ވިޔަފާރި

ސަފާރީތަކުން ނަގަން ކަނޑައެޅި ފީ ކުޑަކުރަން ފުވައްމުލަކު ސިޓީ ކައުންސިލުން ނިންމައިފި


ފުވައްމުލައް ސިޓީގެ ބަނދަރަށް ވަންނަ ސަފާރީތަކުން ނަގާ އަގު ބޮޑުވުމުގެ ފާޑުކިއުންތަކާއެކު ސިޓީ ކައުންސިލުން އަގަށް ބަދަލު ގެނެސްފިއެވެ.

ފުވައްމުލަކުގެ ސިޓީ ބަނދަރަށް ވަންނަ ސަފާރީތަކުން ނަގާ އަގެއްގެ ގޮތުގައި ފުރަތަމަ ކަނޑައެޅީ 500 ޑޮލަރު ނެގުމަށެވެ. ނަމަވެސް މިއަގަކީ ބޮޑު އަގެއްކަމަށް ދާއިރާގެ ގިނަ ފަރާތްތަކުގެ އިތުރުން ބޯޓިން އެސޯސިއޭޝަނުންވެސް ވަނީ ބުނެފައެވެ. މީގެކުރިން ފުވައްމުލަކު ބަނދަރަށް ވަންނަ ސަފާރީތަކުން ނަގަމުންދިޔައީ 50 ޑޮލަރެވެ.

ފުވައްމުލަކު ބަނދަރުން 500 ޑޮލަރު ނަގަން ނިންމުމާއި ގުޅިގެން ބޯޓިން އެސޯސިއޭޝަނުން ބުނެފައިވަނީ އެކަށީގެންވާ ފީއެއް ހަމަހަމަކޮށް އެންމެން އަތުން ނެގުމަކީ ރަނގަޅުކަމެއްކަމަށާއި ނަމަވެސް މިހާ ބޮޑު ތަަފާތެއް ކުއްލިއަކަށް އައުމަކީ ދެރަކަމެއް ކަމަށެވެ.

އަގުތަކަށް އައި ފާޑުކިއުންތަކާއެކު އެސިޓީ ބަނދަރަށް ވަންނަ ސަފާރީތަކުން ނަގާ އަގަށް ބަދަލު ގެނެސް އައު އަގުތައް މިހާރު ވަނީ އިއުލާންކޮށްފައެވެ. އެގޮތުން އަލުން ނެގުމަށް ހަމަޖެހިފައިވަނީ 100 ފޫޓަށް ވުރެ ކުދި ސަފާރީތަކުން ދުވާލަކު 150 ޑޮލަރު، އަދި އެއަށް ވުރެ ދިގު ސަފާރީތަކުން ދުވާލަކު 200 ޑޮލަރެވެ. މި ފީތައް ކަނޑައަޅާފައިވަނީ ސިޓީ ކައުންސިލުގެ އަޢުލަބިއްޔަތުން ލކަމަށް ކައުންސިލުން ބުނެއެވެ. އަދި އެޕްރީލް 21 ވަނަ ދުވަހުން ފެށިގެން އެ ނިންމުމަށް އަމަލު ކުރަން ފަށޭނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މިމަހުގެ 6 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި މުޅި ޖުމްލަ 150 ސަފާރީ އަންނަނީ އޮޕަރޭޓްކުރަމުންނެވެ. އަދި މި 150 ސަފާރީގައި ޖުމްލަ 2954 އެނދު އޮޕަރޭޓްކުރެއެވެ.