ޚަބަރު

ރަށު ފަތުރުވެރިކަން - ތޮއްޑޫގެ ދަނޑުވެރިންނަށް ލިބުނު ނަސީބެއް


ދަނޑުވެރިކަމަދީ ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް އެއް ޒަމާނެގައި ކުރަމުން އައި މަސައްކަތެކެވެ. ނަމަވެސް ދެމެހެއްޓެނިވި ގޮތެއްގައި އެ މަސައްކަތް މިހާތަނަށް ކުރެވެމުން އައީ ނިސްބަތުން ވަރަށް މަދު ރަށެއްގައޭ ދެންނެވިދާނެއެވެ. ވިޔަފާރީގެ ގޮތުގައި ދަނޑު ހައްދައި، ދަނޑުވެރިކަމުގެ ވާބަތްތައް ވިއްކައި އެއިން ޢާމްދަނީ ހޯދަމުންދަނީ މަދު ރަށެއްގައެވެ. ވިޔަފާރިއެއްގެ ގޮތުގައި ދަނޑުވެރިކަން ނުކުރެވުމަށް ދިމާވި ސަބަބުތައް ވަރަށް ގިނައެވެ.

އއ.ތޮއްޑުއަކީ މިގޮތަށް ދެމެހެއްޓެނިވި ދަނޑުވެރިކަމެއް ކުރަމުން އަންނަ މަދު ރަށްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ރަށެކެވެ. ނަމަވެސް އެއީ ވަރަށް ގިނަ ގޮންޖެހުންތަކާއި ރައްޔިތުންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެކެވެ.

"މިއީ ރަށުގެ ހުރިހާ ރައްޔިތުން ވަރަށް ކުރާހިތުން ލޯތްބާއެކު ކުރަމުން އަންނަ މަސައްކަތެއް. ޚާއްސަކޮށް ރަމަޟާން މަހަށް ކަރާ ހެއްދުމަކީ ރަށުގެ ހުރިހާ ރައްޔިތުން ވަރަށް ޖޯޝާއި ފޯރިއާއެކު ކުރަމުންދާ މަސައްކަތެއް." ތޮއްޑޫގެ ދަނޑުވެރިއަކު ބުންޏެވެ.

ނަމަވެސް ދަނޑު ހެއްދުމަށް ހޭދަވާ ވަގުތާއި، ދަނޑަށް ބޭނުންވާ ވަސީލަތްތާކާއި ކާނާއާއި ކެމިކަލް ހޯދުމަށް ބޮޑުހޭދައެއް ކޮންމެ ދަނޑުވެރިއަކުވެސް ކުރެއެވެ.

ގޮންޖެހުންތައް ގިނައެވެ. ނަމަވެސް ތޮއްޑޫގެ ދަނޑުވެރިންނަށް މި މަސައްކަތް ކުރުމަށް އިތުރު ހިތްވަރެއް ލިބިގެންދިޔައީ ރަށުގައި ފުޅާވަމުން އަންނަ ލޯކަލް ފަތުރުވެރިކަމުގެ ވިޔަފާރިއެވެ. 2013ވަނަ އަހަރު ތޮއްޑޫގައި ގެސްޓް ހައުސް ވިޔަފާރި ފެށްޓިފަހުން، 50 ގެސްޓް ހައުސް އޮޕަރޭޝަނަށްވަނީ އައިސްފައެވެ. ތޮއްޑޫގެ ގެސްޓް ހައުސްތަކުގެ ބެޑް ކެޕޭސިޓީ 650އަށް އަރައެވެ.

ތޮއްޑޫ ކައުންސިލްގެ ރައީސް އަޙުމަދު ކަރަމް ވިދާޅުވީ ރަށަށް އެންމެ ގިނައިން އަންނަނީ ރަޝިޔާގެ ފަތުރުވެރިންކަމަށެވެ. މި ފަތުރުވެރިންގެ އެންމެބޮޑަށް އަޅައިގަންނަ ކަމަކީ ރަށުގެ ވެށިން ލިބޭ ކާނާ ނުވަތަ "ޓްރޮޕިކަލް ފުޑްސް" ކަމަށެވެ. އަދި ރަށުގެ ދަނޑުތަކުގެ ރީތި ކަމާއި ފެހިކަން ބަލާލުމަށް އަންނަ ފަތުރުވެރިން ގިނަކަމަށެވެ. ރަށުގެ ދަނޑުވެރިކަމަކީ ތޮއްޑޫގެ "ތޮއްޑޫ ވަންތަކަން"ކަން ދައްކުވައިދޭ ވަސީލަތެވެ.

"ތޮއްޑޫގެ ފަތުރުވެރިކަން މިހާބޮޑަށް ކުރިއަރައިގެން ދިޔަ ސަބަބަކަށް ވެފައި މިވަނީ ރަށުގައި އޮތް ދަނޑުވެރިކަން. ތޮއްޑޫގައި ކަރަޔާއި ފަޅޯ ހައްދާ ދަނޑުތައް ބާލަން އެތަށް ބަޔަކު އާދޭ. ޓޫއަރިޒަމް ކުރިއަރުވަން ބޭނުންވަނީ މި ދަނޑުވެރިކަމާއި އެކީގައި." ކައުންސިލްގެ ރައީސް ކަރަމް ވިދާޅުވިއެވެ.

ތޮއްޑޫގައި ދަނޑުވެރިކަން ކުރާ މީހުންވެސް ދެކެނީ ރަށަށް ފަތުރުވެރިކަން ފުޅާވެގެން އައުމަކީ، ދަނޑުވެރިންނަށް ލިބުނު ބޮޑު "ނަސީބު"އެއްގެ ގޮތުގައެވެ. މިހާރު އެރަށުގައި ރަމަޟާން މަސް ނޫނަސް، ދަނޑުތަކުގައި އުފައްދާ ތަކެތި އެދެވޭ މިންވަރަކަށް ވިކެއެވެ. އަދި އާމްދަނީވެސް ވަރަށް ބޮޑަށް އިތުރެވެ. އެގޮތުން ދަނޑުތަކުގެ އުފެއްދުންތައް ރަށުން ބޭރަށް ފޮނުވަން ނުޖެހި، ރަށުގެ ގެސްޓް ހައުސްތަކާއި ފިހާރަތަކަށް ވިކެއެވެ.

"މީހާރު މާލެއަށް ފޮނުވުމަށްވުރެ އުފައްދާ ތަކެތި ރަށުގައި ވިއްކައިގެން މާބޮޑު އާމްދަނީއެއް އެބަ ލިބޭ. މާ ރަނގަޅު އަގުގައި ވިއްކޭ. ކަރާވެސް 25-30 ރުފިޔާއާއި ދެމެދު ކިލޯ ވިކޭ." ތޮއްޑޫއިން ވާހަކަދެއްކި އިތުރު ދެ ދަނޑުވެރިއަކު ބުންޏެވެ.

އަންނަ އަހަރު ފެށިގެންދާނީ ތޮއްޑޫގެ އިތުރު ގެސްޓް ހައުސް ތަރާކައެކުއެވެ. މިއާއެކު އެނދުގެ އަދަދު 1000އަށް އިތުރުވާނެއެވެ. މި ކެޕޭސިޓީއަށް ޚިދުމަތް ދެވޭ މިންވަރަށް ދަނޑުވެރިކަން ފުޅާކުރުމުގެ ޕްލޭންތައް ކައުންސިލްއިން ވަނީ ހަދާފައެވެ. އަދި އޭގެ ބައެއް މަސައްކަތްތައް މިހާރުވެސް ވަނީ ފަށާފައެވެ.

ތޮއްޑުއަކީ ދަނޑުވެރިކަމުގައި ނަމޫނާ ރަށެކެވެ. ދަނޑު ހެއްދުމުގެ މަސައްކަތް ނުކުރާ އާއިލާއެއް ރަށުގައި ނެތެވެ. މިއީ ބުރަ ބޮޑު މަސައްކަތެކެވެ. ނަމަވެސް ހިތްވަރާއި ދަނޑުވެރިކަމުގެ ޒަމާނީ ވަސީލަތްތަކާއި އުކުޅުތަކާއެކު ކޮންމެ ރަށެއްގައިވެސް ކުރިއެރުވޭނެ މަސައްކަތެކެވެ. އަދި ބޮޑު އާމްދަނީއެއް ހޯދޭނެ މަސައްކަތެއްވެސް މެއެވެ.