ޚަބަރު

އެސްޓީއޯއާ ހަވާލުކުރި 96 އެމްބިއުލާންސް ރާއްޖެ ގެނެސްފި


ރާއްޖޭގެ ރަށްތަކަށް ބޭނުންވާ އެމްބިއުލާންސް ފޯރުކޮށްދިނުމަށް އެސްޓީއޯއާ ހަވާލުކުރި ޕްރޮޖެކްޓްގެ ހުރިހާ އެމްބިއުލާންސްތައް މިހާރު ރާއްޖެ ގެނެސް ނިމިފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ. އަތޮޅުތަކަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށް އެސްޓީއޯއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ.

މިމަސައްކަތަކީ އެމްބިއުލާންސް ނެތި ރަށްރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ޙައްލުކުރުމަށް ސަރުކާރުން ފެއްޓެވި މަސައްކަތެކެވެ. މިމަސައްކަތުގެ ދަށުން އެމްބިއުލާންސް ނެތް ރަށްތަކާއި، އެމްބިއުލާންސް ހަލާކުވެ ބޭނުން ނުކުރެވޭ ރަށްތަކަށްދަނީ އެމްބިއުލާންސް ފޯރުކޮށްދެމުންނެވެ.

މި ޕްރޮޖެކްޓްގެ ދަށުން ރާއްޖެއަށް ގެންނަ 96 އެމްބިއުލާންސްވެސް މިހާރު ރާއްޖެ ގެނެސްފައިވާ ކަމަށް އެސްޓީއޯއިންވަނީ ބުނެފައެވެ. މީގެތެރެއިން 83 އެމްބިއުލާންސް ވަނީ ކަނޑައެޅިފައިވާ ރަށްތަކަށް ފޮނުވާފައެވެ.

އަދި ބާކީ 13 އެމްބިއުލާންސްވެސް މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ. މި އެމްބިއުލާންސްތައް އަންނަ ހަފްތާގެ ތެރޭގައި ރަށްރަށަށް ފޮނުވާނެކަމަށް އެސްޓީއޯއިން ބުނެއެވެ.

މި ޕްރޮޖެކްޓްގެދަށުން ހޯދާފައިވާ އެމްބިއުލާންސްތައް ރަޖިސްޓްރީކުރުމުގެ މަސައްކަތްވެސް ކޮށްދެނީ އެސްޓީއޯގެ ފަރާތުންނެވެ. މި މަސައްކަތަށް 2-3 މަސް ދުވަސް ހޭދަވާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. އެމްބިއުލާންސްތައް ލިބޭ ވަރަކުން، ރަޖިސްޓްރީގެ މަސައްކަތްވެސް ފަށައިގެން ދަނީ ކުރަމުންނެވެ.

ވޭތުވެ ދިޔަ ހަފްތާ ތެރޭގައިވެސް 20 ރަށަކަށް އެމްބިއުލާންސް ފޮނުވާފައިވެއެވެ. ރަށްރަށަށް އެމްބިއުލާންސްތައް ފޮނުވަނީ އެކި ބެޗުތަކަށެވެ.

ކުއްލި ޙާލަތްތަކުގައި ސިއްޙީ ފަރުވާ ދިނުމަށް ބޭނުންވާ އެންމެ މުހިއްމު އެއް ވަޞީލަތަކީ އެމްބިއުލާންސްގެ ޚިދުމަތެވެ. އެމްބިއުލާންސް ނެތް ރަށުގެ ރައްޔިތުން ބަލި މީހުން އުފުލުމުގައި ބޮޑު ތަކުލީފެއް އުފުލަންޖެހެއެވެ.