ވިޔަފާރި

އެސްއެމްއީ ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި


އެސް.އެމް.އީ ލޯނަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު އިޤްތިޞާދީ ތަރައްޤީއާބެހޭ ވުޒާރާއިން ހުޅުވާލައްވައިފިއެވެ. އެވުޒާރާއިން ވިދާޅުވީ، ލޯނަށް އެދުމުގެ ފުރުޞަތު މިއަދުން ފެށިގެން މިހަފްތާގެ ބުރާސްފަތިދުވަހުގެ އޮފީސް ބަންދުވުމާއި ހަމައަށް ހުޅުވާލާފައިވާކަމަށެވެ.އެންމެ ކުދި ފަންތިއާ، މެދު ފަންތީގެ ވިޔާފަރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިޔަށްގެންދަވާ މި ލޯނު ސްކީމަކީ އިޤްތިޞާދީ ތަރައްޤީއާބެހޭ ވުޒާރާއިން ކުރިޔަށްގެންދަވާ 50 މިލިއަން ރުފިޔާގެ ލޯނު ސްކީމެކެވެ. މި ލޯނަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އިޤްތިޞާދީ ތަރައްޤީއާބެހޭ ވުޒާރާއާއި އަތޮޅުތެރޭގައި ޤާއިމްކޮށްފައިވާ 6 ބިޒްނަސް ސެންޓަރުގެ އިތުރުން އީމެއިލްމެދުވެރިކޮށް ހުޅުވާލެވިފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާބެހޭ ވުޒާރާއިން ހާމަކުރައްވައެވެ. އަދި މި ލޯނުގައި ރަހުނެއް ބަހައްޓަން ނުޖެހޭނެކަމަށާ، ލޯނުގެ އިންޓްރެސްޓަކީ އަހަރަކު %9 ކަމަށްވެސް އެ ވުޒާރާއިން ހާމަކުރައްވައެވެ.އެސްއެމްއީ ލޯނަށް އެދޭ އަމިއްލަ ފަރުދަކަށް އެންމެ ގިނަވެގެން 500،000 ރުފިޔާ ދޫކުރުމަށް ނިންމަވާފައިވެއެވެ. ކޯޕަރޭޓިވްސް ނުވަތަ ގިނަ ބަޔަކު ޙިއްސާވާ ވިޔަފާރިތަކަށްދޫކުރުމަށް ހަމަޖައްސަވާފައިވަނީ، ގިނަވެގެން 1.5 މިލިއަން ރުފިޔާކަމަށް އިޤްތިޞާދީ ތަރައްޤީއާބެހޭ ވުޒާރާއިން މަޢުލޫމާތުދެއްވައެވެ. އެވުޒާރާއިން ވިދާޅުވީ، ލޯނު ފައިސާ 3 މަސް ދުވަހުގެ ތެރޭގައި ދޫކުރުމަށް މަސައްކަތް ކުރައްވާނެކަމަށާއި މި ފައިސާ ދޫކުރައްވަން ހަމަޖެހިފައިވަނީ ބައިބަޔަށް ބަހާލައްވައިގެން ކަމަށެވެ.އެސްއެމްއީ ލޯނަކީ ޒުވާނުންނަށް ޚާއްޞަކޮށް، ޒުވާން ވިޔަފާރިވެރިން އުފެއްދުމުގެ މަޤްޞަދުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިޤްޠިޞާދީ ސިޔާސަތުގެ ދަށުން ކުރިޔަށްގެންދަވާ ލޯން ސްކީމެކެވެ.