސީ އަންނަ މަހުގެ 14 ވަނަ ދުވަހަށެވެ. އެތާރީޚު ބަދަލުކުރީ ކުރިން އިންތިޚާބު ބާއްވަން ހަމަޖެއްސި ދުވަހު އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިޚާބު އޮންނާތީއެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްުރާ ކޮމެޓީގެ މެމްބަރުކަމުގެ ގޮނޑި ހުސްވެފައިވަނީި ކުރިން އެމަގާމުގައި ހުންނެވި އެމްޑީޕީގެ އައިމިނަތު އީމާން ނިޔާވުމުގެ ސަބަބުންނެވެ. އީމާން ނިޔާވެފައިވަނީ މިދިޔަ ފެބްރުއަރީ މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް އޭޑީކޭ ހޮސްޕިޓަލުގައެވެ.