ޚަބަރު

ދޯހަޅި ސިޔާސަތުތަކެއް ގެންގުޅުނުނަމަ ލަންކާއަށް ދިމާވި ހާލަތު ރާއްޖެއަށްވެސް ކުރިމަތިވީސް!


އަވަށްޓެރި ސްރީލަންކާގެ ރައްޔިތުން މިހާރު ކުރިމަތިލަމުންދާ އިޤްތިޞާދީ ކަރިޘާއަކީ 1948 ވަނަ އަހަރު އިނގިރޭސިންގެ އަތުން އެ ޤައުމަށް މިނިވަންކަން ލިބުނުފަހުން ދިމާވެގެން އުޅޭ އެންމެ ބޮޑު ކާރިޘާ ކަމަށް އެ ޤައުމުގެ ރައްޔިތުން ސިފަކުރެއެވެ. އެޤައުމުގައި މީހުންގެ އަތުން ފައިސާ ހުސްވެ، ޚިދުމަތާއި ޒަރޫރީ ތަކެތި ލިބުން ދަތިވެފައިވާއިރު، ޤައުމު ވަނީ ތެލާއި، ކާބޯތަކެއްޗަށް ޖެހިފައެވެ. މި ޙާލަތަކީ ކުއްލިއަކަށް ދިމާވި ކަމެއް ނޫން ކަމަށާއި، ގިނަ ދުވަސްތަކެއް ވަންދެން ހުރި މައްސަލަތަކަށް ޙައްލެއް ނުލިބި ހުރުމުގެ ސަބަބުން އިޤްތިޞާދު އަރި އަޅާލީކަމަށް ޚަބަރުތައް ބުނެއެވެ. 22 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ލަންކާގައި އަސާސީ ޚިދުމަތް ދިނުމަށް ނުކުޅެދި، ޤައުމު ދަރަނީގެ ތެރެއަށް ޣަރަޤުވެފައިވާއިރު، މިކަމުގެ ފަހަތުގައިވާ ސަބަބުތަކަކީ ކޮބައިކަން ބަލާލުން މުހިއްމެވެ.

ޕެންޑެމިކާ ގުޅިގެން ލަންކާގެ އިޤްތިޞާދަށް އަންނަމުންދިޔަ ލޮޅުންތައް:

ފަތުރުވެރިކަމަކީ ލަންކާގެ ޖީ.ޑީ.ޕީގެ 10 އިންސައްތަ ހިއްސާކުރާ ސިނާޢަތެވެ. 2019 ވަނަ އަހަރު ކޮލަމްބޯގައި ދިން ޓެރެރިސްޓް ޙަމަލާތަކަށްފަހު ލަންކާގެ ފަތުރުވެރިކަމަށް އަސަރުކޮށްފައިވަނިކޮށް، ޕެންޑެމިކުގެ ސަބަބުން އެ ސިނާޢަތް އެއްކޮށް ފުނޑިގެންދިޔައެވެ. މިއާއެކު ބޭރު ފައިސާ އެތެރެވުމުގެ މައި ދޮރެއް ބަންދުވީއެވެ. މީގެއިތުރުން ޕެންޑަމިކުގެ ސަބަބުން ބޭރުން މަސައްކަތްތެރިން ފޮނުވާ ރެމިޓެންސް ފައިސާވެސް މަދުވިއެވެ. މާލީ ޙާލަތު ގޯސްވާން ފެށުމުން، ކްރެޑިޓް ރޭޓިންގ އޭޖެންސީތަކުން ލަންކާ ޑައުންގްރޭޑްކުރަން ފެށިއެވެ. އެއާއެކު ބައިނަލްއަޤްވާމީ ކެޕިޓަލް މާކެޓުން ލަންކާއަށް ފުރުޞަތުތައް ގެއްލުނެވެ. ބޭރު ފައިސާ ހޯދުމަށާއި، ދަރަނި ދެއްކުމަށް އޭރު ބަރޯސާވެގެން ތިބީ މާކެޓު ވިޔަފާރިތަކަށެވެ. އެހެންކަމުން ބޭރު ފައިސާ ނުލިބުމުން ދެން ބޭނުންކުރަންފެށީ ޤައުމުގެ ފޮރިން ރިޒާވްގައި ހުރި ފައިސާއެވެ. އެންމެ ފަހުން ޒަރޫރީ ތަކެތި ގަތުމަށް ފޮރިން ރިޒާވުން ފައިސާ ހުސްވީއެވެ.

ލަންކާގެ އިޤްތިޞާދީ ސިޔާސަތުތަކުގެ ދޯހަޅިކަން:

ލަންކާގައި އެކި ސަރުކާރުތަކުން ގެންގުޅެމުން އައި ދޯހަޅި ސިޔާސަތުގެ ސަބަބުން އެ ޤައުމުގެ އިޤްތިޞާދު ނާޒުކު ޙާލަތުގައި އޮންނަތާ އަހަރުތަކެއް ވެފައިވާކަމަށް ތަޖުރިބާކާރުން ބުނެއެވެ. ކަންމިހެން އޮތްވައި 2019 ވަނަ އަހަރު ރިޔާސީ އިންތިޚާބާއި ދިމާކޮށް ތެލާއި އެކި ބާވަތްތަކުން ބޮޑު ޢަދަދުތަކުން ޓެކްސް އުނިކުރަން ނިންމުމުން ދައުލަތަށް ލިބެމުންދިޔަ އާމްދަނީއަށް އަސަރުކޮށްފައިވެއެވެ. އޭގެ ފަހުން އޭޕްރީލް 2021 ގައި ލަންކާ ސަރުކާރުން 100 އިންސައްތަ އޯގަނިކް ކާބޯތަކެތި އުފެއްދުމަށްކަމަށް ބުނެ ކެމިކަލް ފާޓިލައިޒާ އެތެރެކުރުން މަނާކުރުމުން، ދަނޑުވެރިކަމުން ލިބެމުންއައި އުފެއްދުން 50 އިންސައްތަ ދަށަށްދިޔަކަމަށް ވެއެވެ. ލަންކާއިން އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައި.އެމް.އެފް) ގެ އެހީ ހޯދުމަށް ތަޖުރިބާކާރުން ތަކުރާރުކޮށް ބުނަމުންދިޔަ ނަމަވެސް، ރާޖަޕަކްސަގެ ސަރުކާރުން އެކަން ކޮށްފައެއް ނުވެއެވެ. ސަބަބަކީ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ބޭރުގެ އެހީ ނުހޯދާނެކަމަށް ބުނެފައިވާތީއެވެ.

ޢާއިލީ ވެރިކަމެއްގައި ސިޔާސީ ވެރިންގެ ނުފޫޒު:

ލަންކާގައި މިހާރު މުޒާހަރާކުރަމުންދާ ގިނަ ރައްޔިތުންގެ ޝަކުވާއަކީ މިހާ ބޮޑު އިޤްތިޞާދީ އަނދަވަޅަކަށް ޤައުމު ވެއްޓިފައިވާއިރު، ސަރުކާރުގެ ޢަމަލުތައް ހުރީ ވަރަށް އިންތިޒާމު ކުޑަކޮށް، ފަރުވާކުޑަކޮށް ކަމަށެވެ. މިފަދައިން ތުޙުމަތުކޮށް، މުޒާހަރާގައި ރައްޔިތުން ދަނީ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އިސްތިއުފާދިނުމަށް ގޮވާލަމުންނެވެ. އޭނާގެ ވެރިކަމުގައި ސިޔާސީ ނުފޫޒުން ޢާއިލީ ވެރިކަމެއް ޤާއިމުކޮށް، ކޮރަޕްޝަން ހިންގަމުންދާކަމަށާއި، ދައުލަތުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަކީ މަސްއޫލިއްޔަތު އަދާކުރުމުގެ ފުރިހަމަ ތަޖުރިބާ ލިބިފައިވާ މީހުން ނޫންކަމަށް ތަޖުރިބާކާރުންނާއި، އެ ޤައުމުގެ ރައްޔިތުންވެސް ދަނީ ބުނަމުންނެވެ. ލަންކާގެ އާބާދިގެ މެޖޯރިޓީ ކަމަށްވާ ސިންހަޅަ ބުދިސްޓުންގެ ބޮޑު ތާޢީދެއް އޮންނަ ގޮތަބަޔާ ރާޖަޕަކްސަ އެ ޤައުމުގެ ވެރިޔަކަށް އިންތިޚާބުކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ.

ސަޕޯޓަރުން އޭނާއަށް ތާޢިދުކުރާ މައިގަނޑު ސަބަބަކީ 2009 ވަނަ އަހަރު އެ ޤައުމުގައި ގިނަ ދުވަސްތަކެއްވަންދެން އޮތް ދާޚިލީ ހަނގުރާމާ ހުއްޓުމަކަށް ގެނައީ އޭނާ ކަމަށް ބުނެއެވެ. އޭގެ ފަހުން 2020 ގައި ރައީސްގެ ކޮއްކޯފުޅު ކަމަށްވާ އަދި ލަންކާގެ ކުރީގެ ރައީސްކަންވެސް ކުރެއްވި މަހިންދުރަ ރާޖަޕަކްސަ، ބޮޑުވަޒީރުކަމަށް އިންތިޚާބު ކުރިއެވެ. 2021 ވަނަ އަހަރު ރާޖަޕަކްސަ ޢާއިލާގެ ބާސިލް ރާޖަޕަކްސަ، މާލީ ވަޒީރުކަމަށް ޢައްޔަނުކުރިއެވެ. އަދި ސަރުކާރުގެ ޤާނޫނުހަދާ މަޖިލީހުގެ މެމްބަރެއްގެ އިތުރުން 2020ވަނަ އަހަރުން ފެށިގެން ކުޅިވަރާއިބެހޭ ވަޒީރު ކަމުގައި ހަމަޖައްސާފައިވަނީ ބޮޑުވަޒީރުގެ ދަރިކަލުން ނަމާލް ރާޖަޕަކްސަ އެވެ. މިދިޔަ ހަފްތާގައި އެ ޤައުމުގައި ހަމަނުޖެހުންތައް އިތުރުވާން ފެށުމުން ބާސިލް އާއި ނަމާލް ވަނީ ވަޒީފާއިން ވަކިވެފައެވެ.

ލަންކާގެ މިހާރުގެ މާލީ ޙާލަތު:

ލަންކާއަކީ ގިނަ ތަކެތި އިމްޕޯޓުކޮށްގެން ހޯދާ ޤައުމެކެވެ. އެގޮތުން ތެލާއި، ކާބޯތަކެއްޗާއި، ކަރުދާހާއި، ގޮދަނާއި، އުޅަނދުފަހަރާއި، މިފަދަ އެތަކެއް ޒަރޫރީ ސާމާނެއް ހިނެމެނެއެވެ. ދައުލަތުގެ ޚަރަދުތަކާއި ލިބޭ އާމްދަނީ ނުބައްދަލުވެފައި ވަނިކޮށް އަހަރުތަކަކަށް މެދިގެންގޮސްފައިވާ ސަރުކާރުގެ ފަރުވާކުޑަކަމާއި، ކޮރަޕްޝަނާއި، ޕެންޑަމިކުގެ ސަބަބުން މި ޙާލަތު އިތުރަށް ގޯސްވީއެވެ. ބޭރަށް މުދާ ވިއްކައިގެން ފައިސާ ހޯދޭވަރަށްވުރެ އެ ޤައުމުގެ އަމިއްލަ އުފެއްދުންތެރިކަން ދަށެވެ. ލަންކާއިން ޤައުމުތަކަށް ދައްކަންޖެހޭ ގިނަ ލޯނުތަކެއް ހުރިއިރު، ލޯނު ނުދެއްކި ޑިފޯލްޓްވުމުގެ ބިރު އެބައޮތެވެ. އެ ޤައުމުގެ ފޮރިން ރިޒާވުގައި 2019 ވަނަ އަހަރު 7.5 ބިލިއަން ޑޮލަރު ހުރިއިރު، ޖުލައި 2021 ގައި އެ ޢަދަދު ވަނީ 2.8 ބިލިއަން ޑޮލަރަށް ވެއްޓިފައެވެ. ޑޮލަރު ގަތުމަށް ޢާއްމުންގެ ޖީބުން އިތުރަށް ޚަރަދުކުރަން ޖެހުމުން ލަންކާ ރުޕީސްގެ އަގު 3 ގުނަ ވެއްޓި، މި ފައިސާއަކީ މިއަހަރު އެންމެ ބޮޑަށް އަގު ވެއްޓުނު ފައިސާގެ ގޮތުގައި ވަނީ ވެފައެވެ. ލަންކާ ފައިސާއިން ޑޮލަރެއް ގަންނަން ލިބޭ އަގު ހުރީ 200 ރުޕީސްއިން މަތީގައެވެ.

ލަންކާގެ އިންފްލޭޝަން 19 އިންސައްތައަށް އުފުލިފައިވާއިރު މިއީ މިހާރު އޭޝިޔާގައި އިންފްލޭޝަން އެންމެ މަތިވެފައިވާ ޤައުމެވެ. ގިނަ އަހަރުތަކެއް ވަންދެން މަތިމައްޗަށް ޖެހެމުން އައިސްފައިވާ ދަރަނި ނުދެއްކިގެން އުޅެނިކޮށް، މިއަހަރު އެކަނިވެސް ޖުމްލަ 7 ބިލިއަން ޑޮލަރުގެ ލޯނު ދައްކަންޖެހިފައި އެބައޮތެވެ. ނަމަވެސް ރިޒާވުގައި ހުރީ އެންމެ 1.9 ބިލިއަން ޑޮލަރެވެ. ޗައިނާއަށް 5 ބިލިއަން ޑޮލަރު ދައްކަންޖެހިފައި އެބައޮތެވެ. ޗައިނާއިން 2021 ގައި ނެގި 1 މިލިއަން ލޯނު މިހާރު ދައްކަމުންދާއިރު، މީގެ އިތުރުން އިންޑިއާއާއި ޖަޕާނަށްވެސް ލަންކާއިން އޮތީ ދަރާފައެވެ. ލަންކާގެ ދަރަނީގެ ތެރެއިން ޖަނަވަރީމަހު ވަނީ 500 މިލިއަން ޑޮލަރު ދައްކާފައެވެ. ޖުލައިގެ ނިޔަލަށް 1 ބިލިޔަން ޑޮލަރު ދައްކަންޖެހިފައި އެބައިއޮތެވެ. މާލީ އެހީގެ ގޮތުގައި އިންޑިއާއިން އެންމެ ފަހުން ހޯދި ލޯނު، މަދު ދުވަސްކޮޅެއްގެ ތެރޭގައި ބޭނުންކޮށް ހުސްވީކަމަށް ޚަބަރުތައް ބުނެއެވެ.

ލަންކާގެ ރައްޔިތުން ދިރިއުޅެމުންދާ ނިކަމެތި ޙާލު:

ފަހުގެ ތާރީޚުގައި ސްރީލަންކާއަށް ދިމާވި އެންމެ ބޮޑު އިޤްތިޞާދީ ކާރިޘާއާއި ގުޅިގެން މިދިޔަ މަހު އެ ޤައުމުގައި ފެށި މުޒާހަރާތައް މިހާރު މިވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. ގިނަ ޢަދަދެއްގެ ރައްޔިތުން ރައީސްގެ ގެކޮޅު ކައިރިއަށާއި މަގުތަކަށް އެއްވެ ކުރަމުންދާ މުޒާހަރާތަކުގައި ފުލުންނާއި ޢާއްމުންގެ ގިނަ ބަޔަކަށް އަނިޔާވެސް ވަމުންދެއެވެ. ޕެޕަ ސްޕްރޭ ބޭނުންކޮށްގެން މުޒާހަރާތައް މަތަކުރެވޭތޯ މަސައްކަތްކުރަމުންދާއިރު، ރައްޔިތުން ގޮވާލަމުންދަނީ ރައީސް އިސްތިއުފާދީ، ޤާބިލު ސަރުކާރެއް ގެނައުމަށެވެ.

ތެޔޮ ނުލިބިގެން ކޮންމެ ދުވަހަކު 13 ގަޑިއިރު ކަރަންޓުކަނޑަމުންދާއިރު، ތެލާއި ގޭސް ލިބޭތޯ 2-3 ދުވަސްވަންދެން މީހުން ކިއުގައި އެބަތިބެއެވެ. ހޫނު އަވީގައި މިގޮތަށް ކިއުގައި ތިބި ބައެއްގެ ތެރެއިން ދެ މީހަކު މަރުވެފައިވާކަމަށްވެސް ޚަބަރުތަކުން ރިޕޯޓުކޮށްފައިވެއެވެ. އަދި ސިއްޙީ ޚިދުމަތް ދިނުމަށް ބޭނުންވާ ތަކެތި ނުލިބުމުގެ ސަބަބުން ފަރުވާ ނުދެވި، އެކަކު މަރުވެފައިވާކަމަށް މަޢުލޫމާތުލިބެއެވެ.

ރައްޔިތުން ބުނާގޮތުން ދިރިއުޅުމުގެ ޚަރަދު 3 ގުނަ އިތުރުވެފައިވާއިރު، ޚިދުމަތުގެ އަގުތައް ހުރީ އަތްނުފޯރާ ފަށުގައެވެ. މީހުންގެ އަތުން ލާރި ހުސްވެ ޚިދުމަތް ހޯދާނެ ބަޔަކު ނުވެ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ދަނީ ބަނގުރޫޓުވަމުންނެވެ. ތާޒާ މޭވާގެ އަގު ހުރީ 5 ގުނަ އުފުލިފައެވެ. ކެއްކުމަށްވެސް ތެލާއި ގޭސް ލިބެން ނެތްއިރު، ފަހުގެ ފޯކާސްޓުތަކުން ދައްކާގޮތުން އޭޕްރީލްގެ ނިޔަލަށް ލަންކާއިން ޑީސެލް ހުސްވާނެއެވެ. މަދުރަސާ ކުދިން އިމްތިޙާނު ހެދުމަށް ކަރުދާހެއް ނެތެވެ. ގިނަ މީހުންނަށް ކާން ލިބެނީ ދުވާލަކު އެއްފަހަރު ކަމަށް ވާއިރު، ފަޤީރު އަވަށްތަކުގެ މީހުން ޙާލުގައި ޖެހޭނެކަމަށް ޚަބަރުތައް ބުނެއެވެ. ލަންކާގެ ޢާއްމު ޙާލަތު ގޯސްވެފައިވާ މިންވަރުން، 4000 އެއްހައި މީހުން ކުރިއަށްއޮތް މަދު ދުވަސްކޮޅުގެ ތެރޭގައި އަވައްޓެރި އިންޑިއާއަށް ހިޖުރަކުރާނެކަމަށް ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ދަނީ އަންދާޒާކުރަމުންނެވެ.

ލަންކާގެ ޙާލަތު ރަނގަޅުކުރެވެން އޮތް މަގުތައް:

ދުނިޔޭގެ މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުން ލަންކާއަށް މިހާރު އެންމެ ބޮޑަށް ބޭނުންވަނީ ބޭރު ޤައުމުތަކުން އަވަސް ފައިސާގެ އެހީއެވެ. ލަންކާއިން މިހާރު ދަނީ މާލީ އެހީ ހޯދުމަށްޓަކައި އައި.އެމް.އެފް އާއެކު މަޝްވަރާކުރަމުންނެވެ. އެއީ އެޤައުމުން ދަރަނި އަދާކޮށް، އިޤްތިޞާދު އަނބުރާ ކޮޅަށްޖެހުމަށް އޮތް ފަހުގެ އުއްމީދެވެ. އެއަށްފަހު އިޤްތިޞާދީ ހަރުދަނާ ސިޔާސަތުތައް ކަނޑައެޅުމުގެ ޤާބިލުކަން ހުރި މީހުން މަޤާމުތަކަށް އިސްކުރަން ޖެހެއެވެ. ލަންކާ ސަރުކާރުން ހާމަކޮށްފައިވާގޮތުން ކުރިއަށްއޮތް 6 މަސްދުވަހުގެ ތެރޭގައި އެ ޤައުމަށް 3 ބިލިއަން ޑޮލަރު ބޭނުންވެއެވެ. އިންޑިއާއިން މިހާރު ވަނީ ލަންކާއަށް ތެލާއި ހަނޑޫ ފޯރުކޮށްދޭން ފަށާފައެވެ.

ލަންކާގެ ޙާލަތު ގޯހުން ގޯހަށް ދާންފެށުމުން މިދިޔަ ހަފްތާގައި ދައުލަތުގެ 40 އަށްވުރެ ގިނަ ވެރިން ސަރުކާރު ދޫކޮށްލާފައިވާތީ، ރާޖަޕަކްސަގެ ސަރުކާރަށް މެޖޯރިޓީ ވަނީ ގެއްލިފައެވެ. ސަރުކާރު ހިންގާ ކޯލިޝަނުން ގިނަ ވަޒީރުންތަކެއް އިސްތިއުފާދިނުމާއި، މަގުތަކުގައި ކުރާ މުޒާހަރާތައް ވަރުގަދަވަމުންދާތީ އެ ޤައުމުގައި މިހާރު ވަނީ ކުއްލި ޙާލަތު އިޢުލާންކޮށްފައެވެ. ރައްޔިތުންގެ ކަންބޮޑުވުންތަކާއެކުވެސް ރައީސް އިސްތިއުފާ ދެއްވަންޖެހޭ ސަބަބެއް ނެތްކަމަށް ރާޖަޕަކްސަގެ ފަރާތުން ވަޒީރަކު ވަނީ މަޖިލީހުގައި ވިދާޅުވެފައެވެ. ލަންކާގެ އިޤްތިޞާދު އެންމެ ބޮޑަށް އަޑިއެޅި ފަހަރު މިކަމުގެ ފަހަތުގައި ވަނީ އިޤްތިޞާދީ ކާރިޘާއަކާ، ސިޔާސީ ކާރީޘާއެއް ކަމަށް، މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ލަންކާ އޮތް ހާލަތަށް ރާއްޖެ ނުގޮސް ސަލާމަތްވީ ކިހިނެތް؟:

ލަންކާއާއި ރާއްޖެއާ އަޅާކިޔާއިރު ދިވެހިރާއްޖޭގެ ޖީ.ޑީ.ޕީގެ 20 އިންސައްތަ ހިއްސާކުރާ އިޤްތިޞާދީ ބަހާއަކީ ފަތުރުވެރިކަމެވެ. ކޯވިޑް-19ގެ ރާޅުން ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްގޮތަށް ރާއްޖެއަށްވެސް ދީލައިނުލެވި، ބޯޑަރު ބަންދުކުރަންޖެހި، ރާއްޖެއަށް ބޭރު ފައިސާ ލިބުމުގެ މަގު ބަންދުވެފައި އޮތްއިރުވެސް ދިވެހިންނަށް ލިބެމުންދިޔަ އެއްވެސް އަސާސީ ޚިދުމަތަކުން މަޙުރޫމު ވެފައި ނުވާކަން ފާހަގަކޮށްލަންޖެހެއެވެ. ދިވެހި ސަރުކާރުން ފުރަތަމަ ބެލީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެ މުހިއްމު ޢަމާޒުކަމުގައި ހަދައިގެން ބަލި ފެތުރުން ކޮންޓްރޯލްކުރުމަށެވެ.

އެއަށްފަހު އިޤްތިޞާދީ ޙަރަކާތްތައް ހުއްޓުނަނުދީ ދެމެހެއްޓުމުގެ ގޮތުންނާއި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ހޯދުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން އިކޮނޮމިކް މިނިސްޓްރީންނާއި، ދައުލަތުގެ ކަމާބެހޭ އެކި ވުޒާރާތަކުން ހަރުދަނާ ނިންމުންތަކެއް ނިންމާފައިވެއެވެ. އޭގެތެރޭގައި ޕެންޑަމިކުގައި ވަޒީފާ ގެއްލި ނުވަތަ އާމްދަނީއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލެވެންސް ދީފައިވެއެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކޯވިޑް-19 ރިކަވަރީ ލޯން ސްކީމުގެ ދަށުން 360 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. ބޮޑެތި ވިޔަފާރިތަކަށްވެސް ލޯން ސްކީމުގެ ދަށުން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. މީގެ އިތުރުން ސްޓޫޑެންޓް ލޯނުތަކާއި އެހެނިހެން ލޯނުތައް ދެއްކުމުގެ މުއްދަތު ފަސްކޮށްދީ، ރާއްޖެއިން ބޭރުގައި ތަޢުލީމު ޙާޞިލުކުރަމުންދިޔަ ދަރިވަރުންގެ އެކައުންޓުތަކުން ބޭރު ފައިސާ ނެގޭ ލިމިޓުތަކަށް އެކަށީގެންވާ ބަދަލު ގެނެސްދީފައިވެއެވެ. ކަރަންޓާއި ފެން ބިލުތަކުން ޑިސްކައުންޓް ދީ، ފްރޮންޓްލައިން ޚިދުމަތްތެރިންނަށް ފްރޮންޓްލައިން އެލެވެންސް ތަޢާރަފްކޮށް، އެލެވެންސް ދީފައިވެއެވެ. އަދި ކޯވިޑް-19އަށް ފަރުވާދޭނެ ފެސިލިޓީތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކޮށްފައިވެއެވެ.

2019 ވަނަ އަހަރު 1.7 މިލިއަން ފަތުރުވެރިންނާއެކު ރާއްޖޭގެ ފަތުރުވެރިކަން ތާރީޚީ އުސްމިނެއްގައި ވަނިކޮށް 27 މާރިޗު 2020 ގައި ރާއްޖޭގެ ބޯޑަރު ބަންދުކުރަންޖެހުނެވެ. އެއަށްފަހު ދުނިޔޭގެ ގިނަ ޤައުމުތަކުން ބޯޑަރު ހުޅުވާލުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅެނީސް ރާއްޖެއިން ބޯޑަރު ހުޅުވާލާފައިވަނީ 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. އެދުވަހު ރާއްޖެ އައީ އެންމެ 212 ފަތުރުވެރިން ކަމަށްވިޔަސް، މިއަދު އެ އަދަދު ވަނީ އެތައް ހާހަކަށް އިތުރުވެފައެވެ.

މިއަދު ރާއްޖެއަކީ އާބާދީގެ ނިޞްބަތުން ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އިޤްތިޞާދުކަމަށް އައި.އެމް.އެފާއި ވޯލްޑް ބޭންކުން ހާމަކުރެއެވެ. ރާއްޖެއިން ވަނީ ކޯވިޑު-19ގެ ދަތި ޙާލަތުގައި 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު ފަތުރުވެރިކަމުގެ ދާއިރާއިން "ވޯލްޑްސް ބެސްޓް ޑެސްޓިނޭޝަން"ގެ އެވޯޑު ޙާސިލުކޮށްފައެވެ. މިއީ ރާއްޖެއަށް ލިބުނު ބޭރުގެ ހިލޭ އެހީތަކުން އިކޮނޮމިކް ރެސްޕޮންސް ޕެކޭޖުތައް ތަޢާރަފްކޮށްގެން ޚިދުމަތް ދިނުމާއި، އަދި ފަތުރުވެރިކަމުގައި ރާއްޖެ އިޝްތިހާރުކުރުމަށް ޢަމަލީގޮތުން ދަތުރު ކުރެވެން ނެތްއިރުވެސް ވަރޗުއަލްކޮށް ހުރިހާ މަހާސިންތާއެއްގައި ބައިވެރިވެގެން ކަމާބެހޭ ވުޒާރާތަކުން ބުރަކޮށް މަސައްކަތްކޮށްފައިވުމުގެ ނަތީޖާއެވެ.

އެހެންކަމުން މިއަދު ރާއްޖެ މިދެކޭ އިޤްތިޞާދީ ހަމަޖެހުމުގެ ސިއްރަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހާއި، ސަރުކާރުން ގެންގުޅުއްވި ހަރުދަނާ ސިޔާސަތުތަކާއި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއެކު ލިބެމުންދާ ކާމިޔާބީތަކެކެވެ. އެެހެންނޫންނަމަ އަވަށްޓެރި ލަންކާއެކޭ އެއްގޮތަށް ޤައުމު އޮންނަނީ ބަނޑަށްޖެހި، ބަނގުރޫޓްވާ ހާލަތުގައެވެ.