ޚަބަރު

މާޅެންދޫގައި ސްކޫލު ޢިމާރާތެއް ހަދަން ބަޔަކާ ޙަވާލުކޮށްފި


ނ.މާޅެންދޫ ސްކޫލުގައި ޢިމާރާތެއް ހަދަން ސްވިފްްޓް އިންޖިނިއަރިންއާ ޙަވާލުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަމާގުޅޭ އެއްބަސްވުމުގައިވަނީ ސޮއިކުރައްވާފައެވެ. މި އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ.ޢާއިޝަތު ޢަލީއެވެ. އަދި ސްވިފްޓް އިންޖިނިއަރިން ގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސައުދުﷲ ޙިލްމީއެވެ.

މިމަސައްކަތްކުރުމަށް ޙަވާލުކޮށްފައިވަނީ 21.2 މިލިއަން ރުފިޔާއަށެވެ. މިމަސައްކަތް 400 ދުވަހުގެތެރޭގައި ނިންމަން ޖެހެއެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މި މަޝްރޫއު ކުރިއަށް ގެންދަނީ ޕީއެސްއައިޕީ ބަޖެޓުގެ ދަށުންނެވެ.

ރާއްޖޭގެ ގިނަ ރަށްރަށުގެ ސްކޫލްތަކަށް ދިމާވަމުން އަންނަ ޖާގާގެ ދަތިކަން ހައްލު ކޮށްދިނުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތް ތަކެއް ކުރައްވަމުންނެވެ. އެގޮތުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ސްކޫލް ޢިމާރާތް ހެދުމާއި ސްކޫލްތައް ތަރައްޤީކުރުމުގެ ތަފާތު އެކިއެކި މަޝްރޫއުތައް ސަރުކާރުން އަންނަނީ ހިންގަވަމުންނެވެ.