ޚަބަރު

މިއަހަރު ޔޫކްރެއިންގެ އުފެއްދުންތެރިކަމުގެ ދެބައިކުޅަ އެއްބައި މަދުވާނެ


ރަޝިޔާއިން ޔޫކްރެއިނަށް ދެމުންދާ ޙަމަލާތަކުގެ ސަބަބުން އިޤްތިޞާދީ މަސްދަރުތަކަށް އަސަރުކޮށްފައިވާތީ، މިއަހަރު ޔޫކްރެއިންގެ އުފެއްދުންތެރިކަން 45.1 އިންސައްތަ ދަށަށް ދާނެކަމަށް ވޯލްޑް ބޭންކުން ހާމަކޮށްފިއެވެ.

ވޯލްޑް ބޭންކުން މިހަފްތާގައި ނެރުނު އަންދާޒާ ރިޕޯޓުތައް ދައްކާގޮތުން ހަނގުރާމައިގެ ސަބަބުން މިއަހަރު ޔޫކްރެއިންގެ އިތުރުން ރަޝިޔާއާއި، ކައިރި އެހެން ޤައުމުތަކުގެ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީ.ޑީ.ޕީ) އަށް ވެސް އަސަރު ކުރާނެއެވެ. އެގޮތުން ރަޝިޔާގެ ޖީ.ޑީ.ޕީ 11.2 އިންސައްތަ ދަށްވާނެކަމަށް ލަފާކޮށްފައިވާއިރު، ޔޫކްރެއިނާއި، ބެލެރޫސް އާއި، މޮލްޑޯވާ ހިމެނޭހެން ވިލާތުގެ އިރުމަތީ ސަރަޙައްދުގެ ޖީ.ޑީ.ޕީ 30.7 އިންސައްތަ ދަށަށް ދާނެކަމަށް ލަފާކޮށްފައިވެއެވެ. އަދި ވިލާތުގެ މެދުތެރޭގެ ޤައުމުތައް ހިމެނޭ ސަރަޙައްދުން 3.5 އާއި 4.7 އިންސައްތައާއި ދެމެދުގައި އުފެއްދުންތެރިކަން ދަށްވާނެކަމަށް ލަފާކޮށްފައިވެއެވެ.

ވޯލްޑް ބޭންކުގެ ރިޕޯޓުގައި ލަފާކޮށްފައިވާގޮތުން ޔޫކްރެއިންގެ ދެބައިކުޅަ އެއްބައި ވިޔަފާރިތައް ވަނީ ހުއްޓިފައެވެ. އަދި ބޯޓުފަހަރުތަކަށް ކަޅު ކަނޑު ބަންދުކުރުމުން އެ ޤައުމުން ބޭރުކުރާ ގޮދަނުގެ 90 އިންސައްތަ ވިޔަފާރި ހުއްޓިފައިވާއިރު، ޖުމްލަ އެކްސްޕޯޓުގެ ދެބައިކުޅަ އެއްބައި ވަނީ މެދުކެނޑިފައެވެ.

ރަޝިޔާގެ އުފެއްދުންތެރިކަން ދަށްވާނެކަމަށް ލަފާކޮށްފައިވަނީ މާލީގޮތުން އެ ޤައުމާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުންނެވެ. ހަނގުރާމައިގެ ސަބަބުން ވިލާތުގެ އިރުމަތީ ޤައުމުތަކުގެ ވިޔަފާރިއަށް ބުރޫއަރާފައިވާއިރު، ވިލާތުގެ މެދުތެރޭގެ ޤައުމުތަކުގެ ވިޔަފާރިތަކަށް އޮންނަ ޑިމާންޑް ދަށަށްގޮސް، ތަކެތީގެ އަގު އުފުލުމުގެ އިތުރުން، ރެފިއުޖީން އެތެރެވާލެއް ގިނަކަމުން، އިޤްތިޞާދަށް އަސަރު ކުރާނެކަމަށް މި ރިޕޯޓުތަކުން ހާމަކުރެއެވެ.

ހަނގުރާމައިގެ ސަބަބުން ޔޫކްރެއިންގެ ގިނަ ސަރަޙައްދުތަކުގައި އެއްވެސް ވަރަކަށް ވިޔަފާރި ކުރިއަށް ގެންދެވޭނެގޮތެއް ނެތުމުންނާއި، އެހެނިހެން ގެއްލުމުގެ އަގު ނޭނގޭތީ، އިޤްތިޞާދީ ދުވެއްޔަށް އައިސްދާނެ ބަލަދު އަންދާޒާކުރަން ދަތި ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ. މާރިޗު މަސް ފެށުނުއިރު ޔޫކްރެއިންގެ ޢިމާރާތްތަކަށް ލިބުނު ގެއްލުމުގެ އަގު 100 ބިލިއަން ޑޮލަރަށް އަރާއިރު، މިހާރު އެ ޢަދަދު އެތައް ގުނައެއް އިތުރުވެގެން ގޮސްފައިވާނެކަމަށާއި، ނަމަވެސް ޖީ.ޑީ.ޕީގެ އަންދާޒާ އެކުލަވާލުމުގައި މިފަދަ ގެއްލުމުގެ މިންވަރު ހިމަނާފައި ނުވާނެކަމަށް ވޯލްޑް ބޭންކުން ބުނެއެވެ. އެހެންކަމުން މިއަހަރު ޔޫކްރެއިންގެ ޖީ.ޑީ.ޕީ 75 އިންސައްތަ ދަށަށް ދިއުންވެސް އެކަށީގެންވާކަމަށް، ވޯލްޑް ބޭންކުން ހާމަކުރެއެވެ.

އިޤްތިޞާދަށް ގެއްލުންވަމުންދާތީ މާރިޗު މަހުގެ މެދުތެރޭގައި ޔޫ.އެން.ޑީ.ޕީން ވަނީ ޔޫކްރެއިންގެ 90 އިންސައްތަ މީހުން ފަޤީރުކަމާއި ކުރިމަތިލާން ޖެހިދާނެކަމަށް ބުނެފައެވެ. މި ޙާލަތުން އަރައިގަތުމަށް ޔޫކްރެއިނަށް މާލީ އެހީތެރިކަން ދިނުމުގެ ގޮތުން ވޯލްޑް ބޭންކުން ވަނީ ހަނގުރާމަ ފެށުނުފަހުން ލޯނާއި ފައިސާގެ އެހީގެ ގޮތުގައި 923 މިލިއަން ޑޮލަރު ދޫކޮށްފައެވެ. އަދި އިތުރު 2 ބިލިއަން ޑޮލަރުގެ ޕެކޭޖެއްވެސް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެ ބޭންކުން ބުނެއެވެ.