ވިޔަފާރި

ފުވައްމުލަކު ބަނދަރަށް ވަންނަ ސަފާރީތަކުން ފީބޮޑުކުރުމުން ކަންބޮޑުވުން


ފުވައްމުލަކު ބަނދަރަށް އަންނަ ސަފާރީތަކުން ނަގާ ފީބޮޑުކުރުމާ ގުޅިގެން ގިނަ ޢަދަދެއްގެ ސަފާރީތަކާއި މި ސިނާއަތުގައި މަސައްކަތްކުރާ ގިނަ ޢަދަދެއްގެ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ވަނީ 1 އޭޕްރީލްއިން ފެށިގެން ފުވައްމުލަކު ބަނދަރަށް ވަންނަ ސަފާރީތަކުން ފީގެގޮތުގައި ދުވާލަކަށް 500 ޑޮލަރު ނެގުމަށް ފުވައްމުލަކު ސިޓީ ކައުންސިލްގެ 33ވަނަ ޢާންމު ޖަލްސާގައި ނިންމާފައިވާކަމަށެވެ.

މީގެކުރިން ފުވައްމުލަކު ބަނދަރަށް ވަންނަ ސަފާރީތަކުން ނަގަމުންދިޔައީ 50 ޑޮލަރެވެ. މިހާރު މިއަދަދު ވަނީ 500 ޑޮލަރަށް އިތުރުކޮށްފައެވެ.

މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އިސްމާއިލް ހަމީދު ވިދާޅުވީ، ސަފާރީ ބޯޓުވަނުމަށް މިހާރު ނަގަމުންދާ 50 ޑޮލަރުގެ ބަދަލުގައި އަންނަ މަހުގެ 1 އިން ފެށިގެން ސަފާރީ ބޯޓުތަކުން މިހާބޮޑު ފީއެއްނަގަން ނިންމުމަކީ ވަރަށް ދެރަކަމެއްކަމަށެވެ. އެކަށީގެންވާ ފީއެއް ހަމަހަމަކޮއް އެންމެން އަތުން ނެގުމަކީ ރަނގަޅުކަމެއްކަމަށާއި މިހާބޮޑު ތަފާތުތަކެއް އައުމަކީ ދެރަކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

އިސްމާއިލް ހަމީދު އިތުރަށް ވިދާޅުވީ، މިކަމުގައި ހިތާމަކުރަނީ ހަމައެކަނި ސަފާރީތަކުން ނަގަން ނިންމުމުގެ ސަބަބުންކަމަށެވެ. އާންމުކޮށް ދުނިޔޭގެ ގައުމުތަކުގައި މިކަހަލަ ކަންކަން ކުރާއިރުގައި ބަލަނީ އުޅަނދުގެ ސައިޒާއި އަދި ބޭނުންކުރާ ވަގުތައްކަމަށެވެ. ނަމަވެސް މިކަންކަމަށް ރިއާޔަތްނުކޮށް މިގޮތައް ފީތައް ނަގަން ނިންމުމަކީ ކަންބޮޑުވާކަމެއްކަމަށް އިސްމާއިލް ހަމީދު ވިދާޅުވިއެވެ.

މިމަހުގެ 6ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި މުޅި ޖުމްލަ 150 ސަފާރީ އަންނަނީ އޮޕަރޭޓްކުރަމުންނެވެ. މި 150 ސަފާރީގައި މުޅި ޖުމްލަ 2954 އެނދު އޮޕަރޭޓްކުރެއެވެ.