ޚަބަރު

މަސްތުން ސަލާމަތްވާ ޒުވާނުން، އެމްޓީސީސީން މުޖުތަމައަށް ނެރެނީ


މަސްތުން ސަލާމަތްވުމުގެ ފަރުވާ ފުރިހަމަކުރުމަށްފަހު މުޖުތަމައަށް ނުކުންނަ މީހުން އެކި ދާއިރާތަކުން ތަމްރީނުކުރުމުގެ މަސައްކަތް ދިވެހި އެންމެ ބޮޑު ކުންފުނި އެމްޓީސީސީން ފަށައިފިއެވެ.

އެންޑީއޭއާ ގުޅިގެން، މަސްތުން ސަލާމަތްވާ ޒުވާނުންނަށް ހާއްސަކޮށް އެ އެމްޓީސީސީން ފަށާ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ފަރާތުން ސޮއިކުރެއްވީ އެކްޓިން ޗީފް އެގްޒެކެޓިވް އޮފިސަރ، ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މަރިޔަމް ޙާލިދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ. މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތް އަޙްމަދު ނަސީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޓީސީސީން ބުނީ މީ އެކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުންކަމަށް ކުރިޔަށް ގެންދާ ޕްރޮގްރާމެއްކަމަށެވެ. މި ޕްރޮގްރާމުގައި ބައިވެރިކުރުމަށް ޝަރުތު ހަމަވާ ފަރާތްތައް ކަނޑައަޅާނީ އެންޑީއޭއި ފޮނުވާ ލިސްޓަކަށް ބަލައިގެންކަމަށެވެ. އަދި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުގެ އުޅުމާ އަޙްލާޤާއި ސުލޫކް އަދި މަސައްކަތް ކުރާގޮތުގެ ރިވިއު ރިޕޯޓެއް ކޮންމެ މަހަކު އެންޑީއޭ އާ ހިއްސާކުރާނެކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ ތިން އަހަރުގެ މުއްދަތަކަށް ކުރިއަށްގެންދާ މިޕްރޮގްރާމް ފުރިހަމަކުރާ މީހުން މުޖުތަމައަށް ބޭނުންންތެރި ބައެއްގެ ގޮތުގައި ތަމްރީންކޮށް ނެރުމަކީ އެ ކުންފުނީގެ އެންމެބޮޑު އަމާޒުކަމަށެވެ. އަދި އެކުންފުޏަކީ މިފަދަ ތަފާތު ތަމްރީނާ ތަޖުރިބާ ހޯދައިދޭ ކުންފުންޏެއްކަމަށްވެސް އެމްޓީސީސީން ބުނެއެވެ. އިޖްތިމާއީ ޒިންމާގެ ދަށުން އެކި ދާއިރާތަކުން މީހުން ބިނާކުރުމުގެ ތަފާތު ޕްރޮގްރާމްތައްވަނީ އެމްޓީސީސީން އަންނަނީ ހިންގަމުންނެވެ.