ޚަބަރު

ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި


ގދ.ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.

ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ގދ.ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސަރ ޝާހިދު ހުސެއިން މޫސާއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިއާ އަހުމަދު ހަމީދެވެ.

210 ދުވަސް ތެރޭ ނިންމުމަށް ހަވާލްކޮށްފައިވާ މި މަސައްކަތުގެ ދަށުން 461 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 240 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 6،600 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

ގދ.ރަތަފަންދޫ ގޮނޑުދޮށް ހިމާޔަށް ކުރުމުގެ މަޝްރޫއަކީ 27.84 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ ބިޔަ ބޮޑެތި މަޝްރޫތައް ހިންގަމުންނެވެ. އެގޮތުން ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ވަނީ ބަނދަރު ހެދުމާއި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގިނަ މަޝްރޫއުތަކެއް ނިންމާފައެވެ. އަދި މިމަޝްރޫޢުތައް އެމްޓީސީސީން ކުރިޔަށް ގެންގޮސްފައިވަނީ ރައްޔިތުންގެ ޚިޔާލާ އެއްގޮތަށެވެ.