ޚަބަރު

ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރުމަށް ހުނަރުވެރި ދިވެހިން އުފައްދަންޖެހޭ : ޝައުނާ


މުޅި ރާއްޖޭގައި އުފެދޭ ހުރިހާ ކުންޏެއް ރައްކާތެރި ގޮތުގައި މެނޭޖުކުރުމަށް ހުނަރުވެރި ދިވެހިން އުފައްދަންޖެހޭކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ނެޝަނަލް ކޮމްޕެޓެންސީ ސްޓޭންޑަރޑް ފޯ "ވޭސްޓު ޓު ވެލްތު" އިފްތިތާޙްކުރި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި "ވޭސްޓު ޓު ވެލްތު" ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ އެންވަޔަރަމަންޓް މިނިސްޓަރ އާމިނަތު ޝައުނާއާއި މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ސީއީއޯ އަހްމަދު ނަޝީދެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވީ ކުނީގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ތިމާވެށީގެ މައްސަލަކަމަށެވެ. އަދި މިއީ އެންމެ ދުވަހަކުން ދިމާވި މައްސަލައެއް ނޫން ކަމަށާއި އެތައް ޒަމާންތަކެއް ވަންދެން ކުންޏާމެދު އަމަލުކުރަމުން އައި ގޮތުގެ ސަބަބުން ދިމާވި މައްސަލައެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއީ ކުނި މެނޭޖްކުރުމުގެ ބަދަލުގައި އެއްވެސް ހަމައެއް ލަމައެއް ނެތި ޖެހުނު ތަނަކަށް ކުނި އުކާލުން ނުވަތަ ކުނި އެންދުމުގެ ސަބަބުން ދިމާވެފައިވާ މައްސަލައެއް ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

" މުޅި ރާއްޖޭގައި އުފެދޭ ހުރިހާ ކުންޏެއް ރައްކާތެރި ގޮތުގަ މެނޭޖްކުރުމަށް އަޅުގަނޑުމެންނަށް އެބަ ބޭނުންވޭ ހުނަރުވެރި ދިވެހިން އުފައްދަން. ކޮންމެ ރަށެއްގަ، ކޮންމެ ކައުންސިލެއްގަ، މިކަން ކުރާނެ ގޮތުގެ މައުލޫމާތާއި މިކަން ކުރާނެ ގޮތުގެ ވޯކް ފޯސްއެއް އުފެދެން އެބަޖެހޭ. އެހެން ނޫންކަމުގަ ވާނަމަ އަޅުގަނޑުމެންނަކަށް މުސްތަގުބަލުގައި ރާއްޖެއަކީ ރީތި މަންޒިލެއްގެ ގޮތުގައި ދައްކުވައެއް ނުދެވޭނެ. އަދި މުސްތަގުބަލުގައި ދިވެހީން ދިރިއުޅޭނެ ރައްކާތެރި މާހައުލެއް ވެސް ހޯދައެއް ނުދެވޭނެ." ޝައުނާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކުނީގެ މައްސަލަ ޙައްލުވާނީ ހަމައެކަނި މެޝިންތަކެއް ޤާއިމުކުރެވިގެން ނޫންކަމަށާ، އެއީ ގޭބީސީއާ ހިސާބުން ފެށޭ ކަމެއްކަމަށެވެ. އެގޮތުން މިކަން ހައްލުކުރުމަށްޓަކައި ވެމްކޯއާއި ސަރުކާރުގެ އިދާރާތަކުން މަސައްކަތްކުރަންޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

" އަޅުގަނޑު ދެކޭ ހިތްވަނީ މިއަދު މިފެށޭ މަސައްކަތުގެ ސަބަބުން ދެމެހެއްޓެނިވި ގޮތުގައި ކުނިމެނޭޖްކުރުމުގެ ދާއިރާގައި ޒުވާނުން ޝައުޤުވެރިވާފަދަ ވަޒީފާގެ އިތުރު ފުރުސަތުތައް ފަހިވެ، އުކާލެވޭ ތަކެތިން ނަފާހޯދުމުގެ ވިސްނުން އަށަގެންފައިވާ ތިމާވެއްޓަށް ލޯބިކުރާ މުޖުތަމައެއް ބިނާވާތަން " ޝައުނާ ވިދާޅުވިއެވެ.

"ވޭސްޓު ޓު ވެލްތު" ޓްރެއިނިންގ ދަށުން ތަފާތު ބާވަތުގެ ކުނި ވަކިކޮށް އޭގެ ތެރެއިން އަލުން ބޭނުން ކުރެވޭ ތަކެތި ރީސައިކަލްކޮށް ޢާމްދަނީ ހޯދުމަށް މަގުފަހިވެގެން ދެއެވެ. އެގޮތުން މިއީ ދިވެހިރާއްޖޭގެ ތަރައްޤީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ކުނިން ޢާމްދަނީ ލިބޭ މަސައްކަތްކޮށް ސާފު ވެއްޓެއް ދެމެހެއްޓުމަށް ޤައުމުގެ ޒުވާނުންނަށް ހުޅުވިގެންދާ މުޅިން އާ ފުރުސަތުތަކެކެވެ.

ޒަމާނުއްސުރެ އުފެދިފައިއޮތް ކުނީގެ މައްސަލައަށް ހައްލު ހޯދުމަކީ މި ސަރުކާރުގެ ތިމާވެށީގެ ސިޔާސަތުގެ އެންމެ މުހިންމު އެއް އަމާޒެވެ. އެގޮތުން ކުންޏަކީ ޢާމްދަނީ ލިބޭ ވަސީލަތަކަށް ހެދުމަކީ ސަރުކާރުގެ ވަރަށް ބޮޑު މަގްސަދެކެވެ.