ޚަބަރު

ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ހއ.އަތޮޅުން ފެށިގެން އދ.އަތޮޅަށް ވައިޓް އެލާޓް ނެރެފި


ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް، މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހއ.އަތޮޅުން ފެށިގެން އދ.އަތޮޅަށް ވައިޓް އެލާޓް ނެރެފިއެވެ.

އެ އިދާރާއިން ވިދާޅުވީ ބުދަ ދުވަހުގެ ހެނދުނު 6:30އިން ފެށިގެން 10:30އަށް ހއ އަތޮޅުން ފެށިގެން އދ އަތޮޅަށް ވައިޓް އެލާޓް ނެރެފައި ވާކަމަށެވެ.

މިސަރަހައްދަށް ވައިޖެހޭނެކަމަށް ބެލެވެނީ ހުޅަނގާއި ހުޅަނގު އުތުރުން މެދު ރާއްޖެތެރެއާ ދެކުނު އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ކަމަށާއި އުތުރު އަތޮޅުތަކަށް ގަޑިއަކު 7 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.

ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް އެއިދާރާއިން ވިދާޅުވެއެވެ. އަދި މެދު ރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެކަމަށާ އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.

މީގެއިތުރުން މެޓް އޮފީހުން ވިދާޅުވީ ބުދަ ދުވަހުގެ އިރުއޮއްސި 6 ޖެހުމާހަމައަށް ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރުމާއެކު ގުގުރުން އެކަށީގެންވާކަމަށެވެ. އެހެން ހިސާބުތަކަށް ވިއްސާކުރާނެ ކަމަށާއި މީގެތެރެއިން ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.