ޚަބަރު

ރާއްޖެއިން ބޭނި ބޮޑު "ބްލެކް ސްނޫކް" ދުނިޔޭގެ ރެކޯޑަކަށްވުމުގެ ފުރުސަތު ބޮޑު!


ރާއްޖެއިން ބޭނި ބްލެކް ސްނޫކް މަހެއް، މިހާތަނަށް ބޭނި އެންމެ ބޮޑު ބްލެކް ސްނޫކަށްވުމުގެ ފުރުސަތު އެބައޮތްކަމަށް އިންޓަރނޭޝަނަލް ގޭމް ފިޝް އެސޯސިއޭސަން އައި.ޖީ.އެފްއިން ބުނެފިއެވެ.

ރާއްޖެއިން ބޭނި ބްލެކް ސްނޫކް މަހުގައި 14.06 ކިލޯގްރާމް ހުއްޓެވެ. އެމަހުގެ ދިގުމިނުގައި 68.5 އިންޗި ހުއްޓެވެ.

މިމަސް ބޭނީ އެމެރިކާގެ ދޮށި އުފައްދާ ކުންފުންޏެއް ކަމަށްވާ "ޓެމަޕަލް ރީފް" ނަމަކަށް ކިޔާ ދޮށިތަކެއް ޓެސްޓްކޮށް މާކެޓް ކުރުމަށް އައި ތެރަރޯޓްއާ ކިޔާ އެމެރިކާގެ މަސްވެރިއެކެވެ.

މިމަހަކީ މިހާތަނަށް ބޭނި އެންމެ ބޮޑުމަސްކަަމަށް އައިޖީއެފްއިން އަދި ރެކޯޑްކޮށްފައެއް ނުވެއެވެ. މިމަހުގެ ފޮޓޯ ވީޑިއޯ އަދި މަސްކިރާ މިންއެޅި ހުރިހާ އެއްޗެއް މަސްވެރިކަން ކުރުމަށް އައި މިގްރޫޕުން އައިޖީއެފް ގެންގޮސް ހުށައަޅާފައިވާއިރު މިކަން މިހާރު އޮތީ ރިވިއު ކުރުމުގެ މަރުހަލާގައެވެ. އަދި ރާއްޖެއިން ބޭނި މިމަސް ދުނިޔޭގެ ރެކޯޑްއަށް އެރުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް އައިޖީއެފްއިން ބުނެއެވެ.

އައްޑޫ ސްޕޯޓްސް ފިޝިން ޗާޓަގައި މި ދޮށި ޓެސްޓް ކުރުމަށް ކުރި ދަތުރުތަކަކީ ވަރަށް ކާމިޔާބު ދަތުރުތަކެއްކަމަށާ، ރާއްޖެއަކީ އަބަދުވެސް މަސްބާނަން އަންނަަން ބޭނުންވާ ގައުމެއްކަމަށް މިމަސް ބޭނީ ރަރޯޓްއާ ބޭރުގެ މީޑިއާތަކަށް މައުލޫމާތުދެމުން ބުނެފައިވެއެވެ. އެގޮތުން ރާއްޖޭގައި ހޭދަކުރި 9 ދުވަހަކީ މަސްވެރިކަމުގެ ތަފާތު އެހެން ތަޖުރިބާތަކެއް ކުރެވުނު ދުވަސްތަކެއްކަމަށް އޭނާ ވަނީ ބުނެފައެވެ.

މިމަކީ 500 މީޓަރުގެ ފުނުގައި އުޅޭމަހެކެވެ. ރޭގަނޑު ގަޑިތަކުގައި ފުނުގައި އުޅޭމަސް ތިލަތަން ތަނަށް އަރަނީ ހަންޓް ކުރަން ނުވަތަ ކާއެއްޗެއް ހޯދުމަށެވެ.

ރާއްޖެއިން ބޭނި މި މަސް ބާނާފައިވަނީ އިރު އޮއްސި އަނދިރިފަހުން ގާތްގަނޑަކަށް 19؛30 ހާއިރު 300 މީޓަރު އަޑިންކަމަށް އައްޑޫ ސްޕޯޓްސް ފިޝިންގެ ވެރިޔާ އަބްދުﷲ އާނިފް ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން ބުންޏެވެ.

އާނިފް ބުނީ މިކަމާ ގުޅިގެން ރާއްޖެ މަސްވެރިކަން އެހެން ހަރުފަތަކަށް ދާނެކަމަށާއި، މިމަހުގެ ފައިދާ ރާއްޖޭގެ ހުރިހާ މަސްވެރިންނަށް ކުރާނެކަމަށެވެ. މިއީ ރާއްޖޭގެ ސްޕޯޓްފިޝިން ޗާޓަރ ހިންގާ ފަރާތްތަކަށް މިމަސްވެރިކަން މާކެޓް ކުރުމަށް ލިބުނު ރަނުގެ ފުރުސަތެއްކަމަށް އޭނާ ސިފަކުރިއެވެ.

"އަހަރެންނާއެކު ގޮސް މި މަސްބޭނުނަސް މީހަމައެކަނި އަހަރެންނަށް ލިބުނު އުފަލެއްކަމަކަށް ނުދެކެން. މިއީ ރާއްޖޭގައި މިމަސްވެރިކަން ކުރާ ހުރިހާފަރާތްތަކަށް ލިބުނު ރަނުގެ ފުރުސަތެއްގޮތައް މިކަން ސިފަކުރާނީ އެއީ ރާއްޖޭގެ މަސްވެރިކަން މިކަމާ ގުޅިގެން ވަަރަށްބޮޑަށް އިސްތިހާރުވެގެންދާނެކަމަމެއްމީ" ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން އަބްދުﷲ އާނިފް ބުންޏެވެ.

މިމަސް ލޯންޗާހަމައަށް ނުވަތަ ފެނުން މައްޗައް ނެގުނީ 25 ވަރަކަށް މިނެޓް ފަހުންކަމަށް އާނިފް ބުންޏެވެ. މީގެ ތަފާތު މަސް ރާއްޖެއިން މިފަހަކަށް އައިސް މަސްވެރިން އަންނަނީ ބާނަމުންނެވެ. އެހެންނަމަވެސް އެ ރެކޯޑް ބެލެހެއްޓުމުގެ އެއްވެސް އިންތިޒާމެއް ނެތުމަކީ ރާއްޖެ ސްޕޯޓްސް ފިޝިން އިންޑަސްޓްރީގައި ކުރިއަށްދިއުމަށް އޮތް ގޮންޖެހުމެއްކަމަށް ރާއްޖޭގައި އެންމެ ފުޅާކޮށް ސްޕޯޓްސްޗފިޝިންގ ޗާޓަރ ހިންގާ އާނިފް ސިފަކުރެއްވިއެެވެ.

މިހާތަނަށް އައިޖީއެފްއޭގައި ރެކޯޑްކޮށްފައި ވަނީ 12.50 ކިލޯ ގްރާމް ނުވަތަ 27 ޕައުންޑްސްގެ ބްލެކް ސްނޯކްއެކެވެ. އެމަސް ބާނާފައި ވަނީ 2017 ވަނަ އަހަރު ޖަޕާންގެ މަސްވެރިއެއްކަމަށްވާ ޓޮކުނޮއޮޝިމާ ކިޔާ މީހެކެވެ.