ޚަބަރު

ބްރޯޑްކާސްޓަރުންނަށް އޯގަސްޓުމަހު އެވޯޑް ދެނީ


ބްރޯޑްކާސްޓަރުންގެ އަގު ވަޒަންކުރުމުގެ ގޮތުން ދޭން ނިންމާފައިވާ "މޯލްޑިވްސް ބްރޯޑްކާސްޓިން އެވޯޑު" އޯގަސްޓްމަހު ދިނުމަށްޓަކައި މަސައްކަތް ކުރަމުން އަންނަކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ވިދާޅުވީ އެވޯޑް ދިނުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަމަށާއި ބައެއް ކަންކަން މިހާރުވެސް ނިމިފައިވާކަމަށެވެ. އަދި މިހާރު ރޭވިފައިވާ ގޮތަށް ކަންކަން ކުރިއަށްދާނަމަ މިއަހަރުގެ އޮގަސްޓްމަހޫ އެވޯޑް ހަފްލާ ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަކަމަށް މަރިޔަމް ވަހީދާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ބްރޯޑްކާސްޓް ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން “މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް”ގެ އެންމެހާ ކަންކަން އިންތިޒާމުކޮށް ރާވައި، ހިންގައިދޭނެ ފަރާތެއް ހޯދުމަށްވެސް ވަނީ އިޢުލާންކޮށްފައެވެ. އެކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން ކަނޑައެޅިފައިވާ އުޞޫލުގެ މަތިން އަންދާސީ ހިސާބު ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލާފައެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން އެވޯޑް ހަފްލާ ބޭއްވުމަށް އެންމެ ފުރަތަމަ ނިންމީ މިދިޔަ އަހަރުއެވެ. ނަމަވެސް ކޮވިޑްގެ ހާލަތާ ގުޅިގެންނާއި ބަޖެޓުގެ ބައެއް ދަތިތައް ހުރުމާއި ގުޅިގެން މިއަހަރަށް އެވޯޑް ހަފްލާ ފަސްކުރީއެވެ.

ރާއްޖޭގައި މީގެކުރިން ބްރޯޑްކާސްޓަރުންނަށް ހާއްސަކޮށްގެން އެވޯޑެއް ދީފައެއް ނުވެއެވެ. ނަމަވެސް މޯލްޑިވްސް މީޑިއާ ކައުންސިލުން ދެމުންދާ ނޫސްވެރިކަމުގެ އެވޯޑްގައި ބްރޯޑްކާސްޓަރުންނާ ގުޅޭ ބައެއް ދާއިރާތަކުން އެވޯޑް ދެމުންގެންދެއެވެ.