ކުޅިވަރު

ނޯދަން އަޔަލެންޑް އަތުން އިންގްލެންޑަށް ފަސޭހަ މޮޅެއް


ފީފާ ވިމެންސް ވޯލްޑް ކަޕް ޔޫރަޕިއަން ކޮލިފައިންގ ގްރޫޕް ޑީގައި ނޯދަން އަޔަލަންޑްގެ މައްޗަށް އިންގްލަންޑުން ކުރިހޯދައިފިއެވެ.

ނޯދަން އަޔަލަންޑްގައި ކުޅުނު މިމެޗު އިންގްލަންޑުން ކާމިޔާބުކުރީ 5-0 ގެ ނަތީޖާއަކުންނެވެ.

އިންގްލަންޑް ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީވެސް އިންގްލަންޑްއިންނެވެ. މިމެޗުގައި އެޓީމްގެ ފުރަތަމަ ލަނޑު މެޗްގެ 26 ވަނަ މިނެޓްގައި ޖަހާދިނީ ލޮއުރެން ހެމްޕްއެވެ. އަދި ދެވަނަ ލަނޑު މެޗްގެ 52 ވަނަ މިނެޓްގައި ޖަހާދިނީ އެލާ ޓޫންއެވެ. ތިންވަނަ ލަނޑު މެޗްގެ 60 ވަނަ މިނެޓްގައި ޖަހާދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ހެމްޕްއެވެ. އަދި ފަހު ދެ ލަނޑު މެޗްގެ 70 ވަނަ މިނެޓާއި 79 ވަނަ މިނެޓްގައި ޖަހާދިނީ ޖޯޖިއާ ސްޓާންވޭއެވެ.

މިކާމިޔާބީއާއެކު އިންގްލަންޑަށް މިހާރުވަނީ 7 މެޗުން 21 ޕޮއިންޓް ލިބިފައެވެ. އަދި މިއަންނަ އަހަރު އޮސްޓްރޭލިއާ އާއި ނިއުޒީލަންޑް ގައި ބޭއްވުމަށް ހަމަޖެހިފައިވާ ވިމެންސް ވޯލްޑް ކަޕަށް ކޮލިފައިވުމަށްޓަކައި އިންގްލަންޑުން މިއަހަރުގެ ސެޕްޓެމްބަރު މަހު އޮސްޓްރިއާ އާއި ބައްދަލުކުރާ މެޗު އެއްވަރު ކޮށްލައިގެންވެސް ކޮލިފައިވާނެއެވެ. ނަމަވެސް މިމެޗުން ބަލިވުމުން މިމުބާރާތަށް ކޮލިފައިވުމަށް ނޯދަން އަޔަލަންޑަށް އޮތް ފުރުސަތު މިވަނީ ގެއްލިގެން ގޮސްފައެވެ.